މަރުޒުޤު ފޭދޫ ދާއިރާއަށް ވާދަ ކުރައްވަން ނިންމަވައިފި

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ ފޭދޫދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަޙުމަދު މަރުޒޫޤު ވިދާޅުވެއްޖެއެވެ.

މަރުޒުޤު މިކަން ހާމަކުރެއްވީ ފޭސްބުކު މެދުވެރިކޮށް ދެއްވައިފައިވާ ވީޑިއޯ މެސެޖެއްގައެވެ. އޭނާ ވިދާޅުވީ ފޭދޫދާއިރާއަށް ކުރިމަތި ލައްވަންނިންމެވީ އެދާއިރާގެ ޙާލަތު މިހާރަށްވުރެ ރަނގަޅު ކުރުމުގެ މަޤުޞަދުގައި ކަމަށެވެ. އެހެން ކަމުން އެދާއިރާގެ އެމްޑީޕީ މެމްބަރުން އޭނާއަށް ތާއިދު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. މަރުޒޫޤު މިހާރުވަނީ "މަރޭ ނަގާހަށް" މި ޝިޢާރުގެ ދަށުން ޕްރައިމަރީ ކެމްޕޭން ވެސް ފަށައިފައެވެ.

އޭނާ ވިދާޅުވީ މިހާރު ރައްޔިތުންނާއި ގާތުން ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރެވޭނީ ރައްޔިތުންގެ މަޖިލީސް ތެރެއިން ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އެގޮތުން އޭނާގެ އުފަންރަށް ފޭދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތި ލައްވައިގެން ކާމިޔާބު ވެއްޖެނަމަށް ރައްޔިތުންނާ މިހާރަށްވުރެ ވެސް ގާތުން ޚިދުމަތް ކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައިވެއެވެ.

މަޖިލީހަށް ހޮވައިދީފިނަމަ އެންމެ އިސްކަމެއް ދެއްވާނީ އެމްޑީޕީއާއި ކޯލިޝަންގެ މެނިފެސްޓޯގެ ތެރެއިން ސަރުކާރާ ގުޅިގެން ފޭދޫ ދާއިރާގެ ރައްޔިތުން ބޭނުންވާ އިސްލާޙީ ހެޔޮ ބަދަލު ގެންނަވަން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

މަރުޒޫޤަކީ ކުޅިވަރުގެ ދާއިރާގެ ބޭފުޅެކެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލެއްގެ ގޮތުން މިހާރު އޭނާ ހޭދައެކުރައްވަނީ ތިންވަނަ ދައުރެއެވެ. މިވަގުތު ކުޅިވަރުގެ ދާއިރާއިން ޤައުމަށް ޚިދުމަތް ކޮށްދެއްވިޔަސް މަޖިލީސް ތެރެއިން ޤައުމާއި ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމަކީ އޭނާ މިހާރު ވަރަށް ބޭނުންވާ ކަމެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.