ސަރުކާރު ވެގެންދާނީ ރާއްޖެއަށް އިތުރު ކުރިއެރުން ގެނެސްދޭނެ ސަރުކާރަކަށް: ރައީސް

ގުޅިފައިވާ ބަދަހި އިއްތިޙާދަކާއެކު، މިއަދު އުފެދިގެންދިޔަ ސަރުކާރު ވެގެންދާނީ، ހުރިހާ ދާއިރާއަކުން ވެސް ރާއްޖެއަށް އިތުރު ކުރިއެރުމާއި ތަރައްޤީ ގެނެސްދޭނެ ސަރުކާރަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ހުވައި ކުރެއްވުމަށްފަހު ޤައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިސަރުކާރުން ރައްޔިތުންނަށް އިންސާފުވެރި ހެޔޮ ވެރިކަމެއް ކޮށްދެއްވާނެ ކަމަށް ވެސް މިއަދިގެ ޚިތާބުގައި ރައީސް ވިދާޅުވިއެވެ.

"ތަފާތު ސިޔާސީ ފިކުރުތައް ބަދަހިކަމާއެކު ހިފެހެއްޓުމަށް އަޅުގަނޑު ކުރަންޖެހި، ނުކޮށް އޮތީ މިވެނި ކަމެކޭ ބުނެވޭނޭ އެއްވެސް ކަމެއް ދޫކޮށެއް ނުލާނަން،" ރައީސް ވިދާޅުވިއެވެ.

މި ޚިތާބުގައި ރައީސް ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަންކަން އިޢުލާން ކުރައްވައިފައެވެ. އޭގެ ތެރޭގައި ކަރަންޓުގެ އަގު ހެޔޮކޮށްދެއްވުމާއި، ރާއްޖޭގައި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވުމާއި، ސުކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށްޓެވުމާއި، ޙައްޖުގެ އަޅުކަމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނޭ ގޮތް ހަމަޖައްސަވައި ދެއްވުމާއި ރާއްޖޭގެ މަސްކަނޑުތަކުގައި ބޭރުގެ ފަރާތްތަކުން މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުން ހުއްޓައިލުމާއި، ދަނޑުވެރިކަމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓު ޑިއުޓީ ކަނޑައިލައްވުން ފަދަ ކަންކަން ހިމެނިފައިވެއެވެ. މިކަންކަމާބެހޭ އިތުރު ތަފްސީލް މިރޭ ހާމަ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ކަމުގެ ހުވައި ކުރެއްވުމަށްފަހު އެމަނިކުފާނު މިހާރުވަނީ ރައީސް އޮފީހަށް ވަޑައިގެންފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.