(12 ނޮވެމްބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ބަދިގެއަށް ގޮސް ސައިހަދައިގެން ތަބަކުގައި ބަހައްޓައިގެން ހިނިތުންވަމުން ޖަމާލަށް ގޮވާން އާދެއެވެ. ކޮންމެ ދުވަހަކު ފަތިހު ޖަމާލު އޭނާގެ އިސްތަށިގަނޑުގައި ފިރުމައިގެން ނުވަތަ ހީލިކޮއްޓައިލައިގެން އޭނާއަށް ގޮވާންވީ ފަދައިންނެވެ. އެތަކެއް ފަހަރު ގޮވުމުން އެތައް ކަމެއް ދެއްކުމަށް ފަހު ޖަމާލު ތެދުވުމުން ދުވެފައި ގޮސް ކޯދޮންނާނެ ފެން ގެނެއެވެ. ޖަމާލު ސައިބޮއި ނިމެން ވާ އިރަށް ފެން ހޫނުކޮށްގެން ގެންގޮސް ފެންވަރާކޮޓަރީގައި ބަހައްޓައެވެ. ޖަމާލު ފެންވަރާން ވަނުމުން އަވަސްއަވަހަށް ނާސްތާ ތައްޔާރުކުރުމަށް ފަށައިގަނެއެވެ. ޖަމާލު ތައްޔާރުވެގެން އަންނާން ވާ އިރަށް މޭޒުމައްޗަށް ނާސްތާ ތައްޔާރުކުރެއެވެ. އެ ތަނުގައި އިނދެގެން ދެތިން ވާހަކައެއް ބުނެލައެވެ. އެއަށްފަހު ޖަމާލު އޭނާގެ ކުޑަ ކާރަށް އަރައިގެން އޮފީހަށް ހިނގައިދެއެވެ. އަދި ފަރީ ކޮންމެ ދުވަހެއްގެ މަސައްކަތައިގެން މަޝްޣޫލުވެދެއެވެ.
މުޅި ގެ ކުނިކަހައި ފޮޅައި ސާފުކުރެއެވެ. ނިދާކޮޓަރި އަލުން ޒީނަތްތެރިކުރެއެވެ. ބާޒާރުން ގަންނާންވީ ތަކެތި ގަނުވައެވެ. ކައްކައެވެ. އެއަށްފަހު ހަވީރު ނަލަހެދިގެން ޖަމާލަށް އިންތިޒާރުކުރެއެވެ. ފެންނަ ފެނުމުގައި އޭނާ ޖަމާލު ރުހޭ ގޮތަށް އޭނާ ހާނައިލައިފިއެވެ. ހަވީރު ޖަމާލު އޭނާ ބޭރަށް ގެންގޮސްފި ނަމަ ބޭރަށް ދެއެވެ. އެހެން ނޫނީ އޭނާގެ ހަވީރުތަކަކީ ބޭރަށް ޖައްސާލުމަކާ ނުލައި އުފާވެރިކަން ލިއްބައިދޭ ހަވީރުތަކެކެވެ. ބައެއް ފަހަރުފަހަރަށް ޖަމާލު ކުއްލިއަކަށް އޭނާގެ ގޮތް ބަދަލުކޮށްލާ ކަމަށާއި އޭނާގެ ރާގުގައި ނިކަމެތިކޮށްލުމުގެ ގޮތް އެކުލެވޭކަމަށް ފަރީއަށް އިޙްސާސްކުރެވެއެވެ. އެ ކަހަލަ ވަގުތު ޖަމާލަކީ ވަރަށް އަނިޔާވެރި ފާޑުގެ މީހެއް ކަމަށް އޭނާއަށް ހީކުރެވެއެވެ. ބައެއް ފަހަރުފަހަރަށް ވަރަށް ދަށް ފެންވަރުގެ ޖުމުލަ ޖުމުލަ ބޭނުންކޮށްލައެވެ. އެތަކެއް ގަޑިއިރު ވާންދެން ފަރީ ގަނޑުވެފައި އިންނާން ޖެހޭ ވަރުގެ ވިހަ ގަދަ މަލާމާތް ރައްދުކުރެއެވެ. އެކަމަކު ދެން ހީވަނީ އޭނާގެ ކުށް އޭނާއަށް އިޙްސާސްކުރެވޭ ހެންނެވެ. މާ ގިނަ އިރު ވަންދެން ނުރުހިފައި ހުރުމަކީ އޭނާގެ އިޚްތިޔާރުގައިވާ ކަމެއް ނޫނެވެ.
ނުރުހުމުގެ ވާހަކަތައް ވެސް ގިނަގިނައިން ދެކެވެން ފަށައިފިއެވެ. އޭނާއަށް ކިތަންމެ ކުޑަކުޑަ ކުށެއް ކުރެވުނަސް ޖަމާލު އެ ކަން ފާހަގަކުރެއެވެ. އެތައް ދުވަހެއް ވާންދެން އޭނާއަށް މަލާމާތްކުރެއެވެ. އޭނާ ވަރަށް ބޮޑަށް ޙައިރާންވެއެވެ. މިއީ މަލާމާތްކުރުމުގެ ކޮން ފާޑެއް ކަމެއް އޭނާގެ ވިސްނުމަކަށް ނާދެއެވެ. އޭނާއަކީ މަލާއިކަތެއް ނޫންކަން ޔަގީނެވެ. ގޭގެ ކަންތައްތައް ހަމަޖެއްސުމުގައި ވެސް އޭނާއަށް ތަޖުރިބާއެއް ލިބިފައި ނެތް ކަން އެއީ ވެސް ތެދެކެވެ. މެނޫ ތައްޔާރުކުރުމުގައި ނުވަތަ ކާތަކެތި ކެއްކުމުގައި ގޯހެއް ހެދޭ ގޮތް ވުމަކީ ވެދާނެ ކަމެކެވެ. އަނެއްކާ ޖަމާލުގެ ރުހުމާއި ނުރުހުން ދެނެގަންނާން ވެސް ވަގުތު ބޭނުންވާނެއެވެ. އެހެން ކަން އޮތްވައި އޭނާއަކީ އެއްވެސް ފާޑުވެރިކަމެއް ނެތް ގޮތެއް ނެތް އަންހެނެއްކަމަށް ސާބިތުކުރާން ކިހައި ވަރަކަށް އެބަ އުޅޭ ހެއްޔެވެ. އަނެއްކާ އެއީ ކިޔަވައިގެން ތިބޭ މީހުން ވާހަކަދައްކާ ބަހުރުވައެއް ނޫނެވެ. ފަރީއަކީ ވާހަކަ މަދު އަވަހަށް އަސަރުކުރާ ކުއްޖެކެވެ. އެ ވާހަކަތަކުގެ އަސަރު އޭނާއަށް ފޯރައެވެ. އެކަމަކު ޖަމާލަކީ ދުވަހަކުވެސް ގެވެހި ދިރިއުޅުމެއް ދެކެފައިވާ މީހަކަށް ނުވާތީ އެކަނި އުޅެއުޅެ ރުޅިއިސްވެފައި ވަނީ ކަމަށާއި މަޑުމަޑުން ގޮސް ރަނގަޅުވެދާނެ ކަމަށް ވިސްނައިފައި ހިމޭންވަނީއެވެ. އަނެއްކާ އޭނާ އަޑުއަހައިފައި އޮންނަ ގޮތުގައި ދެމަފިރިއެއްގެ ކުރިޔަށް އޮތް ދިރިއުޅުމުގެ ބިންގާ އެޅޭނީ ކައިވެނީގެ ކުރީ ކޮޅު ދެމަފިރިންގެ ޢަމަލުތައް ހުންނަގޮތާއި ދެކޮޅުވުންތަކުގެ މައްޗަށެވެ. ރަނގަޅު އަތްނބެއް ފަދައިން ކެތްކުރާން ޖެހޭނެއެވެ. އެހެންނޫނީ ކުޑަކުޑަކަމަކުން ކަންތައް ހަލާކުވެދާނެއެވެ.
އެކަމަކު އެއް ދުވަހުން އަނެއް ދުވަހަށް އޭނާގެ ރީތިކަން އިތުރުވަމުން ދިޔަދިޔަ ހެން ޖަމާލުގެ ރާގު ދިޔައީ އިތުރަށް ހަރުކަށިވަމުންނެވެ. އެ ކަމާ އެންމެ ފަހުން އޭނާ ގާތަށް ރުޅިއަތުވެއްޖެއެވެ. ޚާއްޞަކޮށް އޭނާ ރީތި ހެދުމެއް ލައިގެން، ރަނގަޅަށް ނަލަހެދިލައިގެން ޖަމާލާ އެކު ތަނަކަށް ދާން ތައްޔާރުވެއްޖެ ނަމަ ފާޑުކިޔުމުގެ ގޮތުން އޭނާއަށް ބަލާ ކަމުގައި އޭނާއަށް އިޙްސާސް ކުރެވެން ފަށައިފިއެވެ. ކޮންމެ ދުވަހަކު އޭނާގެ ހެދުމަށް، މޭކަޕަށް ނޫނީ އިސްތަށިގަނޑުހަދައިފައި ހުންނަ ގޮތަށް ކޮންމެ ގޮތަކުން ނަމަވެސް ޖަމާލު ފާޑުކިޔާނެއެވެ. އެ ކިޔާ ފާޑާ މެދު އޭނާ ހަމައެކަނި އަޖައިބުވަނީއަކީ ނޫނެވެ. އޭނާ ދެކޭ ގޮތުގައި އެއީ ތާކުންތާކުޖެހޭ ފާޑުކިޔުމެއް ވެސް ނޫނެވެ. އެހެނީ މޭކަޕާއި ހެދުން އެޅުމުގެ މައްސަލައަކީ ޚުދު އޭނާ ނުހަނު ފަރުވާތެރިކަން ބަހައްޓާ މައްސަލައެކެވެ. އޭނާ މޭކަޕުކުރަނީ ވެސް ހަމައެކަނި ނަމަކަށެވެ. އެހެންނަމަވެސް އެ ލުއިލުއި މޭކަޕާ އެކުގައި ވެސް އޭނާގެ ރީތިކަން ވިދާބަބުޅާން ފަށައެވެ. އެ ވަގުތު ޖަމާލު ހިތި ޖުމުލައެއް ބުނެލުމުން ހުރިހައި އެއްޗެއް ނޮޅައިލައި ވީދައިލައި އުކައިލައިފައި ކޮޓަރިއަށްވަދެ ދޮރުތަންޑުއަޅައިގެން އިނދެ ހަޅޭލަވަން ހިތަށްއަރައެވެ. އެކަމަކު އޭނާ ނުހަނު ބޮޑަށް ކެތްތެރިކަން ސާބިތުކުރަމުން ހިމޭންވަނީއެވެ. އެންމެ ފަހުން ގޮސް އެއް ފަހަރު އޭނާގެ ކެތްތެރިކަމުގެ ތަށި ފުރިގެން ބަންޑުންވެއްޖެއެވެ. އެ ތިން މަސްދުވަހުގެ ތެރޭގައި ޖަމާލު އޭނާއަށް ފާޑުކިޔައި މަލާމާތްކުރި ވަރުން އޭނާއަށް ވަނީ އުޅެން ދަތިވެފައެވެ. އެ ދުވަހު އެ ދެ މީހުން އުޅުނީ ބައިސްކޯފަށް ދާށެވެ. އޭނާ ލީ ފައިކުރިއަށް ބާރު ހަރުވާޅަކާއި ޖަރީކުރި ކުރުތާއެކެވެ. އެ ހެދުން އަޅައި ތައްޔާރުވެފައި ބަލައިލި އިރު އޭނާގެ ރީތިކަން ވަރަށް ބޮޑެވެ. ޖަމާލަށް އޭނާ ފެނުމާ އެކުގައި ބުނެފިއެވެ.
"ކަލޭ ލައިގެން ތިއައީ ކޮން ކަހަލަ ހުތުރު ހެދުމެއް؟"
''މި ހެދުން މީގެ ކުރިން ވެސް ކިތަންމެ ފަހަރަކު އަޅުގަނޑު ލައިފިން. އެކަމަކު ކުރިން އެއް ފަހަރު ވެސް މި ހެދުން ހުތުރު ވާހަކައެއް ޖަމާލު ނުބުނުއްވާ."
"ކުރިން ނުބުނެވޭ ނަމަ މިހާރު މި ބުނީ." ޖަމާލު ކުރުކުރުކޮށް ޖަވާބުދިނެވެ.
"އެންމެ ރަނގަޅު. ދެން މީގެ ފަހަކުން ނުލާނަން." އޭނާ ދެރަވެފައި ބުންޏެވެ. "މިހާރު ދެން މި ގޮތަށް ހުއްޓަދެއްވާ. ވަގުތު ވަރަށް ކުޑަވެއްޖެ. ހެދުން ބަދަލުކުރީމާ ލަސްވާނެ." އެހެން ބުނުމުން ޖަމާލު ރުޅިއަތުވެއްޖެއެވެ.
"އިންސާނުން ލާންވާނީ އެ މީހުންނާ ގުޅޭ ހެދުން. ނިކަން ކަލޭގެ ފައި ހުރި ގޮތް ބަލައިލަބަލަ."
ފަރީ ވަރަށް ބޮޑަށް ރުޅިއައެވެ. އެއީ ކޮން ކަހަލަ ފާޑުކިޔުމެއް ހެއްޔެވެ. އެހެންނަމަވެސް އޭނާ މަޑުމައިތިރިކަމާ އެކު ބުންޏެވެ. "ޖަމާލަށް މި ހެދުން ހުތުރީ. އެކަމަކު މި ކަހަލަ ހެދުމެއް ލައިގެން އަޅުގަނޑު ކޮލެޖަށް ހިނގައްޖެ ފަހަރަކު ވިއްޔާ އަންހެން ކުދީން އަޅުގަނޑަށް ތާރީފުކުރޭ."
އާނ. ތިޔަ ހުރިހާ ކަމަކީވެސް އެ އެކުވެރީންގެ ކަންތައް. ކަލޭގެ ހިތް އުޑަށް އެރުވީ އެ ވިޔާނުދާ އަންހެންކުދީން. ކަލޭ ވެސް ހީކޮށްގެން ތި ހުންނަނީ ކަލެއަކީ މާ ރީތި މީހެއް ކަމަށް. ހަމަބިމުގައި ހުރެވޭތޯ ބަލާ. އެހެން ނޫނީ މި ތަނުން ކަލެއަށް ކަލޭގެ ޙަޤީޤަތް ފެނިދާނެ."
"އޯހް!" ފަރީއަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. އެހައި ހަރުކަށި ރާގަކަށް އެ ވާހަކަދައްކަނީ ހަމަ ޖަމާލު ހެއްޔެވެ؟ ފަރީ ގާތަށް ވެސް ރުޅިއަތުވެއްޖެ އެވެ. އޭނާ ބުންޏެވެ.
"އަޅުގަނޑުގެ އެކުވެރީންނާ ދިމާއަށް އެއްޗެހި ނުކިޔުއްވާ. އެ މީހުން ޖަމާލަށް އެއްވެސް ގެއްލުމެއް ނުދޭ. ދެން ހުރީ އަޅުގަނޑު--- ޖަމާލުގެ ގެއަށް އާދެވުމުން، ހަމައެކަނި އަޅުގަނޑުގެއެއް ނޫން؛ ޖަމާލުގެ ޙަޤީޤަތް ވެސް އަޅުގަނޑަށް ސާފުވެއްޖެ." މިހެން ބުނެފައި އޭނާ ރޮމުންރޮމުން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. ހެދުން ބަދަލުކޮށްފިއެވެ. ހަރުވާޅު ވީދައިލައިފައި އެއްލައިލައިފިއެވެ. ރޮއިރޮއި މޫނު ހަޑިކޮށްލައިފިއެވެ. އަދި ބޭރަށް ދާން ހަމަ ދިމާޔަށް ދެކޮޅުހަދައިފިއެވެ.
ފަރީ ރޯތަން ފެނުމުން ޖަމާލަށް ވަރަށް އަވަހަށް އޭނާގެ ކުށް އިޙްސާސް ކުރެވިއްޖެއެވެ. ކުޑަކުޑަ ކަމެއް އެއްވެސް ކަމަކާ ނުލައި މާ ބޮޑުކޮށްލީއެވެ. ޙަޤީޤަތުގައި އެ ހެދުމުގައި އޭނާ ނުހަނު ރީއްޗެވެ. އެކަމަކު އެންމެންގެ ނަޒަރު އޭނާގެ މައްޗަށް ހުއްޓޭކަށް ޖަމާލު ނޭދެއެވެ. އެ ކަން ކޮންމެވެސް އެހެން ގޮތަކަށް ވެސް އޭނާއަށް ވިސްނައިދެވިދާނެއެވެ. މިސާލަކަށް ބުނެވިދާނެއެވެ.
"ފަރީ، ފަރީ އަހަރެންނާ އެކު ބޭރަށް ދާ އިރު އާދައިގެ ހެދުން ނޫނީ ނުލާ ބަލަ! ފަރީ ނަލަހެދިގެން ނުކުތީމާ ހީވަނީ އެހެންކަމެއް ހެން. އެންމެން ލޯބޮޑުކޮށްފައި ފަރީއާ ދިމާއަށް ބަލާ އިރު އަހަރެންގެ ހިތަށް ޙަސަދަވެރިކަން ވަދޭ." އެކަމަކު އޭނާ އެހެން ބުނާންވީ ކީއްވެގެން ހެއްޔެވެ؟ ފަރީއަކީ އަންހެނެކެވެ. އެހެން ބުނާ އަޑު އިވިއްޖެއްޔާ ސިކުނޑި އިތުރަށް ޚަރާބުވާނީ ކިހައި ވަރަކަށް ކަމެއް ނޭނގެއެވެ. އޭނާއާ ދޭތެރޭ ކަން ކުރާން ވާނީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޖަމާލު ދެކެ ޖެހިލުންވާނޭ ގޮތުގެ މަތީންނެވެ. ފަރީ ފާޚާނާއިން ނުނުކުންނާނެކަން ޖަމާލަށް އެނގުމުން ޖަމާލު ވެސް ތެދުވެގެން ބޭރަށް ހިނގައްޖެއެވެ.
ޖަމާލު ބޭރަށް ނުކުތީ އެއްވެސް މަޤްޞަދެއްގައެއް ނޫނެވެ. މިހާރު ދެން ދާންވީ ކޮން ދިމާއަކަށް ކަމެއް ކުރަންވީ ކީއް ކަމެއް ޚުދު އޭނާއަކަށް ނޭނގެއެވެ. އޭނާ ރާވައިފައިއޮތީ ބައިސްކޯފު ބެލުމަށްފަހު ކޮންމެވެސް ހޮޓަލަކުން ކައިގެން ދަންވަންދެން ހިނގައިލުމަށްފަހު އެނބުރި ގެއަށް ދާށެވެ. އޭނާ ވިސްނިއެވެ. މިހާރު ދެން ދާނީ ކޮން ތަނަކަށް ހެއްޔެވެ؟ ބައިސްކޯފަށް އެކަނި ދާކަށް ރަނގަޅެއް ނުވާނެއެވެ. އެކުވެރި ރައްޓެހިން ވާނީ ކޮންތަނަކު ބާވައެވެ. ކައިވެނި ވީއްސުރެ އެ މީހުންނަކާ ދިމައެއް ނުވެއެވެ. ނުވަތަ ހަނީމޫންގެ ދުވަސްވަރު ކަމަށް ބަލައިފައި ޚުދު އޭނާ އެމީހުންނާ ދުރުގައި އުޅެން ފެށީއެވެ. ކޮންމެއަކަސް އެއް ގަޑިއިރު ވަންދެން އޭނާ އެތަންމިތާނގައި ހިނގިއެވެ. ސިނގިރެޓަކަށްފަހު ސިނގިރެޓެއް ހުލިކުރިއެވެ. ހަމަ އެޔާއެކު ޚުދު އޭނާ ދެކެ އޭނާގާތަށް ރުޅިއައެވެ. ހަމަ އެއްވެސް ކަމަކާ ނުލައި މިއަދުގެ ހަވީރު އޭނާ ބަރުބާދުކޮށްލީއެވެ. ފަރީ އެ ހެދުން ލައިގެން ދިޔަ ނަމަވެސް ވީހީ ކޮންގެއްލުމެއް ހެއްޔެވެ؟ ފަރީއަކީ އަދި އާ އަލަތުއަތްނބެކެވެ. ކޮންމެ ދުވަހަކު އާ ހެދުމެއް ލާން އޭނާގެ ހިތް އެދޭނެކަން ނޭނގެއެވެ. މީހުންގެ ރީތި އިސްމާޓު އަނބިން ފެނިފައި، އަހަރެންގެ ވެސް އެ ކަހަލަ އަތްނބެއް ހުންނާނެ ނަމަ ކޮންފަދަހޭ އަހަރެންގެ ހިތަށް ވެސް އޭރު އަރާވިއްޔާއެވެ.
ﷲ ތަޢާލާ އެ އެންމެންނަށްވުރެ ރީތި އަތްނބެއް އަހަރެންނަށް ދެއްވާނެކަން އެނގެނީ ކިހިނެއް ހެއްޔެވެ؟ މީސްތަކުން ޙަސަދަވެރިކަމާއެކު އަހަރެންގެ އަންހެނުންނަށް ބަލާނެކަން އޭރު އަހަރެންނަށް އެނގެނީ ކިހިނެއްހެއްޔެވެ؟ މީސްތަކުން ބެލިއްޔާ ވާނީ ކީއްހެއްޔެވެ. ބެލުމަކީ ކުށެއް ނޫނިއްޔާއެވެ. އަހަރެން ވެސް ބަލަމެވެ. މީސްތަކުން ވެސް ބަލައެވެ. އަހަރެން ބަލާ ބެލުމަކީ ކުށެއް ކަމަކަށް އަހަރެންނެއް ނުދެކެމެވެ. އަދި އެހެން މީހުންގެ ބެލުމުގެ އަދަބު އަހަރެން މި ދެނީ އަހަރެންގެ އަންހެނުންނަށެވެ. އަހަރެންނާމެދު ހަމަ މި ޝަކުވާ އަހަރެންގެ އަންހެނުން ކޮށްފި ނަމަ އަހަރެން އޭނާއާ ދިމާއަށް ހަނދާން ހުންނަހައި އެއްޗެހި ގޮވައިލާނެއެވެ. އަހަރެން ބުނާނެއެވެ. ކަލޭ އަހަރެންގެ ނިޔަތާ ދޭތެރޭ ޝައްކު ކުރަނީހެއްޔެވެ. ކަލޭ ބޭނުމީ އަހަރެން ކަނުވާން ހެއްޔެވެ. އަހަރެން އޭނާ ކައިލާނީ ހެއްޔެވެ. ނޫނީ އަތުލައިގަނެގެން ތަނަކަށް ގެންދާނީ ހެއްޔެވެ. އަދިވެސް މި ކަހަލަ ކިތަންމެ އެއްޗެއް ކިޔާނެއެވެ. އަދި ގޮތްދޫނުކުރާން ވެގެން އޭނާ ހުއްޓައި އެހެންވެސް އަންހެނުންނާ ދިމާއަށް ބަލައި ކަޅިއަޅައި ހަދާނެއެވެ.
ފިރިހެނުން ކިހައި ހިތްހަރު ހެއްޔެވެ. އަހަރެން މެއެވެ. އަހަރެންނަކީ އަހަރެންގެ އެކުވެރީންގެ އަޅުވެތި ޚިޔާލުގެ މައްޗަށް އެއްޗެހިކިޔައި މަލާމާތްކޮށް އުޅުނު މީހެކެވެ. ޖަމާލެވެ. ކަލެއަށް ލާނެތް ހުއްޓެވެ. މާ މިނިވަން ޚިޔާލުގެ މީހަކަށް ވެގެން އެބަ އުޅޭ ނޫން ހެއްޔެވެ. އެކުވެރިންގެ ކައިރީގައި އިނދެގެން ތިމަންނާގެ އަންހެނުންނަށް އެކަށީގެންނުވާ ހަރުކަށިކަމެއް ނުދައްކާނަމޭ، ތިމަންނާގެ އަންހެނުންނަށް އެކަށީގެންވާ މިނިވަންކަން ދޭނަމޭ، މިހެން ހަދާނަމޭ، އެހެން ހަދާނަމޭ ކިޔައިގެން ވާހަކަދައްކާ ހެދީމެއް ނޫން ހެއްޔެވެ.
ކަލޭގެ ކައިވެންޏަށް މިހައި ތަނަށް އަދި މިވީ ތިން މަސްދުވަހެވެ. ކަލޭ އޭނާއާ ދޭތެރޭ ކަންތައް ތިޔަ ކުރަނީ ކިހިނެއް ހެއްޔެވެ. ޖަމާލަށް ކަންތައް ކުރެވުނު ގޮތާ މެދު އޭނާ އަމިއްލައަށް ވަރަށްބޮޑަށް ލަދުގެންފިއެވެ. މި ކަން ފޫބައްދަން ދެން ހަދާން އޮތް ހަމައެކަނި ގޮތަކީ މިހާރު ގެއަށް ގޮސް އޭނާއަށް ކަންތައް ކުރެވުނުގޮތާ ދޭތެރޭ ފަރީގެ ކިބައިން މާފަށް އެދުމެވެ. އަދި ކުރިޔަށް އޮތް ތާނގައި އޭނާ ރަނގަޅު މީހެއްގެ ގޮތަށް އުޅޭނެ ކަމަށް ވަޢުދުވުމެވެ. އޭނާ އަވަސް އަވަހަށް ގެއަށް ހިނގައްޖެއެވެ. ކާރު ގަރާޖަށް ލައިފައި އޭނާ ގޭތެރެއަށް ވަދެއްޖެއެވެ.
ފަރީ އިނީ ރޮއި ނިމިގެން މޫނު ދޮވެ ސާފުކޮށްލައިގެންނެވެ. ނިދާހެދުން ލައިގެންނެވެ. މޭޒުމަތީގައި ކާންހަދައިފައި ހުއްޓެވެ. ހީވަނީ އެ އިނީ އޭނާގެ އިންތިޒާރުގައި ހެންނެވެ. އޭނާ ދައްކައިގެން އިނީ ފޮތެއް ކިޔާން އިން ގޮތެވެ. ނުރަނގަޅު ދަނޑިވަޅެއްގައި ދޫނުކޮށް ގަދަހެދުނުކަމުގެ އިޙްސާސް ކުރެވުނީ ކަން ނޭނގެއެވެ. ގެއެއްގައި ހަމައެކަނި ދެ މީހުން އުޅޭ އިރު ދެކޮޅުވެރިކަމަކަށް ތަނެއް ނޯންނާނެއެވެ. ފަރީ އަމިއްލައަށް ޞުލްޙަވާން ތައްޔާރުވެގެން އިންތަން ފެނުމުން ޖަމާލުގެ އެތެރޭގައި ވާ "ފިރިހެނާ" އަށް ޖޯޝު އަތުވެއްޖެއެވެ. މިހާރުދެން ކަމަކާ ނުލައި ބޯލަނބައިލުމުގައި އޮތީ ކޮން ފައިދާއެއް ހެއްޔެވެ. އެހެން ހަދައިފިއްޔާ ފަހަރެއްގައި އޭނާއާ މެދު އޮތް ޖެހިލުންވުން ނެތިގެން ހިނގައިދާނެއެވެ.
ދެ މީހުން ހަމަހިމޭނުން ތިބެގެން ކައިފިއެވެ. އެކަމަކު ނިދާކޮޓަރިއަށް ދިޔުމާ އެކު، ކިހިނެއް ހަދައިގެން ކަމެއް ނޭނގެއެވެ. ދެ މީހުންގެ ދޭތެރޭގައި ޞުލްޙަވެއްޖެއެވެ. ހަނީމޫންގެ ދުވަސްވަރަކީ އެއްވެސް އެއްޗެއް ބުނުމަކާ ނުލައި ޞުލްޙަވާ ދުވަސްވަރެކެވެ. ޞުލްޙަވުމަށް ފަހު އެ ރޭ ވޭތިވެގެން ދިޔަ އުފާވެރިކަމުން އަންނަން އޮތް ދުވަސްތަކުގައި ދެކޮޅުވެރިކަން އުފެދިދާނެ ސަބަބުތައް ނެތިގެން ހިނގައްޖެއެވެ.
އެކަމަކު ކިހައި ދުވަހެއް ވަންދެން ހެއްޔެވެ. ކުޑަދުވަސްކޮޅެއް ފަހުން ކުދިކުދި ކަންތައްތައް ޖަމާލަށް ބޮޑުވާން ފަށައިފިއެވެ. އޭނާ އަބަދާ އަބަދު ކުރަފަތް އަޅަން ފަށައިފިއެވެ.
"މިއަދު އަހަރެންގެ ރޭޒަރު އޮތީ ސާފުނުކޮށް."
"ބޫޓު ޕޮލިސްކޮށްފައި ހުރިލެއް ރަނގަޅެއް ނޫން."
"ގޮށް ހަރުކޮށްފައި ހުރީ ކަތިކޮށް."
"މާޖަހާއެތީގައި ޖަހައިފައި ހުރި މާ މޫސުމަކާ ނުގުޅޭ."
"ފަރީގެ އިސްތަށިގަނޑުގެ އިސްޓައިލު ވަރަށް ހުތުރު."
"ލައިގެންކާއެއްޗެހި ކެކޭލެއް ނުބައިވާން ފަށައިފި."
"މަސް ގެންނަނީ ކޮން ތަނެއްދޮރެއް ނުދަންނަ މީހެއް."
"ފަރީ އަހަރެންގެ އެކުވެރީންނަށް ކަމޭނުހިތާތީ އެ މީހުން އަހަންނާ ދުރުހެލިވާން ފަށައިފި."
"ރޭގައި ފަރީ އޮތީ އަހަރެންނާ ދިމާއަށް ފުރަގަސްދީގެން ފޮތެއް ކިޔަން. އޭގެ މާނައަކީ ފަރީ އަހަންނަށް ޤަދަރެއް ނުކުރެއޭ."
"އަހަރެން ގޭގައި އުޅެނިކޮށް ފަރީ ބައިގަޑިއިރު ވަންދެން އަވަށްޓެރިޔާއާ އަނގަތަޅަން ހުރީ ކީއް ވެގެން؟"
"ފަރީގެ ދައްތަގެ ސިޓީގައި ސަލާން އަޅައިލުން ފިޔަވައި އަހަންނަށް އެއްވެސް އަހުމިއްޔަތުކަމެއް ދީފައެއް ނެތް. ފަރީމެން ދެކެނީ ފިރިހެނުންނަކީ މާ ދަށް ބައެއްކަމަށް."
(ނުނިމޭ)
ޝައުގުވެރި ގޮތަކަށް ކުރިއަށްދާ ވާހަކައެއް
ބުރާސްފަތި ހޯމަ ދެ ދުވަހު އާފަތިހުގެ ވާހަކައަށް އިންތިޒާރު ކުރެވޭ މިހާރު. މިއީ ވަރަށް ރީތި ވާހަކަ ގެނެސްދޭ ނޫހެއް. މި ވާހަކަވެސް ވަރަށް ރީތި. ތަންކޮޅެއް ހެދުނު ވާހަކަ ޖަހާނަމަ ހާދަ ރަގަޅޭ.