(22 ނޮވެމްބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެ ދުވަހު ޑަކުޓަރު ސީދާ އޭނާއާ ސުވާލުކުރިއެވެ. އޭނާގެ މޫނުގައި ވަކިއަޅައި އަމިއްލައަށް މޫނު ހަލާކުކުރަނީ ކީއްވެގެންތޯއެވެ.
"ޑަކުޓަރު ސާހިބު!" ފަރީ މަޑުމަޑުން ބުންޏެވެ. "އަޅުގަނޑު އަޅުގަނޑުގެ މޫނުދެކެ ނަފުރަތުވީ. އަޅުގަނޑު ބޭނުމީ އަޅުގަނޑަށް އެހެން މޫނެއް ހޯދަން. މި ރީތި މޫނުގެ ސަބަބުން އޭނާ އަޅުގަނޑު ދެކެ ނަފުރަތުކުރޭ. ކައިވެންޏަށްފަހު އޭނާ އަޅުގަނޑުގެ ރީތިކަމަށް މަލާމާތްކުރިލެއް ގިނަކަމުން ރީތިކަމަކީ އަޅުގަނޑުގެ ނަޒަރުގައި ޢައިބަކަށް ވެއްޖެ. ދިމާވާ ގޮތަކުން ބިސް ގޯސްވިޔަސް މަލާމާތް ރައްދުވަނީ ސިފައާއި ސޫރައަށް. ކެއުން ލަސްވިޔަސް ކުށްވެރިވަނީ ރީތިކަން. ހެދުމާ ދޭތެރޭ އިޢުތިރާޟު ކުރިޔަސް އަމާޒުފަތްގަނޑަކަށް ވަނީ ސިފަ. ދައްކާ ވާހަކައާއި ނުރުހުނަސް ސިފައިން އެ ކުށް ފެނުނީ. ދަރިފުޅުގެ ތަރުބިޔަތު ރަނގަޅު ނުވިޔަސް އެއީ މޫނުގެ ކުށް. ގެ ރަނގަޅު ނުވިޔަސް މެދުވެރިއަކަށް ވާނީ ރީތިކަން. އަބަދާއަބަދު އޭނާ މަލާމާތްކުރިލެއް ގިނަކަމުން އަޅުގަނޑުގެ މޫނު ހުތުރުކޮށްލަން އަޅުގަނޑު ބޭނުންވަނީ."
ފަރީ ދިގު ނޭވާއެއް ލައިފައި އޭނާގެ މުށް ހުޅުވައިލައިފައި އަނެއްކާ ލައްޕައިލިއެވެ. " ޑަކުޓަރު ސާހިބު އަޖައިބުވެލައްވާނެ. އަޅުގަނޑުގެ ދަރިފުޅުގެ ކަރުގަ ހިފާ މަރާލަން ބައެއް ފަހަރު އަޅުގަނޑުގެ ހިތަށްއަރާ. އެއީ އަޅުގަނޑުގެ ފުރާނައަށް ވުރެ ލޯބިވާ އަޅުގަނޑުގެ ދަރިފުޅު. ލޯމަތިން ގެއްލިއްޖެނަމަ އަޅުގަނޑު ކަންބޮޑުވާ ދަރިފުޅު. އަޅުގަނޑަށް އަޅުގަނޑުގެ މާޒީ ހަނދާންވާ ވަގުތު، އޭނާގެ ސޫރައިން އަޅުގަނޑުގެ ވިދުވަރު ފެނުމުން އޭނާގެ މޫނުގަ ތަޅާތަޅާ ރަތްކޮށްލަން. ދަރިފުޅު ރޮއިނަގާނެ. އެކަމަކު އަޅުގަނޑު ބޭނުންވަނީ އޭނާގެ ރީތި މަޢުޞޫމު މޫނު ހަލާކުކޮށްލަން. އެއީ އެއްވެސް ޖަމާލަކަށް ފަހުން އޭނާގެ... ދިރިއުޅުން ހަލާކުކޮށް ނުލެވޭނެ ގޮތުގެމަތީން." މި ހުރިހައި ވާހަކައެއް ދެއްކުމަށްފަހު ފަރީ ސުވާލުގެ ބެލުމަކުން ޑަކުޓަރާ ދިމާއަށް ބަލައިލިއެވެ. ޑަކުޓަރު މަޖާވެލައިފައި ސިނގިރެޓު ބޯން އިނެވެ. އޭނާއަށް އެއްވެސް އަޑެއް ނީވޭ ކަހަލައެވެ.
" ޑަކުޓަރު ސާހިބު!" ފަރީ ހަޅޭއްލަވައިގަތެވެ. " ޑަކުޓަރު އަޅުގަނޑުގެ ވާހަކައެއް ނާއްސަވަމުތޯ."
"އަޑުއެހިން." އޭނާ ހަމަޖެހިލައިފައި ބުންޏެވެ.
"އެހެންވިއްޔާ ޖަވާބު ނުދެއްވީ ކީއްވެތޯ؟"
"ދޭނީ ކޮން ޖަވާބެއް؟"
"ކޮންމެވެސް އެއްޗެކޭ ބުނުއްވާ."
"އަހަރެން ބުނާ އެއްޗެއް އެއީ ފަރީއަށް ނުރުހެވޭ އެއްޗަކަށް ވެދާނެ."
"އަޅުގަނޑަށް ނުރުހެވުން އެކަށީގެންވޭ. އެކަމަކު ކޮންމެވެސް އެއްޗެކޭ ބުނުއްވާ."
"ފަރީ! ޙަޤީޤަތުގައި ފަރީގެ ފިރިމީހާ ފަރީ ދެކެ ވަރަށް ބޮޑަށް ލޯބިވި. އޭނާގެ ލޯބީގައި ޙަސަދަވެރިވީ ވަރުން މީހަކު އިސްއުފުލާލައިފަ ފަރީއާ ދިމާއަށް ބަލައިލާކަށް ވެސް އޭނާ ނުރުހޭ. އޭނާ އޭނާގެ ޙަސަދަވެރިކަމުގައި އަމިއްލައަށް ހައްޔަރުވީ. އޭނާ ބޭނުންވީ ފަރީ މުޅި ޢުމުރަށް ފަރީ ދެކެ ލޯބިވާން. އޭނާ ނޫން އެހެން މީހަކާ ދިމާއަށް ނުބަލާން. އޭނާހުރީ ޝައްކާ ބިރުވެރިކަމެއްގެ ތެރޭގައި ބެދިފަ. އެހެންވީމަ އަބަދާއަބަދު ފަރީގެ ރީތިކަމަށް މަލާމާތް ކުރަމުން ގެންދިޔައީ. އެއީ އިރުއިރުކޮޅާ ފަރީއަށް ޔަޤީން ކުރެވޭނެހެން؛ ފަރީއަކީ..."
"ޑަކުޓަރް!— ޑަކުޓަރް!— ޑަކުޓަރް!" ފަރީ މޮޔައެއް ހެން ހަޅޭއްލަވާން ފަށައިފިއެވެ. "ކަލެއަކީ ނުބައި މީހެއް، ޑަކުޓަރް!—ކަލޭ ހުންނާނީ އޭނާއާ އެއްކޮޅަށްކަން އަހަންނަށް އެނގޭ. އެއީ ކަލެއަކީ ފިރިހެނެއް ވީމާ. ކަލެއަށް އަހަންނަށް ލިބޭ ވޭނެއް އިޙްސާސެއް ނުކުރެވޭ. އަހަންނަށް ކުރިމަތިވީ ކޮން ކަހަލަ ޤިޔާމަތެއް ކަމެއް އަދި ދުވާލަކު ކިތައް ޤިޔާމަތް ކުރިމަތިވާ ކަމެއް އިޙްސާސެއް ނުކުރެވޭ. ކަލޭ ވެސް --- އޯގާތެރިކަމާ އެކު އަހަރެން އެކަނި ދޫކޮށްލާ."
ވަރަށް ގިނަ ދުވަހަށް ފަހު އަނެއްކާ ވެސް އޭނާއަށް މޮޔަކަމުގެ އަސަރު ވެރިވާން ފަށައިފިއެވެ. އޭނާ ރޮމުން ގެންދިޔައެވެ. ހަޅޭއްލަވަމުން ގެންދިޔައެވެ. އަޑުގަދަކުރަމުން ގެންދިޔައެވެ. ޑަކުޓަރު ތެދުވެގެން ހިނގައްޖެއެވެ. ފަރީ އެ ހާލަތުގައި ވަނިކޮށް އޭނާ ދޫކޮށްލައިފައި ޑަކުޓަރު ކިތަންމެ ފަހަރަކު ދެއެވެ. އަނެއް ދުވަހު ޑަކުޓަރު އައި އިރު ފަރީ މުޅިން ހަމަޖެހިފައި އިނުމުގެ ސަބަބަކީ މިއެވެ. އޭނާއަށް ކަން ކުރެވުނު ގޮތާ ދޭތެރޭ އޭނާ ޑަކުޓަރުގެ ކިބައިން މާފަށް އެދުނެވެ. އޭނާ ބުންޏެވެ. "އަޅުގަނޑަށް އެހެން ވަނީ ކީއްވެގެން ކަމެއް އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑު ޑަކުޓަރާ ދިމާއަށް އެއްޗެހި ނުކިޔާނެ ކަން އެއީ އަޅުގަނޑަށް އެނގޭ ކަމެއް. އެ ގޮތަކީ ޑަކުޓަރު އަޅުގަނޑަށް ގެއްލުމެއް ދެއްވީކީ ނޫން. ޑަކުޓަރު ދުރުވުމުން އަޅުގަނޑު ދެކެ އަޅުގަނޑަށް ރުޅިއާދެވޭ. އެކަމަކު ... ކީއްވެގެން ކަމެއް ނޭނގެ."
ޑަކުޓަރު އޯގާތެރިކަމާއެކު ހިނިތުންވެލައިފައި ބުންޏެވެ.
"ފަރީ އެއްޗެހި ކިޔަނީ ކާކާ ދިމާއަށް ކަން އަހަންނަށް އެނގޭ. އެހެންވީމަ ފަރީ އަހަންނާ މުޚާޠަބުކޮށް އެއްޗެހިކީ ނަމަވެސް އަހަރެން އެއްޗެކޭ ހިއެއް ނުކުރަން. އަދި ކޮބާ، އަހަރެން ބޭނުންވަނީ ފަރީގެ ހިތުގައި ހުރި ހުރިހާ އުދާހެއް އެ ގޮތަށް ބޭރުކޮށްލުމަށް."
"އަޅުގަނޑު އެއްޗެހި ކިޔަނީ ކާކާ ދިމާއަށް؟" ދެން ފަރީ ކަންބޮޑުވެއްޖެއެވެ. ބުންޏެވެ. "ބުނުއްވާނެ ކަމެއް ނެތް. ބުނުއްވާނެ ކަމެއް ނެތް. ޑަކުޓަރު ބުނުއްވާނީ ޖަމާލޭ ކަން އަޅުގަނޑަށް އެނގޭ. އެކަމަކު ޑަކުޓަރު ސާހިބު! އަޅުގަނޑަށް ވަޢުދެއް ވެދެއްވާ!"
"ކޮން ކަހަލަ ވަޢުދެއް؟"
"ޑަކުޓަރު އަޅުގަނޑަށް ފަރުވާކުރައްވާހާ ހިނދަކު، ފަރުވާކުރެއްވުމުގެ ތެރޭގައާ ވާހަކަދެއްކެވުމުގައި ފަހަރެއްގައި ވެސް ޖަމާލުގެ ނަން ވެސް ނުގެންނަވާން ވަޢުދުވެދެއްވާ. ޑަކުޓަރު ވަޢުދުވެ ނުލައްވައިފިއްޔާ އަޅުގަނޑު ޑަކުޓަރާ ބައްދަލުވުން ހުއްޓާލާނަން."
ޑަކުޓަރު އަނެއްކާވެސް ހިނިތުންވެލިއެވެ. އަދި ކުޑައިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ބުންޏެވެ.
"ވަޢުދުވަން. އަހަރެން ދެން ފަހަރެއްގަ ވެސް ޖަމާލުގެ ނަމެއް ނުގެންނާނަން. ވާހަކަދައްކާނީ ހަމައެކަނި ފަރީއާ ބެހޭ ގޮތުން. އެހެން މީހަކާ ބެހޭ ގޮތުން ވާހަކައެއް ނުދައްކާނަން."
މި އެކުވެރި އެއްބަސްވުމުގެ ފަހުން ޑަކުޓަރު ފޯރީއާ އެކީގައި އެ ގެއަށް އައިސް ގޮސް ވާން ފަށައިިއެވެ. އަދި ފަރީ މަޑުމަޑުން އިންސާނުންގެ ދުނިޔެއަށް އަންނާން ފަށައިފިއެވެ. ވާހަކަތައް ހޫނުވެގެން ވެސް ދެއެވެ. ރޭތައް ނިންޖެއް ނެތި ވެސް ވޭތިވެގެން ދެއެވެ. މާޒީ އުނދަގޫ ވެސް ކުރެއެވެ. އެކަމަކު ފަރީ ހަމަ އަވަހަށް ޙާލަތާ އެއްބަސްވާން ރުހިދެއެވެ. މިހާރު ފަރީ އޭނާގެ މޫނުގައި ވަތްކެއް ނާޅައެވެ. މޯނާގެ މޫނުގައި ތަޅައެއް ވެސް ނަހަދައެވެ. އަދި ކީއް ހެއްޔެވެ. މިހާރު އޭނާ ޑަކުޓަރު އުޅެނިކޮށް ވެސް މޯނާއާ ކުޅެއެވެ.
މި ގޮތުގެ މަތީން ތިން މަސްދުވަސް ވޭތިވެއްޖެއެވެ. ޑަކުޓަރު ތެރަސްގަނޑެއް ހެން ތަތްވެފައި ހުންނާތީ ބައެއް ފަހަރަށް ފަރީ ގާތަށް ރުޅި ވެސް އާދެއެވެ. އޭނާ މަންމަ ގާތުގައި ވެސް، އޭނާގެ ސިކުނޑި މިހާރު މުޅިން ރަނގަޅުވެއްޖެ ކަމަށާއި، ޑަކުޓަރު އައުން މަނާކޮށްދިނުމަށް ބުނެފިއެވެ. އެކަމަކު މިސިޒް ޝަފީޤު އޭނާ ގާތު ބުނީ ޑަކުޓަރަށް ވަނީ ހަ މަސްދުވަހުގެ ފީ ކުރިއަށް ދީފައި ކަމަށާއި، އެހެންވީމާ އޭނާ ރުހުނަސް ނުރުހުނަސް ޑަކުޓަރު އަންނާނެ ކަމުގައެވެ.
* * *
އެއީ، ދުވަސްތަކަކަށް ފަހު، ފަރީގެ މޫޑު ވަރަށް ރަނގަޅު ދުވަހެކެވެ. އޭނާ ފެންވަރައިގެން، ކަޅުކުލައިގެ މާޖެހި، މަޑުރީނދޫކުލައިގެ ސާޅިއެއް އަޅައިފިއެވެ. އޭނާގެ ހޭވިފައި އޮތް ދިގު އިސްތަށިގަނޑު ރީތިކޮށް އޮމާންކޮށް ދެ ފަށަށް ގަތައިލައިފި އެވެ. އެއަށް ފަހު ފެޝަން މަޖައްލާއެއް ހިފައިގެން ބޭރު ލޯނަށް ނުކުމެއްޖެއެވެ. ވިއްސާރަ މޫސުމުގެ ފުރަތަމަ ވިލާގަނޑު ވެހި ނިމިއްޖެއެވެ. ޖައްވު އޮތީ ކުޑަކޮށް ތެތްފިނިވެލައިފައެވެ. އޭނާ ލޯނުގައި އިށީންތާ ކުޑަ އިރުކޮޅެއް ވީ ތަނާ ޑަކުޓަރު ވެސް އެ ތަނަށް އަތުވެއްޖެއެވެ. ޑަކުޓަރު އައުމަކީ އޭނާ މިހާރު އަޖައިބުވާ ކަމެއް ނޫނެވެ. އޭނާ ދެކެނީ އެއީ ވެސް ކޮންމެ ދުވަހަކު ހިނގާ ކަންތައްތަކުގެ ތެރެއިން އެއް ކަމެއް ކަމުގައެވެ. ޑަކުޓަރު ވިނަގަނޑުމަތީގައި ފަރީ ގާތުގައި އިށީނދެއްޖެއެވެ. ކުޑަ އިރުކޮޅެއް ވަންދެން އެކި އެކި ވާހަކަ ދައްކާން ތިއްބެވެ. ދެން ފަރީ މަޖައްލާގެ ތެރެއަށް ގެއްލިއްޖެއެވެ. ކީކޭ ހިތަށްއަރައިގެން ކަމެއް ނޭނގެއެވެ. ޑަކުޓަރު ފަރުވާތެރިކަމާ އެކު އޭނާއާ ދިމާއަށް ބަލަމުން ބުންޏެވެ.
"ފަރީ! ފަރީ ހީކުރަނީ ފަރީއަކީ ވަރަށް ރީތި އަންހެންކުއްޖެއް ކަމަށް ތާ! އެކަމަކު އަހަރެންގެ ނަޒަރުގަ ފަރީއަކީ ހަމަ އާދައިގެ އަންހެންކުއްޖެއް."
"ކީކޭތޯ!" ފަރީ ހައިރާންވެގެން ޑަކުޓަރުގެ މޫނަށް ބަލަން ފެށިއެވެ.
"އާނ. އަހަރެން މި ބުނީ ތެދެއް. ފަރީއަކީ ސާދަވިލޭރޭގެ ހަނދޭ، ނޫނީ ދުނިޔޭގެ ރީތިކަމޭ ބުނާނެ ކަހަލަ އެއްވެސް ކަމެއް ޙަޤީޤަތުގައި ފަރީގެ ކިބައަކު ނެތް."
"ކީކޭތޯ -- ކީކޭތޯ -- އަޅުގަނޑަކަށް ތިޔަ ބުނުއްވާ އެއްޗެއްގެ މާނައެއް ނުވިސްނުނު." ފަރީ ހައިރާންވެގެން އަންތަރީސްވެއްޖެއެވެ.
"އަހަރެން ފަރީއަށް ވިސްނަދޭނީ ކިހިނެއް؟ އަދި ވިސްނަދޭންވީ ވެސް ކީއްކުރަން. ރީތިހުތުރަކީ އެކި މީހުންގެ ނަޒަރުގައި ތަފާތު އެއްޗެއް."
"ހޫނ --" ފަރީ ދިގު ނޭވާއެއް ލިއެވެ. ފުރަތަމަ ފަހަރަށް ޑަކުޓަރުގެ ސިފައަށް ފަރުވާތެރިކަމާ އެކު ބަލައިލިއެވެ. މިއަދުގެ ކުރިން މި ގޮތަށް ޑަކުޓަރާ ދިމާއަށް ބަލައިނުލެވޭ ކަން އެނގުމުން އޭނާ ހައިރާންވިއެވެ. ޑަކުޓަރަކީ ރީތީގެ ފުރިހަމަ ނަމޫނާއެކެވެ. ހަ ފޫޓަށް ވުރެން ދިގު އިސްކޮޅެކެވެ. ރަތް ދޮންކުލައެވެ. ކަޅުކުލައިގެ، ފުން، ވިދުންހުރި ދެ ލޮލެވެ. ރީތި، ބޯ އިސްތަށިގަނޑެކެވެ. ފުޅާ ނިތްކުރިއެކެވެ. ނުހަނު އިސްމާޓެވެ. ނުހަނު ރީއްޗެވެ. -- ފަރީ އޭނާއަށް ބަލައިލައިފައި ކަޅި ތިރިކޮށްލައިފިއެވެ. އެ ކަހަލަ ރީތި މީހަކު ފެންނާނީ ހަމަ ހާލަކުންނެވެ.
"ކޮބާ، އަހަރެންގެ ސިފަ ބަލާ ނިމުނީތަ؟" ޑަކުޓަރު އަނެއްކާ ވެސް ފަރީ ސިއްސައިލައިފިއެވެ. އެކަމަކު އޭނާ ދޮގުހެދުން ރަނގަޅު ކަމަކަށް ނުދުށްޓެވެ. ބުންޏެވެ.
"ލައްބަ."
"ފެނުނީ ކޮން ސިފައެއްގަ؟"
"ޑަކުޓަރު ހިމެނެނީ ފަރި ފިރިހެނުންގެ ތެރޭގަ."
"ފަރިއަކީ އަންހެނުންނަށް ޚާއްޞަ ލަފުޒެއް." ޑަކުޓަރު ބާރަށް ހީނގަތެވެ.
"އެކަމަކު ޑަކުޓަރަކަށް އެނގިއެއް ނުލައްވާނެ، ޑަކުޓަރު ސާހިބު. ސިފަ ރީތި ފިރިހެނުން ދެކެ އަޅުގަނޑު އަބަދު ވެސް ނަފުރަތުވަން."
"ކީއްވެގެން؟"
"ކީއްވެގެން ކަމެއް ނޭނގެ. އަޅުގަނޑު މީހަކާ ނީންނަ އިރު ރީތި ފިރިހެންކުއްޖަކު އަޅުގަނޑާ ކައިވެނިކުރަން ހުށަހަޅައިފިއްޔާ އަޅުގަނޑު އިންކާރުކުރަން."
"އެހެން އެ ވަނީ ފަރީއަކީ އިންތިހާ ދަރަޖައިގެ ރީތި މީހެއް ކަމަށް ފަރީ ދެކޭތީ. ފަރީ ބޭނުން ވަނީ ފިރިހެނުން ފަރީއަށް އަޅުކަންކުރަން. ފަރީގެ ޚިޔާލުގައި ރީތި ފިރިހެނުންގެ އަމިއްލަ އެދުން ބޮޑުވާނެ. އެހެންވީމާ އަންހެނުންނަށް އަޅުކަންކުރާނެ ވަގުތެއް އެ މީހުންނަކަށް ނުލިބޭނެ. އަނެއްކާ އަންހެންކުއްޖާ ހުންނާނީ އޭނާއާ މެދު އަބަދުވެސް ޖެހިލުންވޭވެ؛ ކޮންމެވެސް ޕަރީޒާދަކު އޭނާ ޖަހައިގަންނާނީ ކޮން އިރަކު ބާއޭ ހިތާ."
"ލައްބަ - ކީކޭތޯ - ކިކޭތޯ؟" ފަރީ އެސްފިޔަތަޅައިލިއެވެ.
"ފަރީ ބޭނުންވީ އާދައިގެ މީހަކު ..."
"ލައްބަ. ލައްބަ." ފަރީ އަވަހަށް ބުންޏެވެ.
"އެކަމަކު ފަރީ. ފަރީއަށް ނޭނގެނީކަން ނޭނގެ. ހުރިހާ ފިރިހެނުންނަކީ ވެސް އަމިއްލައެދުމުގެ ވެރި ބައެއް. ކައިވެނީގެ ކުރިން އެ މީހުން ތިބޭނީ އަބަދު ވެސް ފުރާނަދޫކޮށްލަން ތައްޔާރަށް... އެކަމަކު ކައިވެނީގެ ފަހުން އެ މީހުން ބޭނުންވާނީ ހަމައެކަނި އެ މީހުންނަށް އަޅުކަން ކުރުވަން. އެއީ ހުތުރު އަންހެންކުއްޖަކަށް ވިޔަސް ރީތި އަންހެންކުއްޖަކަށް ވިޔަސް ހެޔޮ."
"ހީވަނީ ޑަކުޓަރު ތިޔަ ބުނުއްވީ ރަނގަޅަށް ހެން." ފަރީ އުދާސްވެއްޖެއެވެ.
"ފަރީއަށް އެނގޭތަ؟ ރީތި ގިނަ ފިރިހެނުން އިންނާނީ ހުތުރު އަންހެނުންނާ."
"ކީއްވެގެން؟"
"ހަމަ މުޅީން ފަރީ ތިޔަ ބަޔާންކުރި ސަބަބާ ހުރެ."
"އެހެންތޯ --" ކީއްވެގެން ކަމެއް ނޭނގެއެވެ. ފަރީ މޮޅިވެއްޖެއެވެ. ލަދު ވެސް ގެންފިއެވެ. ދެން ވިސްނަމުން ވިސްނަމުން ގޮސް ފުން ހިމޭންކަމެއްގެ ތެރެއަށް ގެނބިއްޖެއެވެ. ކައިރި މާޒީގެ ކަށިތައް ފަޅައިފައިވާ، ދުރު މާޒީގެ މާތައް ފޮޅިފައިވާ ހިމޭންކަމެވެ. އޭނާގެ ހިތާއި ހަށިގަނޑު ހިމޭންކަމުގެ ތެރެއަށް ގެނބެމުން ހިނގައްޖެއެވެ. ދެން އޭނާ ގެއްލިއްޖެއެވެ. ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗެއްގެ މަތިން ހަނދާން ނެތިއްޖެއެވެ. އޭނާ ހިމޭންކަމުގެ ކަނޑުގައި ފީނާން ދޫކޮށްލައިފައި ޑަކުޓަރު ހިނގައްޖެއެވެ.
(ނުނިމޭ)
ވަރަށް ސަޅި