ބަރުބާދުވީ ލޯބީގެ ދުނިޔެ - 9

(13 ޑިސެންބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ހުރިހައި ފޮތެއް ބަލަބަލއިފައި އެންމެ ފަހުން އޭނާއަށް ރަނގަޅުވި ފޮތެއް ނަގައިފިއެވެ. އުނދަގޫ ތަންތަން ފާހަގަކުރުމަށް ރަތް ފަންސުރެއް ނަގައިފިއެވެ. އަދި ފޮޅުވަތްތަކުގެ ތެރެއަށް ގެއްލިއްޖެއެވެ. މިހާރު އޭނާއަށް ވެފައި އެ އިންނަނީ ކީއް ކަމެއް ނޭނގެއެވެ. އޭނާ މަސައްކަތެއް ފަށައިފިއްޔާ ވަށައގެން ހިނގާ އެއްވެސް ކަމެއްގެ ޚަބަރު ނޭނގޭ ވަރަށް އޭނާ އެ ކަމެއްގެ ތެރެއަށް ގެއްލެއެވެ. ނޫނީ އޭނާ ޚުދު އޭނާގެ ވުޖޫދު ހަނދާންނައްތައިލުމަށް އެ ކަމެއް އޭނާގެ މައްޗަށް ވެރިކުރުވަނީއެވެ. ކުއްލިއަކަށް އޭނާއަށް ކޮޓަރީގައި ފުރޭތައެއް އުޅޭ ކަހަލަ އިޙްސާސެއް ކުރެވިއްޖެއެވެ. ބިރުން ކަޅި އުފުލައިލައިފައި ބަލައިލުމުން އޭނާއަށް ވީ ކުއްލިއަކަށް ފުރޭތައެއް ފެނުމުން ހަމަ ވާނޭ ގޮތެވެ.

ދޮރުމަތީގައި ޖަމާލު ހުއްޓެވެ.

ހުރި ގޮތަށް ހުރި އާދޭހަކަށް ވެގެންނެވެ.

ފަރީއަށް ލިބުނު ހައިރާންކަމުގެ މައްޗަށް ބާރުފޯރުވުމާއެކު، ކުއްލިއަކަށް އޭނާ ގާތަށް ރުޅިއަތުވެއްޖެއެވެ. މިއީ ވެސް މީހުން ގޭގެއަށް ވަދެ އުޅޭ ގޮތް ހެއްޔެވެ. ރަނގަބީލު ޖެހުމެއް ނެތެވެ. އަޑެއް އިއްވައިލުމެއް ނެތެވެ. ބިރުން ގޮސް މީހަކު މަރުވިޔަސް ވަރިހަމައެވެ. އަނެއްކާ މި ހިތްވަރުގަދަ ކަލޭގެފާނު، އެއްވެސް ޖެހިލުމެއް ނެތި އައި ގޮތަށް އަހަރެންގެ ކޮޓަރިއަށް މި އައީ ކޮން ކަހަލަ ހައިސިއްޔަތަކުން ހެއްޔެވެ. ފަރީގެ މޫނުމަތީގައި ލިޔެވެމުން ފޮހެވެމުން ދިޔަ ހުރިހައި ލިޔުމެއް ޖަމާލު ކިއީ ކަން ނޭނގެއެވެ. އެހެންކަމުން ވަރަށް މަޑުމައިތިރިކަމާ އެކު ބުންޏެވެ.

"އަޅުގަނޑު ވަރަށް ގިނައިރު ވަންދެން ރަނގަބީލު ޖެހިން. އެއްވެސް މީހަކު ނުނުކުތް. އެކަމަކު ބޭރު ދޮރު ހުޅުވާފަ ހުރީމަ އެތެރެއަށް ވަނީ. އެތެރެއަށް ވަދެފަ ވެސް އާޔާއަށް ގޮވިން. އެއްވެސް ޖަވާބެއް ނުލިބުނީމަ މަޖުބޫރުން ކަލާގެ ކޮޓަރިއަށް ވަންނަން ޖެހުނީ."

އަޅުގަނޑު -- ކަލާގެ ކޮޓަރި -- ؟ މާތްކަލާކޯއެވެ. ކޮންފަދަ ދުރުކަމެއް ހެއްޔެވެ؟ ފަރީއަށް ތެޅިގަނެވުނެވެ. އޭނާގެ އެ ހަރުކަށިކަން ކޮބައިހެއްޔެވެ؟ މިއީ ކޮން ފަދަ ދުރުހިލޭ ކަމެއް ހެއްޔެވެ؟ -- ކޮންމެއަކަސް ޖަމާލުގެ މަޑުމައިތިރި ވާހަކަދެއްކުމުން ފަރީ ފިސްފިސް ވެއްޖެއެވެ. އެކަމަކު އެ ތަނުގައި އެ އިން ގޮތަށް އިނދެފައި ބުންޏެވެ.

"ހީވަނީ އާޔާ ވީ ދަރިފުޅު ގޮވައިގެން ގޮސް ޖެހިގެން ހުރި ގޭގައި ހެން. -- ބޮދުކޮޓަރީގައި އިށީންނަވާ. އަޅުގަނޑު އޭނާ ގެނުވާނަން." ޖަމާލު ކިޔަމަންތެރި ކުޑަކުއްޖެއް ހެން ބޭރަށް ނުކުތުމަށް އެނބުރިލިއެވެ. އެކަމަކު އެއްޗެއް ވިސްނައިލައިފައި ހުއްޓިއްޖެއެވެ. އޭނާ ފަރުވާތެރިކަމާ އެކު ފަރީގެ މޫނަށް ބަލައިލިއެވެ. ދެން އެ ތާނގައި އެ ހުރި ގޮތަށް ހުރެފައި ބުންޏެވެ. "މިއަދު މި އައީ މޯނާ ދެކޭކަށް ނޫން."

"ދެނޯ ...؟" ފަރީ އަޅައިލުމެއް ނެތި، ނިތްކުރިއަށް ރޫއަރުވައިލިއެވެ.

ޖަމާލު ބުންޏެވެ. "މިއަދު -- އަޅުގަނޑު މި އައީ ކަލާއާ ބައްދަލުކުރަން."

"އަޅުގަނޑާއޭ!" ހައިރާން ވީ ވަރުން ފަރީ ކޮޅަށް ތެދުވެއްޖެއެވެ.

ދެން އޭނާއަށް ފެނުނީ ވިދުވަރެއް ހައި ހަލުއިކަމާ އެކު ޖަމާލު ދުވެފައި އައި ތަނެވެ. އޭނާ އައި ގޮތަށް އައިސް ކޮޅަށް ހުރި ފަރީގެ ދެ ފައިގައި އޮޅުލައިގެންފިއެވެ. އަދި ކުޑަކުއްޖެއް ހެން ގިސްލަގިސްލައިފައި ރޯން ފަށައިފިއެވެ. މި ވެގެން އުޅެނީ ކީއް ކަމެއް ފަރީގެ ވިސްނުމަކަށް ނައެވެ. އޭނާގެ މުޅި ހަށިގަނޑު ތުރުތުރުއަޅާ ކަން އޭނާއަށް އިޙްސާސްކުރެވުނެވެ. އޭނާ ކޮޅަށް ހުރެއްޖެ ނަމަ ވެއްޓިދާނެތީ ގޮނޑީގައި އިށީނދެއްޖެއެވެ.

ޖަމާލު ކުޑަކުއްޖެއް ހެން އޭނާގެ ދެ ފައިގައި ބައްދައިގެން އިނދެ ރޮމުން ގެންދިޔައެވެ. ޖަމާލު އޭނާގެ ދެ ފައިގައި ބައްދައިފައި ހުރިލެއް ބާރު ކަމުން ފަރީ މަސައްކަތް ކުރި ނަމަވެސް ފޮޅުވައެއް ނުލެވުނީހެވެ. އެންމެ ފަހުން ޖަމާލު ކަރުނައިން ފޯވެފައި ވާ، އޭނާގެ މޫނު، މައްޗަށް އުފުލައިލައިފައި ބުންޏެވެ.

"ފަރީ! ތިޔަހާ ހަރުކަށި ވާން މަސައްކަތް ނުކުރޭ. މާތްރަސްކަލާނގެ ރަސްކަންފުޅަށް ޓަކާ ތިޔަހާ ބީރައްޓެހި ނުވޭ. މިހާރު އަހަރެމެންގެ ގުޅުމެއް ނެތް ކަން އެއީ ކަށަވަރު ކަމެއް. އެކަމަކު ރަނގަޅު ރަހުމަތްތެރީން ހެން އަހަރެމެންނަކަށް ބައްދަލެއް ނުކުރެވޭނެތަ؟"

"ޖަމާލު." ފަރީ ކުރެހިފައިވާ އަޑަކުން ބުންޏެވެ. "މިހާރު ދެން ނިވިފައި ވާ އަޅިތައް ނުކޮނޭ. ޖަމާލު ބޭނުން ގޮތް ވެއްޖެ. އޭގަ އޮތީ އަހަރެންގެ ކިހާ ކުށެއްތޯ، ޖަމާލުގެ ކިހާ ކުށެއްތޯ ބަލާ ވާހަކަދެއްކުމުގެ ވަގުތު ހިނގައްޖެ. މިހާރު މީ އެ ވަގުތެއް ނޫން. ދެން ހުރި ހުރިހާ އެއްޗެއްސަކީ ނަޒަރުގެ ކެހި. އަހަރެމެންނަށް ރަނގަޅު ބައިވެރިންނަށް ވެގެން ނޫޅެވުނު އިރު ރަނގަޅު އެކުވެރިންނަށް ވެގެންނެއް ވެސް ނޫޅެވޭނެ. ޖަމާލު ވެސް ހުރިހާ އެއްޗެއް ހަނދާންނައްތާލާފަ އަލުން އާ ދިރިއުޅުމެއް ފަށާ."

"ފަށާނީ ކިހިނެއް، ފަރީ؟ އަހަރެން އަމިއްލައަށް އަހަންނަށް ކެހިދެމުން ގެންދާތާ އެހާ ގިނަ ދުވަސް ވެއްޖެ. މިހާރު އަހަންނަށް ހީވަނީ ހުވަފެނަކުން ހޭލެވިގެން އުޅޭ ހެން. މާތްރަސްކަލާނގެ ގަންދެން. ފަރީއާ ނުލާ ނޫޅެވޭނެ ކަމަކަށް އަހަރެން ފަހަރެއްގަ ވެސް ހިއެއް ނުކުރަން."

"އަހަރެން ވެސް އެހެން ހިއެއް ނުކުރަން. އެކަމަކު ހާލަތު އިންސާނުންނަށް ދިރިއުޅެން ދަސްކޮށްދޭ."

"ނޫން ފަރީ! އަހަންނަށް ތިޔަ ހިތި ހަގީގަތް ގަބޫލެއް ނުކުރެވޭނެ. އަދި އަހަރެން ދީނެއް މިއްލަތަކަށް ތަބައެއް ނުވަން. ހަމައެކަނި ފަރީ އަހަންނަށް މާފުކުރޭ. އަހަރެންގެ ފާފައަށް މާފުކުރޭ." އޭނާ ފަރީގެ ދެ ފައިތިލައިގައި ހިފައިފިއެވެ. "އެނބުރި ފަރީގެ ގެއަށް ހިނގާ!"

"އަހަރެންގެ ގެއޭ!" ފަރީ މަލާމާތާ އެކު ހިނިތުންވެލިއެވެ. "ޖަމާލު! އަހަރެންގެ އެއްވެސް ގެއެއް ނެތް. މި ވޭތިވެ ދިޔަ ދެތިން މަހުއްސުރެން އަހަންނަށް އިޙްސާސްކުރެވެނީ އަހަންނަކީ އެކަނިމާއެކަނި ހުރި ވުޖޫދެއް ކަމަށް. އަހަރެންގެ އެއްވެސް ގެއެއް ދޮރެއް ނެތް ކަމަށް."

"ފަރީ، އޯ، ފަރީ!" ޖަމާލު އޭނާ ތަޅުވަން ފަށައިފިއެވެ. "މާތްރަސްކަލާނގެ ރަސްކަންފުޅަށް ޓަކައި އަހަންނަށް މާފުކުރޭ! ފަރީ ވެސް ތިޔަ ހުންނަނީ އުފަލުން ނޫން ކަން އަހަންނަށް އެބަ އެނގޭ. އަހަރެން ވެސް މި ހުންނަނީ ދެރަވެފަ. ވީ އިރު، އަހަރެމެން ނުގުޅޭންވީ ކީއްވެގެން."

"ޖަމާލު! ޖަމާލު އަބަދު ވެސް ތިޔަ ހުންނަނީ އަމިއްލަ އެދުމުގަ. -- ތިޔައީ ޖަމާލު އުފެއްދި ދުނިޔެއެއް. ޖަމާލު އުފެއްދި ދުނިޔޭގެ ދަލުގައި މި ފަހަރު ތިޔަ ވަނީ ޚުދު ޖަމާލު ޖެހިފަ. މިހާރު އަހަންނާ ޖަމާލާ ގުޅުމަކީ އެކަށީގެންވާ ކަމެއް ނޫން. އަނެއްކާ ޖަމާލު އަހަންނަށް ކުރި ނަފުރަތުގެ މަތިން އަހަންނެއް އަދި ހަނދާނެއް ނުނެތޭ."

"އެއީ ނަފުރަތެއް ނޫން. ފަރީ! އެއީ ނުހަނު ގަދަފަދަ ލޯތްބެއް. އެ ކަން އަހަންނަށް ވެސް އެނގުނީ މިހާރު."

"އެކަމަކު މިހާރު ދެން އަހަންނަށް އޭގެ އިޙްސާސް ނުކުރުވާ. އަހަރެން ބޭނުމީ ޖަމާލަކީ އަނިޔާވެރި އިންސާނެއް ކަމަށް ވިސްނާފަ ޖަމާލުގެ މަތިން ހަނދާންނައްތާލަން."

"ފަރީ!" ޖަމާލު އޭނާގެ ފައިން ދޫކޮށްލައިފައި ކުރިމަތީގައި، ތަޅުންމަތީގައި އިށީނދެއްޖެއެވެ. "އަހަރެން ގަބޫލުކުރަން. އަހަރެން ފަރީއަށް ވަރަށް އަނިޔާވެރިވީން. އަހަންނަށް އެނގޭ. އަހަންނަކީ ކުށްވެރިއެއް. އަހަންނަށް ކުރެވުނު ހުރިހާ ކުށެއް އަހަންނަށް އިޙްސާސްކުރެވޭ. އަހަރެން ހަރުކަށީ. ޙަސަދަވެރީ. ބޮޑަލީ. އެއީ އަހަންނަކީ ހަމައެކަނި ފިރިއެއްވީމާ. ހަމައެކަނި ފިރިހެނެއްވީމާ. އެކަމަކު ވަކިވެގެން މި ވޭތިވީ މުއްދަތު އަހަރެންގެ ވިސްނުން ދުނިޔެވީ މުޑުދާރުތަކުން ތާހިރުކޮށްދީފި. އަހަންނަށް ތެދުވެރިކަން ވަޒަންކުރަން އެނގުނީ އަހަރެންގެ އުފާތައް އަމިއްލައަތުން މަރާލައިގެން. މިހާރު އަހަންނަކީ ހަމައެކަނި އިންސާނެއް. ހިތުގައި ލޯބި ހުރި އިންސާނެއް. އާނ. އަހަރެން ފަރީގެ މަޢުޞޫމު ސިކުނޑިއަށް ވިހަލީން. ފަރީއަކީ ވަފާތެރި އިޚްލާޞްތެރި އަތްނބެއް. އެކަމަކު އަހަރެން އަބަދުވެސް ފަރީގެ އިޚްލާޞްތެރިކަން ދެކެމުން ދިޔައީ ޝައްކުގެ ލޮލުން. ފަރީގެވެސް ހުވަފެންތައް ހުރި. އުންމީދުތައް ހުރި. އެދުންތައް ހުރި. އެކަމަކު ޙަސަދައިގެ އަލިފާނުގައި އަނދައިގެން އަހަރެން އެ ކަންކަން ފުނޑުފުނޑުކުރަމުން ގެންދިޔައީ. އޭރު އަހަރެން އުފާ ވަނީ ފަރީ ރޮއްވައިގެން. ފަރީ ތަޅުވައިގެން. ދެން ފަރީ ވެސް ބަދަލުވީ. ބުޅަލަކުން ސިންގާއަކަށް ވީ. އެކި ކަންކަމާ އަރާރުންވާން ފެށީ. މުޤާބަލާކުރަން ތައްޔާރުވީ. ފަރީގެ ޒަމީރަށް ތައުހީނުލިބެން ފަރީ ނުރުހުނީ. ފަރީގެ ތޯހިރު ރީތިކަމަކީ ފަރީގެ ޚަޒާނާ. ފަރީގެ ޚަޒާނާއަށް ކިސަޑު އުކައިގެން ފަރީގެ އަތްމަތި ހުސްކުރަން އަހަރެން މަސައްކަތް ކުރިން. ފަރީގެ އަންހެންވަންތަކަން، އަހަރެންގެ ހިތްހަމަޖެހޭ ވަރު ވަންދެން ފިސްފިސްކުރިން. ފަރީއަށް ކެތްކުރެވޭނީ ވެސް ކިހާވަރެއް ވަންދެން؟ ފަރީ ކުރި ހުރިހާ ކަމަކީ ވެސް ނުހަނު ރަނގަޅަށް ކުރި ކަންތައް. ފަރީ ކަންތައް ކުރާނީ މަލާއިކަތުން ކަންތައްކުރާ ގޮތަށް ކަމަށް އަހަރެން އުންމީދުކުރަންވީ ކީއްވެގެން. އަހަރެން ފެށިކަންތައް ނިމުމާ ހަމައަށް ގެންދިޔުމުގައި ފަރީގެ ވެސް އަތެއް ހިމެނޭ ކަމަށް ވީ ނަމަވެސް ފަރީއަކީ ކުށްވެރިއެއް ކަމަށް އަހަރެން ބުނަންވީ ކީއްވެގެން. އަހަރެން ފަރީގެ ހުރިހާ ކުށެއް މާފުކޮށްފިން. ފަރީ! މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައި، ފަރީ ވެސް އަހަންނަށް މާފުކޮށްދީ." އޭނާ ދެ އަތް ޖޯޑުކޮށްލިއެވެ.

ރޮއިރޮއި ފަރީއަށް ގިސްލެވިއްޖެއެވެ. މާތްރަސްކަލާކޯއެވެ. މިއީ ކޮންފަދަ އަނދިރިކަމެއް ހެއްޔެވެ؟ އެ އަނިޔާވެރިޔާ އޭނާގެ ފައިދޮށުގައި އިނދެގެން ތިމާގެ އަނިޔާތަކަށް އިޢުތިރާފުވަނީއެވެ. ގުޅެން އެދި އާދޭސްކުރަނީއެވެ. އެ ދެ މީހުންގެ ދެމެދުގައި އެތަކެއް މޭލުގެ ދުރުމިން އުފެދިފައިވަނިކޮށެވެ. އެތަކެއް ސއްތައިން ވެސް ކަޑައްތުކޮށް ނުލެވޭ ފަދަ ދުރުމިނެކެވެ. މި ފަރަގު ވެސް ނުވިސްނޭ ހައި ބޮޑަށް އޭނާ މޮޔަވީ ހެއްޔެވެ؟

"ޖަމާލު! މިހާރު އަހަންނާ ޖަމާލާ ދެ މީހުންގެ އެއްވެސް ގުޅުމެއް ނެތް. އެއްވެސް ގާތްކަމެއް ނެތް." އޭނާ ބުނީ މިހެންނެވެ. "މިހާރު ދެން އެއީ ވާނެ ކަމެއް ނޫން... އެ ކަންތައްތަކަކީ ހިތި ހިތާމަވެރި ކަންތައްތަކެއް ކަމަށް ބަލައިފައި މުޅިން ހަނދާންނައްތާލާ."

"އަހަރެން ހަނދާން އެބަހުރި." ފަރީ ނުހަނު ހިތާމަވެރި ރާގެއްގައި ބުންޏެވެ. "އަހަރެން ވެސް ޖެހިގެން އައިދުވަހު މަންމަ ގާތަށް އައުމަށް މުޅިން ނިންމިން. މަންމައަށް ފޯނު ކުރީމާ މަންމަ ބުނީ އޭރު މަންމަ ދެތިން އޮޕަރޭޝަނެއް ކުރަނީ ކަމަށާ އުޅެނީ ވެސް ހޮސްޕިޓަލުގައި ކަމަށާއި އިހަށް ނައުމަށް. އަހަރެންގެ ނަސީބުގެ މައްޗަށް ރޮވުނު ވަރެއް ބުނަން ވެސް ނޭނގޭނެ. ބިން ފަޅައިގެން ގޮސް ބިމުގެ އަޑިއަށް ދެވޭނެ ނަމައޭ ހިތަށް އެރި. އަހަރެންގެ ސޫރަ ޖަމާލަށް ނުދައްކަވާނެ ނަމައޭ ހިތަށް އެރި."

"ދެނަހުރިންތަ؟ އެ ދުވަހު ހަތަރުދަމު އޮފީހުގައި އަހަރެން އުޅުނީ ހިތް ނުތަނަވަސްވެފަ ހުރެގެން. ހިތަށްއަރަނީ ނުކުމެގެން އަވަހަށް ގެއަށް ގޮސް ފަރީ ކަރުގައި ޖައްސާލާފަ، އަހަރެން ބުނި ބަސްތައް އަނބުރާ ގެންނަން. އެ ގޮތަކުން މި ގޮތަކުން ގޮސް ހަވީރު ގެއަށް ދިޔަ އިރު ފެނުނީ ފަރީ ދަރިފުޅު ނިންދަވާފަ ހަމަޖެހިލައިގެން ފޮތެއް ކިޔަން އިންދާ. ހިތްއުފާވި. އެކަމަކު އެ ބަލިމީހާ ނުކުތީ ކޮން ތަނަކުން ކަމެއް ނޭނގެ. އަހަރެން މަލާމާތުގެ ރާގުގަ ބުނީ، ކަމަނާ މި ތާ އިންނެވީހޭ އަޅުގަނޑު ހީކުރީ މައިކަމަނާ އަރިހަށް ވަޑައިގަތީ ކަމަށޭ. އަހަރެން ހަނދާން އެބަ ހުރި. އެރޭ ފަރީ އަހަންނާ އަރާރުންވީމު. އޭރު އެ ވަނީ ފަރީއަށް ކެތްނުކުރެވޭވަރު ވެފަ ކަންނޭނގެ. އެ އަރާރުން ވީ ކިހާ ބިރުވެރި އަރާރުމަކަށް."

"ބުނަން ފަރީ. މިހާރު ދެން ފަރީ ކަރުނަ ނުއޮހަރާ. މި ވާހަކަތައް އަހަރެން ތަކުރާރު މި ކުރީ ފަރީގެ ހިތުގަ ޖައްސާކަށް ނޫން؛ އަހަރެންގެ ނުލަފާކަމުގެ ވާހަކަދައްކާފަ ފަރީގެ ކިބައިން މާފަށް އެދެންވެގެން."

"ހުއްޓާލާ ޖަމާލު! ހުއްޓާލާ! އަހަންނަށް އިތުރު އެއްޗެއް ހަނދާންކޮށް ނުދީ! އެއްވެސް ކަމެއް ހަނދާންކޮށް ނުދީ!" ފަރީ ރޮމުންރޮމުން ގޮސް ހާލެއް ނެތިއްޖެއެވެ. "އަހަރެން ހުރިހާ ކަމެއް ހަނދާން ނައްތާލިޔަދީ. ހިތި ވާހަކަތައް ހިތިކޮށް ހުއްޓަދީ. އެއީ އަހަރެން މިހިރީ ރަނގަޅު ގޮތުގަ ކަމަށް ވިސްނައިގެން ހުރެ ދިރިއުޅުން ވޭތިކޮށްލުމަށް."

"ނޫން ފަރީ. ފަރީ ހަމަ އެންމެ ފަހަރަކު އެ ކަންތައް ހަނދާންކޮށްފާ ރޯލާ. އަހަރެން ހަމަ އެންމެ ފަހަރަކު އަހަރެންގެ ފާފަތަކަށް އިޢުތިރާފުވާނަން. ދެން އަހަރެމެން ހުރިހާ ކަމެއް އަލުން ފަށާނީ. ފަރީ އަހަންނަށް ފުރުޞަތުދީ. ހަމަ އެންމެ ފުރުޞަތެއް. އަހަރެން އެ ހުރިހާ ފާފައެއްގެ ކައްފާރާދޭނަން. ދުނިޔޭގަ މިސާލަކަށް ވާ ވަރަށް އަހަރެން ފަރީ ދެކެ ލޯބިވާނަން."

"މިހާރު ތިޔައީ އެއްވެސް ގޮތަކުން ވާނެ ކަމެއް ނޫން. ޖަމާލު. އަހަރެން ނުދިރުވާ. ހުވަފެނުގެ ދުނިޔެއަށް އަހަރެން ނުގެނޭ. އެއީ ވަރަށް ހިތި ދުނިޔެއެއް. އަހަރެން އިރުއިރުކޮޅާ އެ ދުނިޔެ ދެކޭ ހިތެއް ނުވޭ."

"ފަރީ. އަހަރެމެންގެ މޯނާއަށް އަހަރެމެންގެ ބޭނުން ޖެހޭނެ. އޭނާއަށް ޓަކާ އަނެއްކާ ވެސް އެއްފަހަރު އަހަރެމެން އެކެއް އަނެކެއްގެ އަތުގަ ހިފަމާ ހިނގާ."

"އެކަމަކު ކިހިނެއް؟ ޖަމާލު ދީނާ ޝަރީޢަތާ ވެސް ޚިލާފުވަނީތަ؟"

"ދީނުގަ ވެސް ... އެއް ގޮތެއް އެބަ އޮތް. ފަރީ!"

"އެ ގޮތް އެއްވެސް އަގެއްގައި އަހަރެން ގަބޫލެއް ނުކުރާނަން."

"ނޫން ފަރީ! ކުރީ ވަގުތުގެ ކައްފާރާ ދިނުމަށް އަހަރެމެންނަށް ޖެހޭނީ އެ ބޮޑު ގުރުބާނީ ވާން. ދެން ޖެހޭނީ އެ ކަން ހަނދާން ނައްތާލަން."

ވިދިިވިދިގެން އެތައް ދުވަހެއް ވަންދެން ޖަމާލު އަޔެވެ. ފަރީ ރުއްސިއެވެ. އެތައް ދުވަހެއް ވަންދެން ފަރީ އެއްގޮތަކަށްެ ވެސް ގަބޫލެއް ނުކުރެއެވެ. ދެން އެންމެފަހުން އޭނާ ޖަމާލުގެ ކުރިމަތީގައި ދެރަވުން ގަބޫލުކުރީ ކަހަލައެވެ. އޭނާ ޖަމާލު ދެކެ ލޯބިވިއެވެ. ޖަމާލު ނޫން އެހެން މީހަކާ ކައިވެނިކުރުމުގެ ތަޞައްވުރު ވެސް އޭނާއަކަށް ނުކުރެވޭނެއެވެ. އަދި އަނެއްކާ މިހާރު ޖަމާލު އޭނާއަށް ކުރެވިފައި އޮތް ކިތަން ކުޑަކުޑަ ހަރުކަށި ޢަމަލެއް ނަމަވެސް ބަޔާންކޮށް މާފަށް އެދިއްޖެއެވެ. އަދި އޭނާ ދެކެ ނުހަނު ބޮޑަށް ލޯބިވާކަން ޔަގީންކޮށްދީފި އެވެ. ވީ އިރު ދެން އޭނާގެ ޒަޚަމުވެފައިވާ ހިތް އިތުރަށް ރޮއްވާންވީ ކީއްކުރަން ހެއްޔެވެ؟ އެކަމަކު މަގުމަތީގައި އޮތް ފުން ވަޅުގަނޑު ގިރާކުރާނީ ކިހިނެއް ހެއްޔެވެ؟

(ނުނިމޭ)

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.