ބަރުބާދުވީ ލޯބީގެ ދުނިޔެ - 2

(8 ނޮވެމްބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފަރީ ގަދައެއް ނާޅައެވެ. ވަޒީފާއާއި މަސައްކަތުގައި ފިރިހެނުންނަށް އެ މީހުންގެ ރުހުމާ ދެކޮޅަށް ގަދައެޅުން އެއީ ރަނގަޅު ކަމެއް ނޫނޭ ހިތަށް އަރައިފައެވެ. ދެވޭ ފަހަރަކު ވިއްޔާ ދާނެ ކަން ޔަޤީނެވެ. އާ ކާވެނީގައި ވެސް ފިރިހެނުން ބަހަނާ ދައްކައިފާނެ ހެއްޔެވެ. އެކަމަކު ޖަމާލު ބޭނުންވީ ކުޑަކޮށް ގަދަކޮށްލާން ކަން ނޭނގެއެވެ. ފަރީއަށް ޓަކައި އޭނާއާ އެކުގައި ދާން އެދުނު ނަމަ ޖަމާލު ދިޔައީސްކަން ނޭނގެއެވެ. އޮފީހަށް އެ ގެއިން ވެސް ދެވިދާނެއެވެ. ސީދާ ސާދާ ފަރީ ތަރުބިއްޔަތުކުރެވިފައި ވަނީ އެ ގޮތަކަށް ނޫނެވެ. އޭނާއަށް ތެދަކީ ތެދެވެ. ދޮގަކީ ދޮގެވެ. މަކަރާއި އޮޅުވައިލުމަކީ އޭނާ ދެކޭ ކަންތަކެއް ނޫނެވެ. ކެހިދިނުމަކީ އޭނާ ދަންނަ ކަމެއް ނޫނެވެ. އެހެން ނޫނަސް އޭނާގެ އުމުރަކީ ވެސް ކޮބައިހެއްޔެވެ؟ ވިހި އަހަރެވެ. އެއީ ވެސް ގޭގެ ހަތަރު ފާރުގެ އެތެރޭގައި ވޭތިވީ ވިހި އަހަރެވެ. އޭނާ ދެކެނީ ފިރިމީހާއަކީ އޭނާގެ ސާހިބާ ކަމުގައެވެ. އެ ދުވަސްވަރު ފަރުދާކުރުމާއި، ވާހަކަ މަދުކޮށްގެން އުޅުމުގެ އާދަ ދެމިއޮތެވެ. ތެޅިތެޅި އޮތް ހިތް ގަންދީފައި، ކަލެއާ ނުލައި ދެން އެންމެ ރެއެއް ވެސް ވޭތިކޮށެއް ނުލެވޭނޭ ބުނާކަށް ނުކެރުނެވެ. ފަރީ ހިމޭން ވެއްޖެއެވެ. ޖަމާލުގެ ވިސްނުމުގެ ހަރުފަ ކަރު ފުއްޕައިލައިފައި ބުންޏެވެ.

"ރީތި އަންހެންކުދިން ވަރަށް ބޮޑާވާނެ. އޭނާއަށް ކަލެއާ މެދު އެއްވެސް ފަރުވާލެއް ނެތް. ކިޔަމަންތެރިކަމާ އެކު ފަހަތުން އަންނާނެކަން އެނގޭ." ފުރަތަމަ ދުވަހު ހަވީރު ފަރީއާ ބައްދަލުވާން އޭނާ ނުދިޔަ ސަބަބަކީ އެއީއެވެ.

އެ ހަވީރާއި އެ ރޭ ފަރީ ވޭތިކޮށްލީ ކޮންފަދަ ވޭނެއްގައި ހެއްޔެވެ؟ މީހަކު ރަނގަބީލު ޖަހައިލައިފި ނަމަ، އޭނާގެ ހިތް ފުންމައިގެން ކަރުބުޑާ ހަމައަށް އާދެއެވެ. ތެޅިގެންފައި ދޮރާ ދިމާއަށް ބަލައިލައެވެ. ހަމަ މިހާރު ލޯބީގެ އެ ބަލައިލުން އޭނާގެ ހިތުގެ ތެރެއަށް ވަދެގެން ދާނެއޭ ހީވާ ފަދައަކުންނެވެ. އަދި އިޚްތިޔާރކާ ނުލައި އޭނާ އެ ބެލުމުގެ މައްޗަށް ވެރިވެގެން ދާނެއޭ ހީވާ ފަދަ ބެލުމަކުން މެއެވެ. އޭނާ ދޮރާ ދިމާއަށް ބަލާލެއް ގިނަ ކަމުން އޭނާގެ ދައްތަމެންނާއި ޅިޔަނުން އޭނާއާ ދިމާކުރަން ފެށިއެވެ. "މިހާ އަވަހަށް ތިހިރީ އުޅޭ ހާލު. ލައިލާގެ ބަަދަލުގައި ތިޔަ އިނީ މަޖުނޫނަށް ވެގެން."

އެ މީހުން އެ ގޮތަށް ދިމާކުރާތީ އޭނާ ރުޅިއެއް ނާދެއެވެ. ޙަޤީޤަތް ވާނީ ޙަޤީޤަތަށް ނޫން ހެއްޔެވެ؟ އެހެން ނޫނަސް ފިރިމީހާ ދެކެ ލޯބިވުމަކީ ލަދުގަންނާން ވީ ކަމެއް ނޫނެވެ. އެކަމަކު ޖަމާލެއް ނައެވެ. ފޯނުކުރަން ގެއަކު ފޯނެއް ނެތެވެ. ޝައްކުކުރުމަކީ އޭނާ ކުރަން ދަންނަ ކަމެއް ނޫނެވެ. ކޮންމެވެސް ބޮޑު މަޖުބޫރީއެއް ދިމާވީ ކަމަށް ވިސްނައިފައި ހިމޭންވީ އެވެ. އެކަމަކު އެ ރޭ ވޭތިވެގެން ދިޔައީ ވޭނުގައި ފުރޮޅި ފުރޮޅި އޮތުމުގައެވެ. ނުދަންނަ ހިލޭ މީހަކު އެންމެ މަސްދުވަހުގެ ތެރޭގައި އޭނާގެ ހުރިހައި އެއްޗަކަށް ވީ ގޮތަކާ މެދު ޚުދު އޭނާ ހައިރާން ވިއެވެ. ޙަޤީޤަތުގައި ވެސް ކާވެންޏަކީ ކިހައި އަޖައިބު އެއްޗެއް ހެއްޔެވެ؟ އެތައް އަހަރެއް ވެފައި ހުންނަ ގުޅުންތައް ވަގުތުން ކަނޑައިލައެވެ. އޭނާގެ އެކުވެރީންނާއި ދައްތަމެންނާއި ދެބެއިންގެ ދެ ދަރި ކުދީން ކާވެންޏަށް ފަހު، އެކަނި އައިސް ގިނަ ދުވަސް ވަންދެން ނުތިބެނީ ކީއްވެގެން ކަމާއި ބައެއް ފަހަރަށް ކުދީންގެ ހިތްހަމަނުޖެހޭ ކަމުގެ ބަހަނާ ދައްކައިފައި، އަނެއްބައި ފަހަރަށް ފިރިމީހާއަށް ދަތިވާނޭ ކަމުގެ ބަހަނާ ދައްކައިފައި އެ ދަނީ ކީއްވެގެން ކަން މިހާރު އޭނާ އަށް ވިސްނިއްޖެއެވެ. އޭނާ އޭނާގެ ކެތްމަދުވެފައި ވާ ހިތަށް ވިސްނައިދެމުން ގެންދިޔައެވެ. އޭނާ ޖަމާލު ގާތު ބުނާނެ ވާހަކަތައް ވިސްނަމުން ގެންދިޔައެވެ. ވޭނުން ފުރިފައިވާ، ނިންޖެއް ނެތް އެ ރޭގެ އެކި ހިނދުކޮޅު ކޮޅުގެ ހިސާބު އޭނާ ޖަމާލަށް ބުނެދޭން ބޭނުމެވެ. ފަތިސް ވާންދެން އޭނާ އޮތީ ޖަމާލުގެ ފިޔަވަޅުގެ އަޑުގެ އިންތިޒާރުގައެވެ. އަލްފު ލައިލާގެ ޝެހެޒާދާއެއް ޚިޔާލުތަކުގެ ހުރިހައި ހުރަހެއް ގިރާކޮށްފައި އޭނާގެ ތަންމައްޗަށް މާއަޅާން އަންނާނެތީ އޮތް ފަދައިންނެވެ. ފަތިސްވަންދެން ފުރޮޅިފުރޮޅިފައި، ނިދުނީ ކޮން އިރަކު ކަމެއް ނޭނގެ އެވެ.

އެކަމަކު ޖެހިގެންއައި ހަވީރު އޭނާގެ ހިތުގައި އިންތިޒާރުގެ ބައްތި ދިއްލައިގެން އިންދައި، ރައްޓެހި ކުދިންތަކެއް އަތުވެއްޖެއެވެ. އެ ކުދީންނަކީ ކޮލެޖުގެ އިރުގެ ރައްޓެހި ކުދީންނެވެ. ދުރުކަމެއް ނެތް، ޖެހިލުންކުޑަ ކުދީންނެވެ. އެހެންކަމުން ބޮޑުކޮޓަރީގައި ހުނުމުގެ އަޑުފައްގަނޑު އުފުލިގެން ހިނގައްޖެއެވެ. ސައިޖޯޑުތައް ވަތުތަށިތަކުގައި ޖެހޭ އަޑު އިވެން ފަށައިފިއެވެ. ހަޅޭފަޅޭކުގެ އަޑު ގަދަވެއްޖެއެވެ. ހިނދުކޮޅެއް ނުވަނީސް ބޮޑުކޮޓަރި ކިލާސްކޮޓަރިއަށް ވެއްޖެއެވެ. އެ ކުދީންގެ ޖެހިލުންކުޑަ ވާހަކަތަކާއި ޙާޟިރުޖަވާބުގެ ޖުމުލަތަކާ ހެދި ފަރީ ހުއްޓައިނުލައި ހެމުން ގެންދިޔައެވެ. އެ ވަގުތު ބޮޑުކޮޓަރީގެ ދޮރުމަތިން ޖަމާލު ފެނިއްޖެއެވެ. ސީރިޔަސްކަމާއި ހަމަހިމޭންކަމާ އެކުގައެވެ. ކުޑަ ހިނދުކޮޅަކަށް ކިލާސްކޮޓަރި އަނެއްކާވެސް ބޮޑުކޮޓަރިއަށް ވެއްޖެއެވެ. ހަމަހިމޭންކަން ވެރިވެއްޖެއެވެ. އެ ކުއްޖަކު އިން ތަނެއްގައި މަޑުމަޑުން އިނދެއްޖެއެވެ.

ފަރީ މެންދުރުއްސުރެން އިނީ، ނުރުހުންވެފައި އިން ރާނީއަކަށް ވެގެން، ޖަމާލު އެންމެ ރުހޭ ހެދުން އަޅައިގެން ނިދާކޮޓަރީގައެވެ. އޭނާ ބޭރަށް ނުކުންނާން ކަނޑައަޅައިގެން އިނީ ހަވީރުއެވެ. އޭނާ ބޭނުންވީ ޖަމާލު އައުމާ އެކު ދުވެފައި ގޮސް އޭނާގެ މޭގައި ލައްވެލާށެވެ. އޭނާގެ މޫނު ޖަމާލުގެ ކަނދުރާގައި ފޮރުވައިފައި، އޭނާގެ ދެ އަތުގެ ހާރުން، އޭނާ ރޭ ވޭތިކޮށްލީ ކިހިނެއް ކަން އަންގައި ދޭށެވެ. އެކަމަކު ޖަމާލު އެ އައީ ކޮން ވަގުތަކު، ކިހިނެއް ހެއްޔެވެ؟ ރައްޓެހި ކުދީންގެ ކުރިމަތީގައި، ރުޅިއަންނަ ކަމަށް ހެދިގެން، އިއްޔެގެ ރަޙުމްކުޑަކަމުގެ ސަޒާ ވެސް ދޭކަށް ނުކެރުނެވެ. ޖޯޑު، ތަބަކުގައި ބަހައްޓައިފައި ހިނިތުންވަމުން ތެދުވެ، އޭނާގެ ރައްޓެހި ކުދީން ޖަމާލަށް ތަޢާރަފުކޮށްދޭން ފަށައިފިއެވެ.

އެ ވަގުތު ވެސް އެކުވެރި ކުދީންގެ އިޚުލާޞްތެރިކަން އޭނާގެ ދިރިއުޅުމުގެ ހުރަހަކަށް ވާން ފެށިއެވެ. އެއީ ހުރިހައި ކުދީން އެކި ފަހަރު މަތިން އޭނާގެ ރިތިކަމާއި އިޚުލާޞްތެރިކަމަށް ތާރީފުކުރާން ފެށުމުންނެވެ.

"ޖަމާލަށް މިހާ ލޯބި އަލަތުއަތްނބެއް ލިބިލެއްވި ކަން އެއީ ޖަމާލުގެ ނަސީބު ރަނގަޅުކަން."

"ޖަމާލު. އަސްލު ވެސް ޖަމާލު ވަރަށް ލަކީ. މިއީ އަޅުގަނޑުމެންގެ ކޮލެޖުގެ ބެސްޓު ގާލް."

"ޖަމާލުގެ މައްޗަށް ހަސަދަވެރިވެވޭ. މާތްރަސްކަލާނގެ ގަންދެން. މިއީ ވަރަށް އަޚުލާޤު ރަނގަޅު ވިސްނުންތެރި ކުއްޖެއް."

"ޖަމާލު ފަރީއަށް އަޅުކަން ކުރެއްވުން ރަނގަޅުވާނެ."

"މިހާރު ވެސް ނުކުރައްވާ ކަމެއް ކިހިނެއް އެނގެނީ." އެއް ކުއްޖަކު ލާނެތްކަމާ އެކު ބުންޏެވެ.

"އަޅުކަން ނުކުރައްވާ ނަމަ، ދީވާނާއެއް ހެން ފަސްފަހަތުން އުޅުއްވާނެތަ؟" އެހެން ކުއްޖަކު މަޖާވެލައިފައި ބުންޏެވެ.

ޖަމާލު...

ޖަމާލު...

އެހެން އިންދައި ޖަމާލުގެ ވިސްނުމުގެ ހަރުފަ ހިރެން ފެށިއެވެ.

"އަހަރެންގެ ނަސީބު ރަނގަޅިއްޔާ، ރަނގަޅު ކަމަށް މި ވަނީ މި އަންހެން ކުއްޖާގެ ސަބަބުން. އަހަރެންގެ ކިބައިގައި އެއްވެސް ރަނގަޅު ކަމެއް ނެތް."

"އަހަރެން ދުނިޔެއަށް އައުމުގެ މަޤްޞަދަކަށް މިވަނީ ހަމައެކަނި އޭނާއަށް ޚުޝާމަދުކުރުން. ހުނ." އޭނާ ކަތިބެލުމަކުން ފަރީއާ ދިމާއަށް ބަލައިލިއެވެ. ފަރީ އިނީ ލަދުން އޭނާގެ ރަތް ނިޔަފަތިތަކުން ޖޯޑުގެ ތުންފަތްކައިރީގައި ރޮނގު އަޅާލަ އަޅާލައެވެ.

"މީނާ މިހާ ބޮޑާވެފައި އަޅާލުން ކުޑަވެފައި މިއިންނަނީ އެހެންވެގެން."

އެ ކުދީންތައް ދިޔުމުން އެ މީހުން ކޮޓަރިއަށް ވަދެއްޖެއެވެ. ފަރީ ތެޅިތެޅި އޮތް ހިތަކާއެކު ޖަމާލު ވާހަކަ ފެށުމަށް އިންތިޒާރުކުރަމުން ގެންދިޔައެވެ. އެއީ އޭރުން އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލުމަށެވެ. އެކަމަކު އެ ކޮޅުން ފެށުމެއް ނައެވެ. ހީވަނީ ޖަމާލުގެ ސިކުނޑީގައި ވަރުގަދަ އަރާރުމެއް ހިނގަނީ ހެންނެވެ. އެހެންކަމުގައި ވީނަމަވެސް އޭނާ ވަނީ ކެތްތެރިކަން ކުޑަވެފައެވެ. އޭނާ އައީ އެ ރޭ އެ ގޭގައި ހުންނަން ކަނޑައަޅައިގެންނެވެ. އެކަމަކު މިހާރު އޭނާގެ ހިތް އެދެނީ މި އަންހެން ކުއްޖާއަށް ސަޒާ ދޭށެވެ. ރީތިކަމާއި ބޮޑާކަމުގެ ސަޒާއެވެ. އޭނާއަށް އިންތިޒާރުކުރުމުގެ ބަދަލުގައި ފަރީ އިނީ ރައްޓެހި ކުދީންނާ އެކު ހީނ މަޖާކުރާށެވެ. ނުރުހުންވުމުގެ ބަދަލުގައި ޒީނަތްތެރިވެގެންނެވެ. އޭނާގެ ހިތަށްއެރިއެވެ. އަހަރެން އިއްޔެ ނައީމާ ވެސް އެ ކަމާ ފަރުވާލެއް ނެތެވެ. އޭނާ އެ ހީކުރަނީ އަހަރެން މިހިރީ އޭނާ އަގުދޭން ނުޖެހޭ އަޅަކަށް ވެފައި ކަމަށެވެ. ދަގަނޑު ހެން ދަގަތްފާނާ ދިމާއަށް ދަމައިފައި ގެންނާނެ ކަމަށެވެ... އަދި...

"އިއްޔެ ކަލާ ނުދުރުވީ ކީއްވެގެން؟" ފަރީ މަޑުމަޑު އިނގިލިތަކުން އޭނާގެ މޫނުގައި ބީހިލައިފައި އެހުމުން އޭނާ ސިހިއްޖެއެވެ. ވަސްވާހުން ފުރިފައިވާ ކަޅި އުފުލައިލައިފައި ފަރީގެ މޫނަށް ބަލައިލިއެވެ. އާރޯތާޒާ، ރީތި، ތެދުވެރި މޫނެކެވެ. އޭނާ ބެހިއްޖެއެވެ.

އިއްޔެގެ ޝަކުވާ އެ ދެމެދުގައި އޮތް ގޮތަށް އޮވެއްޖެއެވެ. ހިތް އަމިއްލައަށް ސާފުވެއްޖެއެވެ.

"ކަލާ މި ރޭ މަޑުކުރައްވާނީ، އެހެންނޫންތޯ؟"

"ނޫން." އެތައް އިރަކު ވިސްނުމަށް ފަހު ޖަމާލު ޖަވާބުދިނެވެ. އެހެން ބުނި ނަމަވެސް އޭނާ އެ ގެއިން ދާ ހިތެއް ނެތެވެ. މި ރީތި އަންހެން ކުއްޖާ ވަނީ އޭނާގެ ފައިގެ ކަސްތޮޅަށް ވެފައެވެ--- އެކަމަކު އޭނާ ކުއްލިއަކަށް ކޮޅަށް ތެދުވެއްޖެއެވެ. "ވަރަށް ބޮޑު ކަމެއް ކުރަން ޖެހިފަ އެބައޮތް. މިރޭ މަޑުކުރެވޭކަށް ނެތް."

ފަރީގެ ހިތް ގެނބިއްޖެއެވެ. ވަޞްލުގެ ރޭގަނޑަށް ވުރެ މުހިންމު ކަމެއް އޮވެދާނެ ހެއްޔެވެ. ރޮއިގެންފައި ބުނާން އޭނާގެ ހިތަށްއެރިއެވެ. ޖަމާލެވެ. މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައި ނުދާށެވެ. މި ރޭތައް އުޖާލާކޮށްދޭށެވެ. އަހަރެންނަށް ކަލެޔާ ނުލައި އެންމެ ސިކުންތަކު ވެސް ނުނިދޭނެއެވެ. މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައެވެ... އެކަމަކު މި ހުރިހައި ވާހަކައެއް ދައްކާކަށް އޭނާގެ ހިތްވަރެއް ނެތެވެ.

އޭނާ އަޑުއަހައިފައި އޮންނަ ގޮތުން ފިރިމީހާގެ ކޮންމެ ވާހަކައެއް ގަބޫލުކުރާން ޖެހޭނެއެވެ. ފިރިމީހާއާ މެދު ޝައްކުގެ ލޮލުން ބަލައިގެން ނުވާނެއެވެ. --- މި ކައިވެނީގެ ރޭތަކުގެ މައްޗަށް ގަދަވެގަންނަ ފަދަ ކަމެއް އޮތީ ކަމަށް ވެދާނެއެވެ... އެހެން ނޫނީ ކެތްކުރެވޭނީ ކާކަށް ހެއްޔެވެ.

ޖަމާލު ހިނގައްޖެއެވެ. އެ ދިޔަ ގޮތަށް ދެން އައީ އޭނާ ބަލައެވެ. އޭނާގެ ވިސްނުމަށް ނުރަނގަޅު އެއްޗެއް ވަނުމުގެ ހުއްދަ ދޭކަށް އޭނާ ބޭނުމެއް ނޫނެވެ. އަނެއްކާ ޖަމާލުގެ ލޯތްބަކަށް އެއްވެސް ތަފާތެއް ނާދެއެވެ. ހަމައެކަނި ތަންކޮޅެއް އެކަހެރިކޮށް އުޅޭ ހެން ހީވާ ކަމެވެ.

* * *

އެއް މަސްދުވަހަށް ފަހު އޭނާ ޖަމާލާ އެކު އެނބުރި އަތުވެއްޖެއެވެ. އޭނާގެ ކޮޓަރީގައި އޮވެގެން ޖަމާލު ގާތު ބުނާން ސިކުނޑީގައި އެއްކޮށްގެން ގެންދިޔަ ހުރިހައި ވާހަކައެއް ވެސް އަނބުރާ ހިފައިގެންނެވެ. އޭނާގެ ކުޑައިރުގެ ވާހަކަތަކެވެ. މަންމައާ ބެހޭ ވާހަކަތަކެވެ. ބައްޕައާ ބެހޭ ވާހަކަތަކެވެ. ބައްޕަ ނިޔާވުމަށް ފަހު ގޭގެ ހާލަތު ދަށަށް ދާން ފެށުމުން މަންމަ ދެވަނަ ފަހަރަށް މެޑިކަލް ކޮލެޖަށް ވަން ވާހަކައެވެ. ޑޮކްޓަރުކަމުގެ ކޯސް ފުރިހަމަކުރުމަށް ފަހު ކުލިނިކެއް ހުޅުވި ވާހަކައެވެ. ދުވާލު ވަޒީފާ އަދާކުރަމުން ރޭގަނޑު ކުލިނިކު ހިންގަމުން ހުރިހައި ކުދީންނަށް ރަނގަޅު އިސްކޫލުތަކުންނާއި ރަނގަޅު ކޮލެޖުތަކުން ކިޔަވައިދިން ވާހަކައެވެ. ދެ ދައްތަގެ ކައިވެނި ނުލާހިކު ފުރިހަމަކަމާ އެކު ކޮށްދިން ވާހަކައެވެ. ޚުދު އޭނާ ވެސް އުޅުނީ އެމް.އޭ. ނަގާން ކަމަށާއި އެކަމަކު އެއް ދުވަހަކު ޖަމާލުގެ ދައްތަ އޭނާ ދެކޭން އައި ވާހަކައެވެ. ޖަމާލުގެ ދައްތަ ނޫނަސް އެހެން ވެސް ކިތަންމެ ބަޔަކު އައި ވާހަކައާއި ކިތަންމެ ކައިވެންޏަކާއި ކިތަންމެ ފޮޓޯއެއް ހުށަހެޅުނު ވާހަކައެވެ. އެކަމަކު އޭނާ އަށް ޖަމާލުގެ ދައްތައާ ރުހެވުނު ވާހަކައާއި އެ ކަހަލަ ހިތްދަމައިގަންނަ ސިފަ އޭނާއަށް ރީތި ވާހަކައެވެ. ފިރިހެން ކޮއްކޮ ދައްތަޔާ އެއްސިފަވެއްޖެ ނަމަ އޭނާގެ ހިތުގެ އެދުން ފުދޭނެޔޭ ހިތަށްއެރި ވާހަކައެވެ.

އޭނާ ނިންމައިގެން ހުރީ މިހައި ހިސާބުން ހުއްޓައިލާށެވެ. އޭރުން ޖަމާލު އޭނާ ފެނުނު އިރު ސިފަ ކިހިނެއްތޯ ތަކުރާރުކޮށް އަހާނެއެވެ. ދެން އޭނާ ޖަމާލު ވަރަށް ތަޅުވައިލާނެއެވެ. އެއަށް ފަހު ބުނާނީ--- ދައްތައަށް ވުރެ ޖަމާލު މާ ރީތިވެފައި މާ ރަނގަޅުވެފައި މާ ލޯބިކަމަށެވެ.

އެކަމަކު އޭނާއަށް އެ ގޮތަށް ބުނާން ކެރޭނީ ކިހިނެއް ހެއްޔެވެ؟ ނޫނެކެވެ. ބުނާނީ އެ ގޮތަކަށް ނޫނެވެ.--- ބުނާނީ ޙަޤީޤަތުގައި ވެސް ޖަމާލަކީ އޭނާގެ ހިތުގެ އަލިކަން ކަމަށާއި ހަށިގަނޑުގެ ފަޚުރުކަމުގައި ވެއްޖެ ކަން ޖަމާލަށް ޔަގީންކުރެވޭނޭ ގޮތަކަށެވެ. އެކަމަކު ހުރިހައި ވާހަކައެއް ހިތުގައި ހުރި ގޮތަށް ހުރީއެވެ. އަނެއް ކޮޅުން ފިރިމީހާގެ ގޭގައި އިނީ ހަމައެކަނި ދައްތައެވެ. އޭނާ އައުމާ އެކު ގޭގެ ހުރިހައި ކަމެއް އޭނާއާ ޙަވާލުކޮށްފައި ދައްތަ ކުވޭތަށް ހިނގައްޖެއެވެ. ދައްތަ ކުވޭތުގައި އިންނަތާ ދެ އަހަރު ވެއްޖެއެވެ. ދައްތަ އައީ ހަމައެކަނި ކޮއްކޮގެ ކައިވެނިކޮށްދޭށެވެ.--- އޭނާގެ ދިރިއުޅުމުގެ އާ ދައުރެއް ފެށުނީއެވެ.

އަމިއްލަގެ... އެއީ ކޮންމެ އަންހެން ކުއްޖެއްގެ ވެސް އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ހުވަފެނެވެ. މިހާރު އޭނާއަށް އެ ޖެހުނީ އެ ގެ ހުރިހައި ގޮތަކުން ޒީނަތްތެރިކޮށް ފުރިހަމަކުރާށެވެ. ސުވަރުގެއަކަށް ހަދާށެވެ.

ހުރިހައި އަންހެން ކުދީންނެކޭ އެއްފަދައިން އޭނާއަށް ވެސް ގެވެހިކަމުގެ އެއްވެސް ތަޖުރިބާއެއް ލިބިފައެއް ނެތެވެ. މަންމަގެ ގޭގައި ބައެއް ކަންކަން ބެލެހެއްޓުމާއި ދޭތެރެއަކުން ބަދިގެއަށް ވަދެ މީރު އެއްޗެއް ކައްކައިލުން އެއީ އަދި އެހެން ކަމެކެވެ. ބޮޑު ގެއެއްގެ ހުރިހައި ޒިންމާއެއް އުފުލުމަކީ އަދި އެހެން ކަމެކެވެ. އޭނާއަށް ލޮނާއި މިރުސް ހިސާބުކުރާން ވެސް ނޭނގެއެވެ. އޭނާ އަދި ބޭނުމީ އަލަތުއަތްނބެއްގެ ގޮތުގައި އިންނާށެވެ. ޖަމާލުގެ ފިރުމުންތަކުން ނިންދަވައި ޖަވާލުގެ ސިއްރު ވާހަކަތަކުން ހޭލައްވާށެވެ. އެކަމަކު އެހެނެއް ނުވިއެވެ.

ޖަމާލު ހިސާބަކަށް ހަރުކަށި ރާގެއްގައި އަންގައިދިނީ އޭނާ، ފަރީ ދެކެން ބޭނުން ވަނީ ފުރިހަމަ ގެވެހި އަންހެނެއްގެ ސިފައިގައި ކަމެވެ. އޭނާ ނޯކަރުންނާއި، ހޮޓާހޮޓަލުގެ އެހީގައި ފުދޭހައި ދުވަހު އުޅެފިކަމަށާއި މިހާރު އޭނާ ބޭނުންވަނީ ފަތިހުފަތިހާ އެނދުގައި އޮތްވައި ބެޑްޓީ ލިބެންކަމަށާއި، އޭނާގެ ކެއުން ޚުދު ފަރީ ކެއްކުން ކަމަށް ބުންޏެވެ. މި ކަންކަން ނޭނގޭ ނަމަވެސް، ގޭތެރޭގެ ކަންތައްތައް ކޮށް ބަލަހައްޓައި ހިންގާނޭ ގޮތް ދަސްކުރާށާއި އެންމެ ކުދިކުދި އެއްޗެއްސާ ދޭތެރޭގައި ވެސް ޚިޔާލު ބަހައްޓާން އެންގިއެވެ.

ޖަމާލުގެ ރާގުގައި ހަރުކަށިކަމާއި ނުރުހުންތެރިކަން އެކުލެވިފައި ހުރި ނަމަވެސް ފަރީ އެ ކަމަކާ ނުރުހުމެއް ނުވެއެވެ. މިއީ އޭނާގެ ގެކަމުގެ ތަޞައްވުރު، އޭނާގެ އަމިއްލަ ގެކަމުގެ ތަޞައްވުރު އެއީ ކިހައި އުފާވެރި ތަޞައްވުރެއް ހެއްޔެވެ. --- މިހާރު ދެން އެހެން މީހަކަށް އެ ގޭގެ ކަންތައްތަކަކާ ނުބެހެވޭނެއެވެ. އެ ގޭގައި އުޅޭނީ އޭނާއެވެ. ދެން ޖަމާލެވެ.

އޭނާގެ ނާޒުކު ހަށިގަނޑަށް ތަޙައްމަލު ނުކުރެވޭ ފަދަ އެ ބުރަ މަސައްކަތްތައް އޭނާ އުފަލާ އެކު ސަމާލުކޮށްފިއެވެ.

ވަރުބަލިކޮށްލާ ރޭގަނޑެއްގެ ޞިރާޠުމަގު ކަޑައްތުކޮށްލުމަށް ފަހު ފަތިހު ފަހެއް ޖަހާ އިރު އޭނާ ތެދުވާ އިރު، ޖަމާލު ދެފައި ދަމަދަމައިފައި ނިދާން އޮންނަ ތަން ފެނުމުން އޭނާ ގާތަށް ރުޅިއާދެއެވެ. އެ ވަގުތު ޖަމާލަކީ ވަރަށް ރަޙުމެއް ނެތް މީހެއްކަމުގައި އޭނާ ދެކެއެވެ.

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.