(19 ނޮވެމްބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މިއީ ދިރިއުޅުމުގެ ކޮންފަދަ މަރުޙަލާއެއް ހެއްޔެވެ. ފަރީ ކުރަންވީ ކީއް ކަމެއް ނުކުރަންވީ ކީއް ކަމެއް އޭނާގެ ވިސްނުމަކަށް ނާދެއެވެ. މި ހާސްކަމުގެ ތެރޭގައި ހާސްވެހާސްވެ އޭނާ ވެސް ދިރިއުޅުމުގެ ވައްޓަފާޅި ހަނދާން ނެތިއްޖެއެވެ. އަބަދު ހުންނަނީ ރުޅިއައިސްފައެވެ. ތަޅައިފޮޅައިގަންނާން ތައްޔާރަށެވެ. ޖަމާލު ގެއަށް އަތުވެއްޖެއްޔާ މަލާމާތްކުރާން ފަށައެވެ. ޖަމާލެކޭ އެއްފަދައިން އޭނާވެސް ޖަމާލުގެ ބޮލުގައި ހުތުރު އިލްޒާމު އަޅުވާން ފަށައިފިއެވެ. ބަދަލުހިފުމުގެ އަލިފާން އޭނާ ކޮންމެވެސް ގޮތަކުން ނިވައިލައެވެ. މި ނުގުޅުމުގެ ނިމުމަކަށްވާނީ ކޮންކަމެއް ހެއްޔެވެ؟
މިހައިތަނަށް ވަމުން އަންނަ ގޮތެވެ........ ވަރިއެވެ.
ދެމަފިރީންގެ މައްޗަށް ރުޅި، ވެރިކަންކޮށްފައި، ބަދަލުހިފުމަކީ އެ މީހުންގެ ޚާއްޞަ މުޝީރުކަމުގައިވުމުން އެހެން މީހުންގެ ވިސްނައިދިނުމަކީ ބޭކާރުކަމެކެވެ. އެ އަލިފާން ވައިރޯޅި އަންނަ ގޮތަށް ފައިބައިގެންދާނެއެވެ. އެކަމަކު އެ ވައިރޯޅި ފައިބައިގެން ދާންދެން ވަގުތު ލޯއަނބުރައިލައެވެ.
* * *
ފަރީ އޭނާގެ މަންމަގެ ގެއަށް އައުމާއެކުގައި އޭނާ ދީވާނާވެފައި ހުންނާން ފަށައިފިއެވެ. ދިރިއުޅުމުގެ މި ހިތި ޙަޤީޤަތާ ކުރިމަތިލާހައި ހިތްވަރެއް އޭނާގެ ގައަކު ނެތެވެ. މޮޔަކަން އޭނާގެ މައްޗަށް ވެރިވާ ހިނދު އޭނާ ހަޅޭއްފަޅޭއްލަވައެވެ. އޭނާގެ މޫނުމަތީގައި ވަކިއަޅައެވެ. ނިޔަފަތި އަޅުވައި އޭނާގެ މޫނު ލޭގަނޑަކަށް ހަދައިލައެވެ. އޭނާގެ މޫނުމަތި ނޮޅައިލައެވެ. ބައެއް ފަހަރަށް އޭނާގެ ދަރިފުޅު ފެންވަރުވައި ރީތިކުރުމުން ކުއްލިއަކަށް ދަރިފުޅުގެ ގައިގައި ތަޅާން ފަށައެވެ. ރަނގަޅަށް ތެޅުމަށްފަހު މޭގައި ޖައްސައިލައިގެން ގިސްލަގިސްލައިފައި ރޮޔެވެ. އޭނާގެ ޙާލުގެ މައްޗަށް ބޭގަމް ޝަފީޤު ވަރަށް ބޮޑަށް ކަންބޮޑުވެއެވެ. އެކަމަކު ފަރީގެ ޒަޚަމުތަކުގައި ބޭސްއަޅައިދީ ދިރިއުޅެން އެކަށީގެންވާ ވަރު ކޮށްދޭހައި ވަގުތެއް އޭނާއަކަށް ނުލިބެއެވެ. ފަރީ ކަހަލަ އަންހެންކުއްޖަކަށް މި ހިތާމައަކީ ދިރިއުޅުމުގެ އެންމެ ބޮޑު ހިތާމަކަމާއި މި ހިތާމައަށް ކެތްކުރާން ވަގުތު ބޭނުންވާނެކަން އޭނާއަށް އެނގެއެވެ.
އެ ދުވަސްވަރު ޝަހަރުގައި ވަރަށް މަޝްހޫރު ނަފްސިއްޔާތުގެ މާހިރެއް އުޅެއެވެ. ބޭގަމް ޝަފީޤު ވެސް އޭނާގެ ހަސްފަތާލުގެ ބަލިމީހުން ދެއްކުމަށް ނުވަތަ އެމީހުންގެ މައްސަލަތައް ޙައްލުކުރުމަށް އޭނާ ގެނެއެވެ. އޭނާގެ ނަމަކީ މުޙަންމަދު ޖާދުވާނެވެ. އެކަމަކު އޭނާ މަޝްހޫރުވެފައިވަނީ ޑަކުޓަރުު ޖާދޫގެ ނަމުންނެވެ. އޭނާގެ ބޭސްކުރުމުގެ ފާޑުގަނޑަކީ ޖާދޫއެއްކަމުގައި މީސްތަކުން ދެކެނީކަން ނޭނގެއެވެ. ބަސް ނުހަނު ފޮންޏެވެ. މޫނުމަތީގައި ނުހަނު ބޮޑަށް ދަމައިގަންނަ ބާރު ހުރެއެވެ. ވާހަކަދެއްކުމުގައި އަސަރުފޯރުވާ ގޮތް ހުރެއެވެ. އޭނާގެ އުމުރުން ވާނީ ގާތްގަނޑަކަށް ސާޅީސް ބަޔާޅީސްވަރެވެ.
ބޭގަމް ޝަފީޤު އޭނާގެ ދަރިފުޅުގެ ކޭސް ވެސް ޑަކުޓަރު ޖާދޫއާ ހަވާލުކޮށްފިއެވެ. އަދި އޭނާއަށް ހުރިހައި ތަފުޞީލުތަކެއް ކިޔައިދީފިއެވެ. އޭނާ ޑަކުޓަރު ގޮވައިގެން ގެޔަށް ދިޔަ ދުވަހަކީ މޮޔަކަމުގެ އަސަރު ފަރީއަށް ވަރަށް ބޮޑަށް ފޯރި ދުވަހެކެވެ. އޭނާ ހެނދުނުއްސުރެ އޭނާގެ ކޮޓަރިއަކުން ނުނުކުމެއެވެ. ވަކިއަޅައަޅައި މޫނު ވަނީ ހަލާކުކޮށްލައިފައެވެ. ހެނދުނުއްސުރެ އެއްވެސް އެއްޗެއް ނުކައެވެ. ނުބޮއެވެ. މީހަކާ އަނގައަކުން ވެސް ނުމެ ބުނޭމެއެވެ. ޑަކުޓަރު ގެނައީ ހަވީރުއެވެ. ބޭގަމް ޝަފީޤު އޭނާގެ ކޮޓަރިއަށް ގޮސް ޙާލު އެހިއެވެ. ފަރީ ލޯހުޅުވައިލައިފައި މަންމައާ ދިމާއަށް ބަލައިލިއިރު ނުދަންނަމީހަކު މަންމަ ގާތުގައި ހުއްޓައި ފެނުނެވެ. އޭނާ ހައިރާންވެގެން ލޯބޮޑުކޮށްކޮށްލައިފައި އެއް ފަހަރު މަންމައަށް އަނެއް ފަހަރު އެ މީހާއަށް ބަލާން ފަށައިފިއެވެ.
"ފަރީ. އަހަރެން މި އައީ ޑަކުޓަރު ސާހިބު ގޮވައިގެން. ޑަކުޓަރު ދަރިފުޅަށް ބޭސްކޮށްދެއްވާނެ." މިހެން ބުނެފައި މަންމަ ބޭރަށް ނުކުމެއްޖެއެވެ. ޑަކުޓަރުު ޖާދޫ ގޮނޑި ދަމައިލައިފައި އެނދުގެ ކައިރީގައި އިށީނދެއްޖެއެވެ. އަދި އޭނާގެ ފުން، އޯގާވެރި އަޑުން ބުންޏެވެ.
"އަޅުގަނޑު މިއައީ ފަރީއަށް ބޭސްކުރަން."
"ޑަކުޓަރު ސާހިބު. އަޅުގަނޑަކަށް އެއްވެސް ބައްޔެއް ނުޖެހޭ." ފަރީ ކުރަކި ރާގަކަށް ބުންޏެވެ. "އަޅުގަނޑަށް ވީ ގޮތަކީ ހަމައެކަނި ވަރިކުރެވުނީ. ވަރިއަކީ ދުނިޔޭގައި އެ ކަމަށް ދޭނެ އެއްވެސް ބޭހެއް ނެތް ބައްޔެއް."
"މި ދުނިޔޭގައި ކޮންމެ ބައްޔެއްގެ ވެސް ބޭސް އެބަ ހުރި." ޑަކުޓަރު ހަމަ އެ ގޮތަށް ހިނިތުންވަމުން ބުންޏެވެ.
"ޑަކުޓަރު ސާހިބު. މި ތަނުން ދުރުވޭ!" ފަރީ ރުޅިއައިސް ފުފިގެން ތެދުވެ އިށީނދެއްޖެއެވެ. "އެއް ފިރިހެނަކު ޒަޚަމުކޮށްލީމަ އަނެއް ފިރިހެނަކު ބޭސްއަޅާދޭން އަންނާނެ. ހުރިހާ ފިރިހެނުންނަކީ ވެސް ވަރަށް ވިޔާނުދާ ބައެއް. އަޅުގަނޑު ފިރިހެނުންނަށް ނަފުރަތު ކުރަން. ވަރަށް ބޮޑަށް ނަފުރަތު ކުރަން. އަޅުގަނޑު ޑަކުޓަރުގެ ސިފަ ވެސް ދެކޭކަށް ބޭނުމެއް ނޫން. ޑަކުޓަރުު އަޅުގަނޑަށް ހެޔޮކަމެއް ކޮށްދެއްވާ. މި ތަނުން ދުރުވޭ."
"އަޅުގަނޑު މި އައީ އަޅުގަނޑުގެ ސިފަ ފަރީއަށް ދައްކާކަށް ނޫން. ފަރީ އަޅުގަނޑުގެ ސިފައަށް ނުބައްލަވާ. އަޅުގަނޑަށް ނަފުރަތު ކުރައްވަމުން ގެންދަވާ. އަޅުގަނޑު މި އައީ އަޅުގަނޑުގެ ވާޖިބު އަދާކުރަން."
"މަންމާ! މަންމާ!" ފަރީ ހަޅޭއްލަވައިގެންފައި މަންމަ ގެނުވައިފިއެވެ. މަންމަގެ ކުރިމަތީގައި ދެއަތް ޖޯޑުކޮށްފައި ބުންޏެވެ. "މި މީހާ މި ތަނުން ފޮނުވާލާ. އެހެން ނޫނީ އަހަރެން ބޯފަޅާލައިގެން މަރުވާނީ."
އެ ދުވަހު ޑަކުޓަރު ޖާދޫ އޭނާ ނުބަލައި ހިނގައްޖެއެވެ. އެކަމަކު ބޭގަމް ޝަފީޤު ގާތު ބުންޏެވެ. "މާޔޫސް ވެލައްވާނެ ކަމެއް ނެތް. ކޭހަކީ ސީރިޔަސް ކޭހެއް. އެކަމަކު ފަރުވާއެއް ނެތް ކޭހެއް ނޫން. އަޅުގަނޑު ކޮންމެ ދުވަހަކު ހަވީރު އޭނާ ބަލަން އަންނާނަން. އަދި އޭނާ ދިރިއުޅުމުގެ މަގަށް ގެންނާނަން."
އަނެއް ދުވަހު ހަވީރު އަނެއްކާ ވެސް ކަނޑައެޅިފައިވާ ގަޑީގައި ޑަކުޓަރު އޭނާގެ ބޯލާކޮޅުގައި ކޮޅަށް ހުއްޓެވެ. އެ ފަހަރު ވެސް ޑަކުޓަރު ފެނުމުން ފަރީ ނުރުހުމާއެކު ލޯކުޑަކޮށްލިއެވެ. ޑަކުޓަރު ހިނިތުންވެލައިފައި ކައިރީގައި ބަހައްޓައިފައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. އަދި ލޯތްބާއެކު ބުންޏެވެ.
"ފަރީގެ ޙާލު ކިހިނެއްތޯ؟"
"އަޅުގަނޑުގެ ޙާލު ކޮންމެގޮތަކަށް ހުރި ނަމަވެސް އެއީ އަޅުގަނޑުގެ އަމިއްލަ ކަމެއް. އެ ކަމާ ބެހިލެއްވުން ހުއްޓާލައްވާ." ފަރީ ނުހަނު ހަރުކަށި ރާގުގައި ބުންޏެވެ.
"ފަރީ ތިޔަ ބުނުއްވީ ކީކޭތޯ؟" ޑަކުޓަރުގެ މޫނުމައްޗަށް ތާޒާކަން ވެރިވެއްޖެއެވެ. "ފަރީގެ ޙާލު ގޯސްވުން އެއީ ފަރީގެ އަމިއްލަ މައްސަލައެއް ނޫން. އެއީ ޑަކުޓަރުުގެ އަމިއްލަ މައްސަލައެއް. އެ ކަމާ ފަރީ ބެހިލައްވައިގެން ތިޔަ ކުރައްވާ ކަމަކީ ޑަކުޓަރުުގެ ޙައްޤު ގަބޫލު ނުކުރައްވަނީ."
ޑަކުޓަރުު މިހައި ހިސާބަށް ބުނާން ވާ އިރަށް ފަރީ ހަމައިން ނައްޓައިލައިފިއެވެ. އޭނާއަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގި އަނގަތަޅާން ފަށައިފިއެވެ. އޭނާގެ އަނގައިން ފޮނު ނުކުންނަން ފަށައިފިއެވެ. " ޑަކުޓަރު. ކަލެއަކީ ވަރަށް ގޮތްކުޑަ މީހެއް. ހުރިހާ ފިރިހެނުންނަކީ ވެސް ގޮތްކުޑަ ބައެއް. ކޮންމެސް ސިފައެއްގަ އެ މީހުންގެ މޮޅުކަން އެހެން މީހުން ލައްވާ ގަބޫލުކުރުވާނެ. ގާތިލުންގެ ސިފައިގަ ވެސް، ޑަކުޓަރުންގެ ސިފައިގަ ވެސް އެ ކަން ކުރާނެ. އެ މީހުން ހީކުރަނީ އަންހެނުންނަކީ ނިކަމެތި ފަންޏެއް ކަމަށް. ހިތަށް އަރާ އިރަށް ބަލިޖައްސާނެ. ހިތަށް އަރާ އިރަށް މަސީހާއަކަށް ވެގެން އަންނާނެ. އެ މީހުންނަކީ ޝައިޠާނުން. އެ މީހުންނަކީ ޙަސަދަވެރީން. ހުރިހާ ފިރިހެނުން ވެސް ހަމަ އެއްގޮތް. މީހެއްގެ ދިރިއުޅުމަކީ އެ މީހުންނަކަށް އެއްވެސް އެއްޗެއް ނޫން. އެ މީހުން ބަލާނީ ހަމައެކަނި އެމީހުންގެ ޒާތަށް. އެ މީހުން ބިންމަތީގަ އުޅެން ބޭނުން ވަނީ ﷲގެ ޚަލީފާއިންނަށް ވެގެންނެއްނޫން. ކަލާނގެއަށް ވެގެން. އެ މީހުން ދެކެނީ އަންހެނުންނަކީ ނިކަމެތި ހޯލިކޮޅެއް ކަމަށް. އެ ހޯލިކޮޅުތައް ވީ އަލިފާނަށް ލާ އަންދަން. ކަލެއަކީ ޑަކުޓަރެއް ނޫން. ކަލެއަކީ ވެސް ގޮތްކުޑަ މީހެއް. އަހަރެން ކަލޭގެ ސުންޕާ ސިފަ ދެކޭކަށް ބޭނުމެއް ނޫން. ދާންއުޅޭ. ހަމަ މިހާރު މި ތަނުން ދާންއުޅޭ. ދާންއުޅޭ." އޭނާ ކަރުފަޅައިގެންދާ ވަރަށް ހަޅޭއްލަވަން ފަށައިފިއެވެ. ޑަކުޓަރު ކަހާތަން ހިރުވައި ވެސް ނުލުމުން އޭނާ ބޯތަޅާން ފަށައިފިއެވެ. ދެން އޭނާގެ ދިގު ނިޔަފަތިތަކުން އޭނާގެ މޫނުގައި ވަކިއަޅާން ފަށައިފިއެވެ. ޑަކުޓަރު އިން ގޮނޑިން ތެދުވެއްޖެއެވެ. އޭނާގެ ދެ އަތް މޫނާ ދުރަށްލައި ވަރުގަދައަށް ދެއަތުގައި ހިފާއްޓައިފިއެވެ. ފަރީ ރޮއިރޮއި ވަރުބަލިވެ އޭނާގެ މޫނު ކަރުނައާއި ލެއިން ފޯވުމުން އޭނާ ޚަބަރު ހުސްވެއްޖެއެވެ.
ޑަކުޓަރުު ހަމަޖެހިގެން އޭނާގެ ގައިގައި ބޭސްއަޅައި، އަރާމުގައި ނިންދެވުމަށް އިންޖެކްޝަނެއް ޖެހިއެވެ. އެ ރެއަށް ބޭނުންވާނޭ އެންގުންތައް މިސިޒް ޝަފީޤަށް އަންގައިފައި ހިނގައްޖެއެވެ.
* * *
އަނެއް ދުވަހުގެރޭ ޑަކުޓަރު އަނެއްކާ އަތުވެއްޖެއެވެ. ފަރީ މުޅިން ހިމޭނުން އޮށޯވެގެން އޮތީއެވެ. ރުޅިއައިސްފައި އޮތް ކުޑަކުއްޖެއް ފަދައިންނެވެ. ހީވަނީ މިހާރު އޭނާގެ ގައިގައި ދެކޮޅުހެދުމުގެ ބާރު ނެތީހެންނެވެ. ނޫނީ އޭނާގެ ބާރުނައްތައިލައިފައި ވަނީއެވެ. އެއް ހަފުތާ ވަންދެން ޑަކުޓަރު ޖާދޫ އޭނާގެ ޙާލު ބަލައި ފަރުވާކުރަމުން ގެންދިޔައެވެ. ފަރީގެ މޫނު ވެސް ރަނގަޅު ވެއްޖެއެވެ. ސިކުނޑި ވެސް ހިސާބަކަށް ހަމަޖެހިއްޖެއެވެ. އެ ހަވީރު ޑަކުޓަރު ޖާދޫ ކޮޓަރިތެރެއަށް ވަން އިރު ފަރީ ސާފު ތާހިރު ހެދުމެއް ލައިގެން އަރާމު ގޮނޑިއެއްގައި ލޯ ކުޑަކޮށްލައިގެން އޮތެވެ.
"ފަރީ ކިހިނެއް؟" ޑަކުޓަރު ހަމަ ގަސްދުގައި ވަރަށް ގާތް ގޮތަކަށް ބުންޏެވެ. އޭނާ ބޭނުންވަނީ އެއް ފަހަރުން ފަރީ ހުރިހައި ރުޅިއެއް ބާލައިލައިި، ހުރިހައި އެއްޗެއް ގޮވުން ކަން ނޭނގެއެވެ. އެއީ އޭރުން އޭނާ ޢަމަލުކުރާ ގޮތަށް ޢަމަލުކުރުމަށް ޓަކައެވެ. ޙަޤީޤަތުގައި ވެސް އޭނާ މުޚާޠަބުކުރި ގޮތް ފަރީއަށް ވަރަށް ކަމުނުދިޔައެވެ. ނިތްކުރިއަށް ރޫއަރުވައިލައިފައި ބުންޏެވެ.
"ބައްލަވާ."
"ބަލަން މިހިރީ." އޭނާ ހިނިތުންވެލައިފައި ބުންޏެވެ. "ފަރީ ފެންނަނީ ކުރިއަށްވުރެ ރަނގަޅުކޮށް."
ފަރީ ދިގު ނޭވާއެއް ލިއެވެ. އަދި ވޭނީ ރާގަކަށް ބުންޏެވެ. " ޑަކުޓަރު ސާހިބު! އަޅުގަނޑަށް ތިޔަ އުނދަގޫ ކުރައްވަނީ ކީއްވެގެންތޯ އަޅުގަނޑަށް އަހާލެވިދާނެތޯ؟"
"އަހަރެން ފަރީއަށް އެބަ އުނދަގޫކުރޭތަ؟ އަހަންނަށް ހީވަނީ އަހަރެން މި ފަރީއަށް ފަރުވާކުރަނީ ހެން."
"އަޅުގަނޑުގެ ބައްޔަކަށް ބޭހެއް ނެތް. އަޅުގަނޑަކީ ޙަޤީޤަތުގައި ވެސް ސިކުނޑީގެ ބަލިމީހެއް. އެކަމަކު އަޅުގަނޑު މި ވަނީ ރަނގަޅުވުމުގެ ހިސާބު ފަހަނައަޅާފަ. އެހެންވީމަ އަޅުގަނޑު ރަނގަޅު ކުރައްވަން މަސައްކަތް ކުރެއްވުމަކީ ބޭކާރު ކަމެއް."
"ރަނގަޅުވާނެ ހިސާބު އެނގޭނީ ހަމައެކަނި ޑަކުޓަރަށް."
"އެހެންވިޔަސް އަޅުގަނޑު އަޅުގަނޑުގެ ޙާލުގެމައްޗަށް ދޫކޮށްލައްވާ. އެއީ ޑަކުޓަރު ކޮށްދެއްވާ ވަރަށް ބޮޑު ހެޔޮކަމަކަށް ވާނެ. އަޅުގަނޑު ރަނގަޅުވާކަށް ނޭދެން."
"އެ ކަމަށް އެދެނީ އަހަރެމެންނޭ."
"އަހަރެމެންނޭ ތިޔަބުނުއްވި ބަހުގެ މާނައަކީ ކޮބައިތޯ؟"
"އަހަރެންނާ މިސިޒް ޝަފީޤާ މޯނާ އާ ފަރީ ތިޔަ ދިރިއުޅޭ މި ދުނިޔެ. ދުނިޔޭގެ ފަރާތުން ފަރީގެ މައްޗަށް ޙައްޤުތަކެއް އޮވޭ. ގަބުރަކަށްވެގެން ނޫނީ ނުކުޅެދޭމީހަކަށް ވެގެން ސޮސައިޓީގައި އުޅުމުގެ ޙައްޤު ފަރީއަށްދިނީ ކާކު؟ މި ދުނިޔޭގައި ނުކުޅެދޭ މީހުން މަދީތަ؟"
"އަޅުގަނޑަކީ ވެސް އޭގެ ތެރެއިން އެކެއް ކަމަށް ވެދާނެނޫންތޯ؟"
"ތިޔަ ހެން ބުނުމުގެ ހުއްދަ ކޮންމެ މީހަކަށް ދީފި ނަމަ މި ސޮސައިޓީ ކޮއްމަސްބުރިއަކަށް ވެދާނެ."
"އަޅުގަނޑަކީ އެއްވެސް ސޮސައިޓީއެއްގެ ފަރުދެއް ނޫން. އެއްވެސް ސޮސައިޓީއަކާ އަޅުގަނޑުގެ އެއްވެސް ގުޅުމެއް ނެތް. އަޅުގަނޑަކީ އެއްވެސް މީހަކާ ގުޅުމެއް ހުރި މީހެއް ނޫން. އަޅުގަނޑުގެ އެއްވެސް ތިމާގެ މީހަކު ނެތް. އެހެންވީމާ އަޅުގަނޑުގެ ޙާލައިގެން އަޅުގަނޑު ދޫކޮށްލައްވާ."
"ފަރީ ތިޔަ ހަދަނީ ދޮގެއް. މިސިޒް ޝަފީޤަކީ ފަރީގެ މަންމަ. ފަރީގެ މަންމައަށް ގޮތެއް ވެއްޖެއްޔާ ފަރީ ގިސްލަގިސްލާފަ ރޯނެ. އަދި ބުނާނެ. އަހަރެން މި ޙާލުގައި އޮތްވަ މަންމަ ވެސް އަހަންނާ ވަކިވީހޭ. މޯނާއަކީ ފަރީގެ ދަރިފުޅު. ކޮންމެވެސް މީހަކު އޭނަ ފަރީގެ އަތުން އަތުލައިފިނަމަ، މިސާލަކަށް އޭނާގެ ބައްޕަ ފަރީ..."
"ޑަކުޓަރް!" ފަރީ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. "މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައި ހުއްޓާލައްވާ. އަޅުގަނޑުގެ މައްޗަށް ރަޙުމްކުރައްވާ. އަޅުގަނޑަކީ ރަޙުމްކުރެއްވުން އެކަށީގެންވާ ވަރުގެ މީހެއް." މިއަދު ފަރީ ހަމަހިމޭނުން ކަރުނަ އޮހޮރަމުން ގެންދަނީއެވެ. އޭނާ އިތުރު އެއްޗެކޭ ނުބުނެއެވެ.
* * *
އެއް މަސްދުވަހުގެ ތެރޭގައި ފަރީ ވަރަށް ބޮޑު ތަން ރަނގަޅުވެއްޖެ އެވެ. ނުވަތަ ރަނގަޅުވުމާ ވީ ފަރާތަށް ލެނބިއްޖެއެވެ. ނޫނީ ޑަކުޓަރު އޭނާގެ މަގުން އެއްކިބާކުރާނެ ހައި ނުވަތަ ފަރުވާކުރުން މަނާކުރާނެ ހައި ބާރު އޭނާގެ ކިބައިގައި ނެތީއެވެ. ޑަކުޓަރު ޖާދޫ އާއި މިސިޒް ޝަފީޤާ ދެމެދުގައި ރޭވިފައި ވަނީ ކޮން ފަދަ ރޭވުމެއް ކަމެއް ނޭނގެއެވެ. ޑަކުޓަރު ޖާދޫ ގަވާއިދުން ކޮންމެ ދުވަހަކު ހަވީރު ދެ ގަޑިއިރަށް އާދެއެވެ. އެ ވަގުތު މިސިޒް ޝަފީޤު ކުލިނިކުގައި ބުރުޖަހަން ދެއެވެ. އޭނާ ފަރީގެ ދަރިފުޅު ގޮވައިގެން ގެއްލޭ ގޮތަށް ދެން ފެންނާނީ ޑަކުޓަރު ޖާދޫގެ ކާރު މަގު ހުރަސްކޮށް ދިޔައީމައެވެ. ގޭތެރޭގައި އޮންނަނީ މުޅިން ހިމޭންކަމެވެ. ފަރީ އެކަނި ނަމަ ބިރުން ހަޅޭއްލަވަން ފަށާހައި ހިމޭންކަމެވެ. އަޖައިބެއް ކަހަލަ ކަމެކެވެ. ބައްދަލުކޮށްލާން އަންނަ މީހަކު ވެސް ނާދެއެވެ. އެ ގޮތަށް ކަންތައް ހުރުމުން ޑަކުޓަރު ޖާދޫއަށް ޖާދޫ ހަދާން ދަނޑިވަޅު ލިބިއްޖެއެވެ. އޭނާ ހަޅޭއްލަވައި އަޑުގަދަކޮށް ދުވެފިލައި ހަދާނީ ކިހައި ދުވަހެއް ވާންދެން ހެއްޔެވެ. ޑަކުޓަރު ޖާދޫ އޭނާއަށް ހަޅޭއްލަވައި އަޑުގަދަކޮށް ހެދުން ވީދައި މޫނުމަތީގައި ވަކިއަޅާނެ ދަނޑިވަޅު ހޯދައިދިންލެއް ގިނަކަމުން ޚުދު އޭނާ ވެސް އެ ކަންކަން ދެކެ ފޫހިވެއްޖެއެވެ. މިހާރު އޭނާ ބޭނުންވަނީ އޭނާގެ ހިތާމަ ދުލުން ބަޔާންކުރާށެވެ. ކަރުނައިގެ ސިފައިގައި ބޭރުކުރާށެވެ. އެކަމަކު ވަރަށް ލަސްލަހުންނެވެ. އޭނާގެ ހިތުގައި އޮތް ނަފުރަތާއި ރުޅިވެރިކަން ފިލީއަކީ ނޫނެވެ. ނަފުރަތު ހަމަ އެ ވަރަށް އެބަ ހުއްޓެވެ. ފިރިހެނުންނާ މެދުގައެވެ. އަދި ޖަމާލުގެ ނަން ވެސް އޭނާ އަހާކަށް ބޭނުމެއް ނުވެއެވެ. ކޮންމެ ގޮތެއްގައި ނަމަވެސް ޑަކުޓަރު ޖާދޫގެ ވާހަކައަށް އޭނާ ސަމާލުކަން ދޭން ފަށައިފިއެވެ.
(ނުނިމޭ)