އެއީ ކުޑަކުޑަ ރަށެކެވެ.
މުޅި ރަށުގައި އޮތީ ގަހާއި ރުކެވެ.
ތާޒާ ވައި ލިބެއެވެ.
ހިތް ފަސޭހަ ކަމުގެ ކޮޅެއް ނެތެވެ.
ހަވީރުކޮޅު އަހަރެން ދަރިފުޅު ގޮވައިގެން ހިނގައިލާން ނުކުމެއްޖައީމެވެ.
ފުރަތަމަ ނުކުތީ ގޮނޑުދޮށަށެވެ.
ތާޒާ ވައިގެ ތެރޭގައި ހުދު ދޮންވެލި ގޮނޑުދޮށުގައި ހިނގައިލާށެވެ.
ހިނގަމުން ގޮސް ރަށުގެ އެއް ކޮޅުން އެއްގަމަށް އަރައިފީމެވެ.
އަހަރެމެން ތިބި ގެޔާ ދިމާއަށް ހިނގައިގަތީ އެއްގަމުން ވަލު ތެރެއިންނެވެ.
އޭރު ވަލު ތެރެއިން އެކި ރާގުރާގަށް ދޫނިތައް ގޮވާ އަޑު އިވެއެވެ.
ދަރިފުޅު އަހައިފިއެވެ.
ބައްޕާއެވެ. އެއީ ކޮން އަޑެއްތޯއެވެ؟
އަހަރެން ބުނީމެވެ.
ދަރިފުޅާއެވެ. އެއީ ކޮވެއްޔާއި މައިނާގެ އަޑެވެ.
ކޮވެއްޔަކީ ވަރަށް ރީތިކޮށް ގޮވާ ދޫންޏެކެވެ.
މައިނާއަކީވެސް ހަމަ އެހައި ރީތި ރާގަކަށް ގޮވާ ދޫންޏެކެވެ.
ދެން ފެނުނީ ގުރާތަކެއް އުދުހިފައިދާ ތަނެވެ.
އޭގެ ފަހުން އިރުވައި ހުދެއް ދަނިކޮށް ފެނިއްޖެއެވެ.
އެ ރީތި ދޫނިތަކާއި، ދޫނިތަކުގެ ގޮވެލީގައި ޖެހި އަހަރެންގެ ދަރިފުޅު އާސޯޚު ވެއްޖެއެވެ.
* * *
އޭގެ މަހެއްހައި ދުވަސް ފަހެވެ.
ތަނަކީ މާލެއެވެ.
އަހަރެން ދިޔައީ ދަރިފުޅު ގޮވައިގެން ހިނގައިލާށެވެ.
މެދު ޒިޔާރަތް މަގުން ގޮސް ރައްޔިތުންގެ މަޖިލިސް ކުރާ ގެޔާ ހަމަވީއިރު އެ ގޭގެ ފާރުމަތީގައި ތިބެގެން ކާޅުތަކެއް ކާއްކާއް ގޮވަނީއެވެ.
ދަރިފުޅު ބަލަހައްޓައިގެން ހުރެފައި އަހައިފިއެވެ.
ބައްޕާއެވެ. މިއީ ދޫނިތައް ހިޖުރަ ކުރާ މޫސުމެއް ނޫން ހެއްޔެވެ؟
މިއީ ހާދަހާ ހުތުރު ވައްތަރަކަށް ގޮވާ ދޫންޏެކެވެ.
އެއްކަލަ ރަށުގައި އުޅޭ ކަހަލަ ރީތި ރާގުރާގަށް ގޮވާ ދޫނި މިތަނަށް ނާންނަނީ ކީއްވެގެން ހެއްޔެވެ؟
އަހަރެން ބުނީމެވެ.
ދަރިފުޅާއެވެ. ރީތި ރާގާއި، ފަރި ހަރަކާތްތަކަށް ގަދަރު ނުކުރާ ތަނަކަށް ރީތި ރާގުރާގަށް ގޮވާ ދޫންޏެއް ނާންނާނެއެވެ.