އައްޑޫސިޓީ ނުހުއްޓުވޭނެ މިތިބީ އަދުހަމާއެކު:އިބުރޭ

ދޫނިދޫ ގޮޅީގައި އޮވެގެން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް މިހާރު ކުރަމުންދާ އެމްޑީޕީ އައްޑޫ ސިޓީ ދާއިރާގެ ރައީސަށް ހިތްވަރުދީ އެދާއިރާގެ ނާއިބު ރައީސް ވާހަކަ ދައްކައިފިއެވެ.

އެމްޑީޕީ އައްޑޫސިޓީ ދާއިރާގެ ނާއިބު ރައީސް އިބްރާހީމް ރަޝީދު (އިބުރޭ) ވިދާޅުވީ އަދުހަމަކީ ހިތްވަރުހުރި އަޒުމް ވަރުގަދަ ލީޑަރެއް ކަމަށެވެ. އޭނާ ފަށައިފި ކަމެއް ދޫކޮށްނުލައި ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންވީމާ އޭނާ ފަށައިފައިވާ ބަނޑުހައިހޫނު ކަމުގެ ހަޅުތާލަށް ހިތްވަރު ދެއްވާ ކަމަށް އިބުރޭ ވިދާޅުވިއެވެ.

އިބުރޭ ގަބޫލުކުރާ ގޮތުގައި އަދުހަމް ހައްޔަރުކޮށްފައިވަނީ ގާނޫނީ އިމުން ބޭރުންނެވެ. "ގާނޫނޫ އިމުން ބޭރުން ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސް އެއްވެސް ސުވާލެއް ނުކޮށް ބާއްވައިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ. އެގޮތަށް ބޭއްވުމުގެ ބަދަލުގައި އޭނާ އަވަހަށް ދޫކޮށްލަން ގޮވާލަން،" އިބުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަދުހަމް ހައްޔަރުކުރުމުގެ ބޭނުމަކީ އެމްޑީޕީން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ހަރަކާތްތައް ހުއްޓުވުން ކަމަށެވެ. އެހެންނަމަވެސް ޕާޓީގެ ހަރަކާތްތައްވެސް އަދި ޕާޓީވެސް އައްޑޫގައި ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދުހަމު ދުލެއް ނުކުރާނެ. އާނާއަކީ ދޫކުރާ ވައްތަރު މީހެއްނޫން. އޭނާގެ ހިތްވަރު ހުންނާނެ. އަޅުގަނޑުމެން މިތިބީ އަދުހަމާއެކު އޭނާގެ ފަހަތުގައި،" އިބުރޭ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.