ވަރަށް އަވަހަށް ރާއްޖެ އަންނާނަން - ނަޝީދު

ޓެރަރިޒަމްގެ ކުސް ސާބިތުވެ 13 އަހަރުގެ ޖަލުޙުކުމެއް ތަންފީޒުކުރައްވަމުން ބޭސްފަރުވާއަކަށްވިދާޚުވެ އިނގިރޭސިވިލާތަށް ވަޑައިގެން ފިއްލަވާފައިވާކަމަށް ސަރުކާރުން މިހާރު ނިންމަވާފައިވާ ކުރީގެ ރައީސް ނަޝީދު ދާދި އަވަހަށް ރާއްޖެ ވަޑައިގެންފާނެކަން ހާމަކުރައްވައިފިއެވެ.

ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނު އިސްވެ ހުންނައި އުފައްދަވާފައިވާ އިދިކޮޅު އިއްތިހާދުގެ ސިއްރު ބައްދަލުވުމަކަށް އަވަށްޓެރި ސްރީ ލަންކާއަށް ވަޑައިގަތުމަށްފަހު، އެނބުރު އިނގިރޭސިވިލާތަށް ވަޑައިގެންނެވި މަގުމަތީގައި މީޑިއާއަށް މަޢުލުމާތުދެއްވަމުންނެވެ. ނަޝީދު ވިދާޅުވެފައިވަނީ އަނެއްކާވެސް ސްރީލަންކާއަށް ވަޑައިގަތުމަށް ނިންމަވާފައިވާކަމަށާ، އެ ދަތުރުގައި ރާއްޖެއަށް ވެސް ވަޑައިގަތުމަށް އުންމީދު ކުރައްވާ ކަމަށެވެ.

ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތީ، މައިބަދައިގެ ސީރިއަަސް އޮޕަރެޝަނެއް ކުރައްވަންކަމަށް ވިޑާޅުވެއެވެ. ސަރުކާރުގެ ޚާއްސަ ހުއްދައެއްގެދަށުން 30 ދުވަހުގެ މުއްދަތަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށްފަހު ނަޝީދުވަނީ އެޤައުމުގެ ސިޔާސީ ޙިމާޔަތް ހޯއްދެވިކަން ޢިއުލާންކުރައްވާފައެވެ.

ލަންޑަނަށް ވަޑައިގަތުމަށް ފުރާވަޑައިގަތީއްސުރެ ނަޝިދު ގެންދަވަނީ ސިޔާސީ ހަރަކާތް ހިންގަވަމުންނެވެ. އެގޮތުން މިހާރު އިދިކޮޅު ސިޔާސީ ޙަރަކާތެއްގެގޮތުގައި މަސައްކަތްކުރާ މޯލްޑިވްސް ޔުނައިޓެޑް އޮޕަޒިޝަން އުފެއްދެވުމުގެ މޭސްތިރިއަކީ ނަޝީދެވެ.

ސަރުކާރުން މިހާރު ނިންމަވާފައިވަނީ ނަޝީދަކީ ޖަލުޙުކުމަކަށް ވިއްލަވައިގެން އުޅުއްވާ ބޭފުޅެއްގެގޮތުގައެވެ. ނަޝީދު ހައްޔަރުކޮށްގެން ކަމާބެހޭ ފަރާތާ ޙަވާލުކުރުމުގެ އަމުރެއް ކްރިމިނަލްކޯޓުންވަނީ ފުލުހުންގެމައްޗަށްވެސް ނެރެފައެވެ.

ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލުޙުކުމެއް އައީ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލްކޯޓުގެ އޭރުގެ އިސްޤާޒީ އަލްއުސްތާޛު ޢަބްދުﷲ މުޙަންމަދު ޤާނޫނާ ޚިލާފަށް ބަންދުކޮށް ނިޒާމުން ގެއްލުވާލި މައްސަލަ ސާބިތުވުމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.