ރައީސް ނަޝީދުގެ އައްޑޫ ދަތުރުފުޅު ފަސް ކުރައްވައިފި

ރައީސް މުޙައްމަދު ނަޝީދު އައްޑޫ ސިޓީއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ފަސް ކުރައްވައިފިއެވެ.

އެމްޑީޕީ އައްޑޫ ދާއިރާގެ ނާއިބު ރައީސް އިބްރާހީމް ރަޝީދު ވިދާޅުވީ ދަތުރުފުޅު ލަސްކުރެއްވީ ވިއްސާރައިގެ ސަބަބުން ކަމަށެވެ. "މިއީ އައްޑުއަށް ވަރަށް ވިއްސާރަ ދުވަސްކޮޅެއް. މިފަދަ ދުވަސްވަރެއްގައި ރައީސް ނަޝީދު އައްޑުއަށް ވަޑައިގަތަސް އެންމެ އެދެވޭ ގޮތުގައި އެކަމުގެ އުފާވެރިކަން ރައްޔިތުންނަށް ނުލިބިދާނެތީ އަޅުގަނޑުމެން އެދުނީ ރައީސް ނަޝީދުގެ ދަތުރުފުޅު ފަސް ކޮށްދެއްވުމަށް. މިހާރު ހަމަޖެހިފައިވާ ގޮތުން އެމަނިކުފާނު ދެން އައްޑުއަށް ވަޑައިގަންނަވާނީ ދެން އަންނަ ހުކުރު ދުވަހު،" އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. ކުރިން ހަމަޖެހިފައިއޮތީ ނޮވެމްބަރު 3 ގައި އެމަނުކުފާނު އައްޑުއަށް ވަޑައި ގަންނަވާ ގޮތަށެވެ.

އިބްރާހީމް ރަޝީދު ވިދާޅުވީ ރައީސް ނަޝީދު އައްޑުއަށް ވަޑައިގެންނަވާ ދުވަހު އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވަން އައްޑޫސިޓީ ތައްޔާރުވަމުންދާ ކަމަށެވެ. އެމަނިކުފާނު އައްޑުއަށް ވަޑައިގެން އައްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ޙާލު ބައްލަވާނެ ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

"ރައްޔިތުންނާއި ބައްދަލު ކުރެއްވުމާއި ވަކިވަކި ބޭފުޅުންނާ ވެސް ރައީސް ނަޝީދު މިދަތުރުފުޅުގައި ބައްދަލު ކުރައްވާނެ. ރައީސް ނަޝީދު އައްޑުއަށް ކުރައްވާ ދަތުރުފުޅު އަޅުގަނޑުމެން މިނަގަނީ ވަރަށްބޮޑުކޮށް. އެފަދަ ބޮޑުކަމެއް ވިއްސާރަ ދުވަސްވަރު ބާއްވައިގެން އެންމެ އެދެވޭ ގޮތަކަށް ދާނެ ކަމަށްވެސް އަޅުގަނޑުމެންނަށް ޤަނޫލު ނުކުރެވޭތީ ދަތުރުފުޅު ފަސް ކޮށްދެއްވުމަށް އަޅުގަނޑުމެން އެދުނީ،" އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ތިން އަހަރެއްހާ ދުވަސްވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވީ އިއްޔެ އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުން އެމަނިކުފާނުގެ ސަޕޯޓަރުންވަނީ މަގުތަކަށް ނުކުމެ ވަރަށްހޫނު މަރުޙަބާއެއް ދަންނަވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.