ޖަޒީރާ ރައީސަށް ވާދަނުކުރެވިއްޖެނަމަ ދިމާވެދާނެ ކަންކަމާ ސަރުކާރު ކުރިމަތިލާން ޖެހޭނެ!؟

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ޓީކެޓަށް ވާދަކުރައްވާނެކަން ކަށަވަރު ވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމަނިކުފާނު ވަނީ "ޖަޒީރާ ރައީސް" ގެ ނަމުގައި ކެންޕޭން ރަސްމީކޮށް ފަށްޓަވައިވައިފައެވެ. އެކަމަކު އެމަނިކުފާނަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިވާ ބޭފުޅެކެވެ. އެއީ އެންމެންވެސް ސުވާލު އުފައްދާ ކަމެކެވެ. ސުވާލު އުފައްދަނީ އެމަނިކުފާނަށް ރިޔާސީ އިންތިޚާބަށް ކުރިމަތި ލެވޭނެ ކަމާ މެދުގައެވެ.


ގާނޫނީ ނަޒަރަކުން ބަލާއިރު އެމަނިކުފާނަށް ކުރިމަތިލެވޭނެ އެއްވެސް ހަމައެއްނެތެވެ. ރައީސް ޔާމީން އެމަނިކުފާނަށް މައާފު ދެއްވިޔަސް މިފަހަރުގެ އިންތިޚާބުގައި ވާދަނުކުރެވޭނެއެވެ.

އެހެންނަމަވެސް އެމަނިކުފާނާއި އެމަނިކުފާނުގެ ސަޕޯޓަރުން އެ މަސައްކަތް ކުރައްވަނީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށެވެ. ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ އުންމީދަކީ އެންމެފަހު ވަގުތު އެމަނިކުފާނަށް ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށެވެ. އެއީ މާޒީގައި ކަންކަން ވެފައިވާ ގޮތުންނެވެ. 2008 ވަނައަހަރާއި 2013 ވަނަ އަހަރު ވެސް އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް ވާހަކަ ދެކެވުނެވެ. އެހެންނަމަވެސް އެ މަނިކުފާނު މިހާރުވެސް އުންމީދު ކުރައްވާ ގޮތަށް އެދެފަހަރުވެސް އެންމެ ފަހުވަގުތު  ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިއެވެ.

ރައިސްނަޝީދަށް އުންމީދު ލިބިވަޑައިގެންފައިވަނީ މާޒީންނެވެ. އެހެންނަމަވެސް މިސަރުކާރުގެ ބަސްމަގާއި އަމަލުތައް މިވަގުތުހުރިގޮތަށް ބަލާއިރު ރައީސް ނަޝީދަށް ފުރުސަތު ލިބިދާނެ ކަމަށް ނުބެލެވެއެވެ.

މި ސަރުކާރު ހިންގާ ކޯލިޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީސްގެ މެންބަރުންނާއި، ސަރުކާރުގެ އިސް ބޭފުޅުންނާއި ސީދާ ރައީސް ޔާމީން ވެސް ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށެވެ.

ރައީސް ނަޝީދުގެ ހުކުމް ތަންފީޒު ކުރައްވަން ފެއްޓެވުމަށްފަހު ބޭސްފަރުވާއަކަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައެއް ނުގަންނަވައެވެ. އެހެންނަމަވެސް ވަރަށް އަވަހަށް ރާއްޖެ ވަޑައި ގަންނަވާނެ ކަމަށް  ވަނީ ވިދާޅުވެފައެވެ. މިހާލަތުގައި ރާއްޖެ ވަޑައިގެންފި ކަމަށްވާނަމަ އެމަނިކުފާނު އަލުން ޖަލަށް ވަޑައިގަންނަވަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވަނީ ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ ކަމަށެވެ. އެހެންވީމާ ރައީސް ނަޝީދަށް ކޮށްފައިވާ ހުކުމް ތަންފީޒުކޮށް ނުނިމެނީސް އެމަފަނިކުފާނަށް އިލެކްޝަނުގައި ވާދަކުރެއްވުމުގެ ފުރުސަތު ވަނީ ހަނިވެފައެވެ. .

ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރ އަލްއުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރުވެސް ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށެވެ.

އާޒިމާގެ އެ ވާހަކަތަކަށް ރައީސް ނަޝީދުގެ ކެންޕޭން މެނޭޖަރު ހިތަދޫ އުތުރުދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމް ވަނީ ހޫނު ރައްދެއް ދެއްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ 2008 އާއި 2013 ގައިވެސް ސަރުކާރުން އެ ޒާތުގެ ވާހަކަ ދެއްކެވި ކަމަށެވެ. އެހެންނަމަވެސް އެންމެ ފަހު ވަގުތު ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ލިބި ވަޑައިގެންނެވި ކަމަށެވެ.

"ދެހާސް އަށެއްގައިވެސް ހަމަ ތިކަލަހަ ކަންތައްތަކެއް ކުރިމަތިވެގެންދިޔަ. ދެހާސް ތޭރައިގައި ތިކަހަލަ ކަމެއް ވެގެންދިޔަ. މިފަހަރުވެސް ވާހަކަތަކެއް ދެކެވުމުން މިދަނީ. ވެގެން މިއުޅޭ ގޮތަކީ ރައީސް ނަޝީދާ ވާދަކުރައްވަން ޖެހިލުންވެ ވަޑައިގަންނަވަނީ ރާއްޖޭގެ ސިޔާސީ ވެރިން. ވަކިން ޚާއްސަކޮށް މިހާރުގެ ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވަރަށް ބޮޑަށް ޖެހިލުންވެ ވަޑައިގަންނަވާ. އެހެންވީމާ އެކަން އެގޮތަށް (ރައީސް ނަޝީދަށް ކުރިމަތި ނުލެވޭ ގޮތަށް) ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވޭނީ. އެގޮތުން ދެކެވޭ ވާހަކައެއް އާޒިމާ ޝަކޫރު އެދައްވަނީވެސް. އާޒިމާ ޝަކޫރު ގާނޫނީ ވާހަކައެއްވެސް އަދި ސިޔާސީ ވާހަކައެއްވެސް ރަނގަޅަށް ދައްކަވައިފާނެ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. އެއީ އެކަމަނާގެ އަމަލުތަކާއި ބަސްމަގު މިވީހިސާބަށް ހުރިގޮތުން. އެނގިވަޑައިގަންނަވާނެ އާޒިމާގެ ލަފާއާއެކު އަޅުގަނޑުމެން މިތިބީ އެތައްސަތޭކަ މިލިއަން ޑޮލަރަކުން ދަރަނިވެރިވެފައި. އާޒީމާގެ ގާނޫނީ ލަފައެއް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" އަސްލަމް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ހުރިހާ ގޮތަކަށް ސަރުކާރުން އަމަލު ކުރައްވާނެ ކަމަށާއި އެހެންނަމަވެސް އެންމެފަހުވަގުތު ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ ރައީސް ނަޝީދަށް ފުރުސަތު ދެއްވަން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. "ރައީސް ޔާމީނަށް ޖެހި ވަޑައިގަންނަވާނީ ރައީސް ނަޝީދަށް ހަމަ ފުރުސަތު ދެއްވާށޭ އަޅުގަނޑު ދަންނަވާނީ،" އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފައިވާ އުމަރު ނަސީރު ވިދާޅުވީ ރައީސް ނަޝީދަކީ ކުށެއް ކުރައްވައިފައި ހުންނެވި ބޭފުޅެއް ކަމަށެވެ. ފަނޑިޔާރަކު "ވަގަށް ނެގުމަކީ" ކުށެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސް ނަޝީދަށް އެކަމާ ގުޅިގެން ދީފައިވާ އަދަބަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަދަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ހުކުމް ކުރަންޖެހޭ ވަރުގެ ކުށެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. "ރައީސް ނަޝީދު އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައި އެކަމަށް މަސައްކަތް އެކުރައްވަނީ ރައީސް ނަޝީދަށްވެސް އެމަނިކުފާނަށް ކޮށްފައިވާ ހުކުމް ގަބޫލުނުކުރެވޭތީ ކަމަށް ވެދާނެ. އެހެންވީމާ އެމަނިކުފާނު ވެސް އިންތިޚާބުގައި ވާދަ ކުރެއްވުމަށް މަސައްކަތް ކުރެއްވުމަކީ މައްސަލައެއް ކަމަށް ނުދެކެން. އެމަކު އެމަނިކުފާނަކީ ވެރިކަމުގައި ހުންނަވައިގެން ގާޒީއަކު "ވަގަށް ނެންގެވި ބޭފުޅެއް. އެކުށް އެމަނިކުފާނުގެ މައްޗަށް އޮންނާނެ" އުމަރު ވިދާޅުވިއެވެ.

ކޮންމެ ގޮތެއްވިޔަސް ރައީސް ނަޝީދު އިންތިޚާބުގައި ވާދަކުރައްވަން ތައްޔާރު ވެވަޑައިހެންފިއެވެ. އެމަނިކުފާނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމާމެދު އެއްވެސް ބަޔަކު ޝައްކެއް ނުކުރެއެވެ.

އަސްލަމް ވިދާޅުވީ ރިޔާސީ ޕްރައިމަރީއަށް ރައީސް ނަޝީދު ނުކުންނަވަނީ އެމްޑީޕީގެ ފަންސާސް ހާސް މީހުންގެ ވޯޓު ހޯއްދެވުމަށް އަމާޒު ހިއްޕަވައިގެން ކަމަށެވެ. "ފަންސާސް ހާސް މީހުންގެ ވޯޓާއެކު ނުކުންނަ ފަރާތަކަށް ކެންޑިޑެސީ ކަނޑައެޅިގެން ނުދިނުމަކީ ހަމަޖެހޭ ސިޔާސީ ބަޔަކު ކުރާނެ ކަމެއްނޫން. އެގޮތަށް އަމަލުކޮށްފިނަމަ ދިމާވާނެ ހުރިހާ ކަންކަމަކާ އެސަރުކާރަކުން ކުރިމަތިލާން ޖެހޭނެ،" އަސްލަމް ވިދާޅުވިއެވެ.

ސުވާލަކީ ދެންދިމާވާނެ ކަންކަމަކީ ކޮބައިތޯއެވެ؟ އަޅުގަނޑުމެންނަށް އޮތީ ރިޔާސީ އިންތިޚާބުގެ "ކުޅިގަނޑު" ބަލަންތިބުމެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.