ހުވަދުއަތޮޅު އުތުރުބުރިން ފެށިގެން އައްޑޫސިޓީއާ ހަމައަށް މެޓް އޮފީހުން ޔެލޭއެލާޓް ނެރެފިއެވެ.
މެޓުއޮފީހުން އެ ސަރަޙައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ މިރޭ 23:00 އިން ފެށިގެން މެންދަމުންއަލިވެ 3:00 އާ ހަމައަށެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވަނީ އެ ސަރަޙައްދުތަކަށް އެވަގުތުން ބޯކޮށްވާރޭ ވެހޭނެ ކަމަށެވެ. މިހާރުވެސް އައްޑޫ ސިޓީއަށް ދަނީ ވާރޭވެހެމުންނެވެ.
މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވަނީ މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ. ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އުތުރު އަތޮޅުތަކަށް ކެރީގެ އަސަރުފޯރިނަމަވެސް މޫސުން ޢާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، މެދުތެރެއާއި ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރައްވާ ކަމަށް މޫސުމާބެހޭ އޮފީހުން ވަނީ ވިދާޅުވެފައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އުތުރުއަތޮޅުތަކުގެ ކަނޑުތައް މަޑުވެފައި، މެދުތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށްވެސް މެޓު އޮފީހުން ހާމަކުރައްވައިފައިވެއެވެ.