ރައީސް ނަޝީދު ވަޑައިގެންނެވުމަކީ އިޞްލާޙީ މަސައްކަތަށް ލިބުނު ކުރިއެރުމެއް

ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތިން އަހަރެއްހާ ދުވަސް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު މިއަދު މާލެ ވަޑައިގެންނެވުމަކީ ޕާޓީތަކުން ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ހީނަރުކަމެއް ނައިސް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ލިބިވަޑައިގެންނެވި ކަމެއް ކަމަށް ރާއްޖެގޭ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ އަހަރުތަކަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގެންނެވުމުން އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދަނީ އުފާވެރިކަން ކަމަށާއި އެމަނިކުފާނު ވަޑައިގެންނެވުމުން މިނިވަންކަމުގެ އިޙުސާސް ސަޕޯޓަރުންނަށް ވެސް ކުރެވެމުންދާ ކަމަށެވެ.

ފާއިތުވި ތިން އަހަރެއްހާ ދުވަހު ރައީސް ނަޝީދު ހުންނެވީ އިނގިރޭސިވިލާތުގެ ޙިމާޔަތް ހޯއްދަވައިގެން އެޤައުމުގައެވެ. އެ ހުންނެވި ދުވަސްވަރު ދޭތެރެ ދޭތެރެއިން އެމަނިކުފާނު އަވަށްޓެރި ލަންކާއަށް ވަޑައިގަންނަވައެވެ. އެމަނިކުފާނު މިއަދު ރާއްޖެ ވަޑައިގެންނެވީ ވެސް ލަންކާގައި ހުންނެވުމަށްފަހުއެވެ.

ރައީސް ނަޝީދު އިނގިރޭސީވިލާތަށް ވަޑައިގެންނެވީ ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޒީ ޢަބްދުﷲ މުޙައްމަދު ޤާނޫނާ ޚިލާފަށް ބަންދު ކުރެއްވި މައްސަލަ ސާބިތުވެ ކޯޓުން 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރައްވައި، ޙުކުމް ތަންފީޒު ކުރައްވަމުން ވަޑައިގަންނަވަނިކޮށް ދިމާވި އާލާސްކަންފުޅަކަށް ބޭސްފަރުވާ ކުރެއްވުމަށެވެ.

ބޭސް ފަރުވާއަށް އެ ޤައުމަށް ވަޑައިގެން ރައީސް ނަޝީދު ވަނީ ސިޔާސީ ޙިމާޔަތް ހޯއްދަވައިގެން އެޤައުމުގައި މަޑު ކުރައްވައިފައެވެ. ރައީސް ނަޝީދު ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވީ ޖަލުގައި ދިހަ މަސް ހޭދަކުރެއްވުމަށްފަހުގައެވެ.

އެމަނިކުފާނު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ފުރައިވަޑައިގެންނެވީ 2016 ވަނަ އަހަރު ޖެނުއަރީ 18 ވަނަ ދުވަހުއެވެ. އެއަށްފަހު އެމަނިކުފާނު މިއަދު ރާއްޖެ ވަޑައިގެންނެވީ ސްރީލަންކަން އެއާލައިންގެ ބޯޓެއްގައި މިއަދު މެންދުރުފަހު 2:30 ގައެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ ކްރިމިނަލް ކޯޓުން ކުރައްވައިފައިވާ 13 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރެއްވުން ފަސް ކުރެއްވުމަށް ސްޕްރީމް ކޯޓުން އަމުރު ނެރުއްވުމުންނެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުން އެއްވެސް މުޢައްސަސާއަކުން އެމަނިކުފާނު ބަންދުކޮށްގެންނުވާނެ ކަމަށް ވެސް އަމުރު ކުރައްވައިފައިވެއެވެ.

މީގެ ކުރިން ވެސް ރައީސް ނަޝީދު ވަނީ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި އުޅުއްވައިފައެވެ. އިނގިރޭސީންގެ ޙިމާޔަތުގައި ހުންނެވުމަށްފަހު އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގެންނެވީ 2005 ވަނަ އަހަރު އެޕްރީލް 30 ގައެވެ. އެފަހަރު ވެސް އެމަނިކުފާނުގެ ސަޕޯޓަރުންވަނީ ވަރަށްހޫނު މަރުޙަބާއެއް ދަންނަވައިފައެވެ.

ރައީސް ނަޝީދު މިއަދު ރާއްޖެ ވަޑައިގެންނެވިއިރު މަރުޙަބާ ވިދާޅުވާން އިންތިޚާބީ ނާއިބު ރައީސް ފައިސަލް ނަސީމާއި، އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒާއި، ރައީސް ނަޝީދުގެ މަންމާފުޅާއި، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހީދާއި، އަދި މަޖިލީހުގެ ބައެއް މެމްބަރުން އެއާޕޯޓަށް ވަޑައިގެން ތިއްބެވިއެވެ. އަދި މާލެ ވަޑައިގެންނެވިއިރު ވަރަށްގިނަ ޢަދަދެއްގެ ސަޕޯޓަރުން އެއްވެ ތިއްބެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.