އިބޫއަށް ދައުވާ ނުކުރަން ނިންމައިފި

އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ޖުމްހޫރީ މައިދާނަށް ވެންނެވި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިޔުޓަރ ޖެނެރަލް ނިންމަވައިފިއެވެ.

ޕީޖީ އެގޮތަށް ނިންމެވުމުން ފުލުހުން ވަނީ އެމައްސަލަ ފައިލްކޮށްފައެވެ. ޖުމްހޫރީ މައިދާނަކީ ސިޔާސީ އެއްވުންތަކާއި މުޒާހަރާތައް ބޭއްވުން މަނާކޮށް ގްރީން ޒޯންގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދެކެވެ.

ޖުމްހޫރީ މައިދާނަށް އިބޫ ވެންނެވީ ރާއްޖޭގައި ކުއްލި ހާލަތުގެ ނުރައްކާ އިއުލާން ވެސް ކުރައްވައިފައިވަނިކޮށް ނެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މާޗުމަހުގެ 16 ވަނަ ދުވަހުއެވެ. އޭނާ ބަންދު ކުރުމަށްފަހު ދެފަހަރެއްގެ މަތިން ވަނީ ބަންދުގެ މުއްދަތުވެސް ޖަހައިފައެވެ.

އިބޫ އަކީ އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރެއިން އެއްބޭފުޅެކެވެ. ރިޔާސީ އިންތިޚާބުގައި އިދިކޮޅު އިއްތިހާދުން އެއްކެންޑިޑޭޓަކު ނެރުމަށް ކުރަމުންދާ މައްސަލާގައިވެސް އެންމެ އިސްކޮށް އުޅުއްވާ އެއްބޭފުޅަކީ ވެސް އިބޫއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.