އަޅުގަނޑުމެންގެ ގެއިން ވަރަށް ނިކަމެތިކޮށް ނެރެ އެއްލައިލެވުނު: ޝިނާން

އެބޭފުޅުންގެ ގެއިން (ރައްޔިތުންގެ މަޖިލީސް ކުރާ ގެއިން) ނެރެ ވަރަށް ނިކަމެތިކޮށް އެބޭފުޅުން އެއްލައި ލެވުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނުދާއިރާގެ މަޖިލީސް މެމްބަރު ޢަބްދުﷲ ޝިނާން ވިދާޅުވެއްޖެއެވެ.

ޝިނާން ވިދާޅުވީ އެބޭފުޅުން ( ގޮނޑި ގެއްލިފައިވާ ކަމަށް އީސީ އިން ކަނޑައެޅި މެމްބަރުން) ގެ ކުށަކަށްވީ ކަންކަން ގޯސްކޮށްދާ ކަން އެނގުނު ހިސާބުން އެކަންކަން އިސްލާޙު ކުރެއްވުމުގެ މަސައްކަތް ފެށުން ކަމަށެވެ. އޭނާ މިހެން ވިދާޅުވީ އޭނާ ތަމްސީލް ކުރައްވަމުން ވަޑައިގެންނެވި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމަވައިފައިވަނިކޮށް ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން މިއަދު ޙުކުމް ކުރެއްވުމުން އެކަމާބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. ސިނާން ވިދާޅުވީ އިސްލާޙީ މަސައްކަތަށް ނުކުންނެވީ އެއްވެސް މީހަކާމެދު އެއްވެސް ކަހަލަ ޒާތީ ކަމެއް ނުވަތަ ޙަސަދައެއް އޮވެގެން ނޫން ކަމަށެވެ. އެމަސައްކަތަށް ނުކުންނެވުމުން ގުޅިފައިވާ 4 ލީޑަރުން ދެއްވި ހިތްވަރާއި އިރުޝާދު ތަކަށްޓަކައި އެބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކުށަކީ މިޤައުމު އިޞްލާޙު ކުރަންޖެހޭކަން އަޅުގަނޑުމެންނަށް ވިސްނުނު ހަމައިން، އެކަންކަމަށް އަޅުގަނޑުމެން ޢަމަލީ މަސައްކަތްކުރި ހިސާބުން ފެށިގެން. އަޅުގަނޑުމެންގެ ގެއިން އަޅުގަނޑުމެން ވަރަށް ނިކަމެތިކޮށް އެއްލައިލެވުނު. އެހެންނަމަވެސް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދިވެހިރައްޔިތުންނަށް އަޅުގަނޑުމެން ކުރި މަސައްކަތައް ފެނިގެން ހިނގައްޖެ. އަދި އެރައްޔިތުން އަޅުގަނޑުމެންކުރި މަސައްކަތަކީ ޙައްޤުގެ މަގުގައިކުރި މަސައްކަތްކަން ބަލައިވެސް ގަނެފި،" ޝިނާން ވިދާޅުވިއެވެ.

ޝިނާން ވިދާޅުވީ މިއަދު ލިބިވަޑައިގެންނެވި މިނިވަން ކަމާއެކު ރައްޔިތުންގެ މަޖިލީހާއި އިސްލާޙީ މަސައްކަތުގައި ދެގޮތެއްނުވެ ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ވަރަށްގިނަ ކަންކަން އިޞްލާޙު ކުރަން އެބަޖެހޭ. އެ އިޞްލާޙު ތަކާއެކު ދިވެހިންގެ ކުރިމަގު ދެން ބައްޓަން ކުރާނީ،" ޝިނާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގުޅިފައިވާ 4 ލީޑަރުން ކުރައްވަމުން ގެންދަވާ އިޞްލާޙީ މަސައްކަތުގައި ދެގޮތެއްނުވެ ދެމިހުންނަވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

ޝިނާން ވިދާޅުވީ އެއްވެސް ޙައްޤަކާނުލައި އޭނާގެ ދާއިރާ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ނުކުރެވި ހިނގަޖެ ކަމަށެވެ. އަލުން ދާއިރާ ތަމްސީލް ކުރައްވަން ފުރުޞަތު ހޯއްދަވައި ދެއްވުމަށް ގުޅިފައިވާ 4 ލީޑަރުން ކޮށްދެއްވި މަސައްކަތްޕުޅާއި އެބޭފުޅުންގެ އިސްލާޙީ މަސައްކަތްޕުޅަށްޓަކައި އެބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ކަނޑައަޅައިފައި ވަނިކޮށް އެބޭފުޅުން މަޖިލީހަށް ވަޑައިގެންނެވުމުން މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަވާ ބޭފުޅުން ވަނީ މަޖިލީސް ކުރާ އިމާރާތުގެ ފާރުމަތިން އެބޭފުޅުން ބޭރު ކޮށްފައެވެ. އެބޭފުޅުންގެ ގެއިން ނިކަމެތިކޮށް ނެރެލި ކަމަށް ޝިނާން އެވިދާޅުވަނީ އެވާހަކަ ކަމަށް ވެދާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.