ފެނިގެން މިދިޔައީ އަނިޔާވެރި ވެރިއެއްގެ ވަކިތަކުން ޤައުމު ސަލާމަތްވި މަންޒަރު: އަޙުމަދު ޢަބްދުﷲ

މިއަދު ފެނިގެންދިޔައީ އަނިޔާވެރި ވެރިއެއްގެ އަތްދަށުން ޤައުމާއި މިނިވަން މުޢައްސަސާތައް ސަލާމަތް ވެގެންދިޔަ މަންޒަރު ކަމަށް ތިނަދޫ ދެކުނުދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޢަބްދުﷲ އަޙުމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އޭނާ ތަމްސީލް ކުރައްވަމުން ގެންދެވި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައި ވަނިކޮށް ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމްކޯޓުން ކަނޑައެޅުމުން އެކަމާ ބެހޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ އަނިޔާވެރި ވެރިއެއްގެ ވަކިތަކުން މުޅިޤައުމު ސަލާމަތްވެގެންދިޔަ މަންޒަރު. އަދި އަނިޔާވެރި ވެރިއެއްގެ ވަކިތަކުން މިނިވަން މުޢައްސަސާތައް ސަލާމަތްވެގެންދިޔަ މަންޒަރު. މިއީ ޙަޤީޤަތަކީ،" އަޙުމަދު ޢަބްދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންމެ ވެރިއަކު ވެސް ވެރިކަން ކުރައްވަންވާނީ ޤައުމުގައި އޮތް ދުސްތޫރީ ނިޒާމުގެ ތެރެއިން ކަމަށް ޤަބޫލުކުރައްވަން ޖެހޭކަމަށެވެ. އެއްވެސް ބައެއްގެ ޙައްޤުތަކެއް ނިގުޅައިގަތުގެ ބަދަލުގައި އެކަންކަމަށް ރިޢާޔަތްކޮށް ކަންކަން ޙައްލުކޮށްގެން މެނުވީ ވެރިކަމެއް ނުކުރެވޭނެ ކަމަށް ޤަބޫލުކުރައްވަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިޤައުމުގައި ރައީސް ޔާމީން ވެރިކަން ކުރައްވަމުން ވަޑައިގެންނެވީ އަނިޔާވެރި ކަމާއެކުގައި ކަމަށެވެ. އެ އަނިޔާވެރިކަމުގެ ރަހަ އޭނާއާއި އޭނާ ތަމްސީލް ކުރައްވާ ދާއިރާގެ ރައްޔިތުން ވެސް ތަޙައްމަލް ކުރަންޖެހުނު ކަމަށް ވިދާޅުވިއެވެ.

ގޮނޑީގެ މައްސަލައިގައި ވެސް އިންސާފު ނުލިބި ސާދަ މަސް ހޭދަކުރަން ޖެހުނީ ޤާނޫނާއި ޤަވާޢިދުތަކަށް ބޯލެނބުނެތި ވެރިކަން ކުރައްވަން ހައްދަވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ޙުކުމް ކުރެއްވުމުން "އަޅުގަނޑު ޤަބޫލު ކުރަނީ މިއީ އަޅުގަނޑާއި ދާއިރާއަށް ލިބުނު ނަޞްރަކާއި ކާމިޔާބެއްގެ ގޮތުގައި،" އޭނާ ވިދާޅުވިއެވެ.

އަޙުމަދު ވިދާޅުވީ މި މައްސަލަ ކާމިޔާބު ކުރެއްވުމުގައި ގުޅިފައިވާ ޕާޓީތަކުގެ 4 ލީޑަރުންނާއި ދާއިރާގެ ރައްޔިތުން ދެއްވި ހިތްވަރަށް ޝުކުރު ދަންނަވާ ކަމަށެވެ.

ކުރިއަށްއޮތީ އައު އަހަރުގެ ބަޖެޓުގެ މަސައްކަތް ކަމަށާއި އޭގެ ތެރެއިން ރައްޔިތުންނަށް ފާހަގަތި ކަންތައްތަކެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.