ގްރީންޒޯންގައި ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގުމަށް ދަނީ ރާވަމުން: ޕޮލިސް

ގްރީން ޒޯންގެ ގޮތުގައި މާލޭގައި ކަނޑައަޅާފައިވާ ސަރަހައްދުގައި ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ގާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް އަމަލެއް އެސަރަހައްދުގައި ހިންގުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އެފަދަ އަމަލެއް ކުރަން އުޅޭ ބަޔަކާމެދު ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ގްރީން ޒޯންގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދަށް މީހުން އެއްކޮށް، ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްއަށް ފުރުމުގެ ނަމުގައި ގާނޫނާ ޚިލާފު އަމަލުތަކެއް އެސަރަހައްދުގައި ހިންގަން ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފައެވެ. މިހެން ކަމުން ގާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް އަމަލެއް ގްރީން ޒޯންގައި ހިންގަން ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަން. އަދި އެފަދަ އަމަލެއް ކުރަންއުޅޭ ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަވެސް ދަންނަވަން،" ޝިފާން ވިދާޅުވިއެވެ.

ޝިފާން ސީދާ ނަމެއް ވިދާޅުނުވި ނަމަވެސް ކޮންގްރެސްއެއް ބާއްވަން ތައްޔާރުވަމުން ގެންދަނީ އެމްޑީޕީންނެވެ.

އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އއ. އުކުޅަހުގައެވެ. އެމްޑީޕީގެ މެންބަރުން އުކުޅަހަށް ފުރުމަށް ޖަމާވަމުން ގެންދަނީ ޖުމްހޫރީ މައިދާން (ގްރީން ޒޯން) ސަރަހައްދަށް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

 އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް އުކުޅަހުގައި ބޭއްވުމުގެ ތައްޔާރީތައް މިހާރުވަނީ ނިމިފައެވެ. ކޮންގްރެސް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.