"ހިހޫ ތަނުން ކައިގެން" ކަމަށް ބުނެ ފާޑުކިޔާ މީހުންނަށް ދުންޔާ ދެއްވީ ވަރަށް ފަހި އިޖާބައެއް

ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫނު އުޅުއްވަނީ "ހިހޫ ތަނުން ކައިގެން" ކަމަށްބުނެ ފާޑުކިޔާ މީހުންނަށް ދުންޔާ ދެއްވީ ވަރަށް ފަހި އިޖާބައެކެވެ. ސިޔާސީ މަސްރަޙަށް އައި ބަދަލާ ގުޅިގެން ދުންޔާގެ ބައްޕާފުޅު ރައީސް މައުމޫނާއި އާއިލާ މިދިޔަ ދޮޅު އަހަރެއްތެރޭ ތަޖުރިބާ ކުރައްވާން ޖެހިވަޑައިގެންނެވި ހިތްދަތި ދަތި ދުވަސްތަކުގައި ދުންޔާ ސަރުކާރުގެ މަގާމެއްގައި ހުންނެވުމުން ގިނަ ބައެއްގެ ފާޑުކިއުން އެކަމަނާ އަށް އަމާޒުވިއެވެ. އަދި ވަކީން ޚާއްޞަކޮށް ރައީސް މައުމޫން އާއި ޢާއިލާގެ ބައެއް ބޭފުޅުން ޖަލުގައި ތިއްބެވި އިރު ދުންޔާ އެކަމާ އަޅާނުލައްވައި ހުންނެވި ކަމަށް ބުނެ ގިނަ ފާޑު ކިއުންތަކެއް އަމާޒު ވިއެވެ. ޖަލުން ސަލާމަތް ވުމުން ދުންޔާ ބައެއް ސިޔާސީ ބޭފުޅުންނާ ބައްދަލު ކުރައްވަނީ އާ ސަރުކާރުން މަގާމެއް ބޭނުންވެގެން ކަމަށްވެސް ގނަ ބަޔަކު ވާހަކަދައްކަމުން ދިޔައެވެ.

'ހުކުރު އަވަސް' ގެ ނަމުގައި އަވަސް ނޫހުން މިއަދު ލައިވް ކުރި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ދުންޔާ ވަނީ އެކަމަނާއަށް އަމާޒުކުރެވޭ ފާޑުކިއުންތަކަށް ވަރަށް ފަހި އިޖާބައެއް ދެއްވާފައެވެ. މިއީ އެ ޕްރޮގްރާމްގައި އެކަމަނާ ފާހަގަކުރެއްވި ގޮތަށް ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތް ކުރެއްވުމުން ލިބިވަޑައިގެންނެވި ތަޖުރިބާ އަށް ވެސް ވެދާނެއެވެ.

ފާޑުކިއުންތަކަށް އިޖާބަ ދެއްވަމުން ދުންޔާ ވިދާޅުވީ ޕަބްލިކް ދާއިރާގައި ނުވަތަ ސިޔާސީ ދާއިރާގައި އުޅުއްވާ ބޭފުޅުންގެ ޢަމަލުތައް މީހުން ގާތުން ބަލާނެ ކަމަށާއި އެެއަށް ފާޑު ކިޔާނެ ކަމަށެވެ. މިޒާޖުގެ ގޮތުން ތަފާތުތައް ހުރެދާނެ ކަމަށާއި އެކަމަނާގެ ކިބައިގައިވެސް ރަނގަޅު ކުރަައްވާން ޖެހޭ ކަންތައްތަކެއް ހުރެދާނެ ކަމަށް ދުންޔާ ގަބޫލުފުޅުކުރައްވައެވެ. އެހެންކަމުން ފާޑުކިޔުންތަކަށް މަރުޙަބާ ކިޔާކަމަށް ވިދާޅުވިއެވެ. ފާޑުކިޔާ ނުވަަތަ އެކިކަހަލަ ޓެގް ބޭނުންކުރާ ސަބަބުތަކެއް ހުރެދާނެ ކަމަށްވެސް ދުންޔާ ގަބޫލުފުޅު ކުރައްވައެވެ.

އެހެންނަމަވެސް ބައެއްފަހަރު ރަނގަޅު މައުލޫމާރު ނެތިވެސް ފާޑުކިޔާކަން ދުންޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ސިޔާސީ މަސްރަހަށް އައި ހަލަބޮލިކަމުގައި އެކަމަނާގެ އާއިލާއަށް ކުރިމަތިވެވަޑައިގެންނެވި ކަންތައްތަކަށް އިޝާރާތް ކުރައްވައި އެކަމަނާ ތަކުރިބާ ކުރައްވަން ޖެހިވަޑައިގެންނެވި ކަންތައްތައް ހިއްސާ ކުރެެއްވެވިއެވެ.

"އެންމެނަކަށް ހުރިހާ ކަމެއް ސެކްރިފައިސްކޮށްފަކާ ނިކުމެވެކަށް ނެތޭ. ފިރިމާހާގެ އެޑްވައިސް ވަރަށް ބޮޑަށް ބެލިން. އާއިލާ އެއް ވިއްޔާ އާމްދަނީ ވެސް ހޯދަން ޖެހޭ. ތަނަވަސް ދިރިއުޅުމެއް ލިބިފަ އޮތީ. އޮނެސްޓް މަސައްކަތެއް ކޮށްގެން އެމަސައްކަތަށް ބިނާކޮށްގެން އާއިލާގެ ކަންކަން އޮންނަނީ. ކުދީންނަށް ކިޔާވާދޭން ޖެހޭ. ބޭރަށް ފޮނުވަންޏާ އިތުރު ޚަރަދެއް. މިކަންތައްތައް މިހެން ހުއްޓާ ހުރިހާ ކަމެއް ސެކްރިފައިސް (ގުރްބާނެއް) އެއް ނުކުރެވޭނެ. މައިންބަފައިން ބަަލން ޖެހުނަސް، ޞިއްޙީ ކަންތައްތަކަށް ދަތުރު ކުރަން ބޭރަށް ގޮވައިގެން ދާން ޖެހުނަސް ދާން ތައްޔާރަށް ހުރީ"، ދުންޔާ ވިދާޅުވިއެވެ.

ރިޔާސީ އިންޠިޚާބަށް ފަހު ބައެއް ދުންޔާ ވަނީ ބައެއް ސިޔާސީ ފަރާތްތަކާއެކު ނަންގަވަފައިވަ ފޮޓޯތައް ސޯޝަލްމީޑިއާގައި ހިއްސާ ކުރައްވާފައެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދް އާއި އިންޠިޚާބީ ރައީސްގެ އިބްރާހީމް މުޙައްމަދު ޞާލިޙް އާއެކު ނަންގަވާފައިވާ ފޮޓޯތައް ޝެއަރ ކުރެއްވުމުން ވަޒީފާގެ ބޭނުމުގައި އުޅުއްވާ ކަމަށް ބުނެ ދުންޔާ އަށް ވަރަށް ބޮޑަށް ފާޑުކިއުންތައް އަމާޒުވާން ފެށިއެވެ. އާ ސަރުކާރުން ދުންޔާގެ ލަފައާއި އިރުޝާދު ބޭނުންފުޅުވާނަމަ ނުވަތަ ސަރުކާރުން ބޭނުންފުޅުވާ ދާއިރާ އަކުން ރައްޔިތުންނަށް ޚިދްމަތް ކުރަން ދުންޔާ ހުންނެވީ ތައްޔާރަށެވެ. އެހެންނަމަވެސް އެކަމަނާ ހުންެނެވީ ވަޒީފާއެއް ލިބިވަޑައިނުގެން ނޫން ކަމަށް ދުންޔާ ވިދާޅުވިއެވެ.

"އެކަމް އަޅުގަނޑު މިހިރީކީ ކޮންމެހެން ޖޮބެއް ނުލިބިގެނެއް ނޫން. އަޅުގަނޑަށް އިރާދަ ކުރެއްވިއްޔާ ރާއްޖެއިން ބޭރުންވިޔަސް، އަދި އެހެން ދިމާތަކުންވެސް، އަޅުގަނޑަށް ހަމަ ބޭނުން ޖޮބެއް އަޅުގަނޑަށް ހޯދޭނެ. އެވަރުގެ ގާބިލުކަން އަޅުގަނޑުގެ އެބަހުރި" ކަމަށް ދުންޔާ ވިދާޅުވިއެވެ.

އާއިލާ ތަހައްމަލު ކުރި ކަންކަމުގައި ދުންޔާ ހަނު ހުންނެވި ކަމަށް ބުނާ ވަހަކަތަކަށް ދުންޔާ ވިދާޅުވީ ދުންޔާ ހުންނެވީ އާއިލާ އާއެކު ކަމަށް ވިދާޅުވިއެވެ. "ކިތަންމެ ފާޑު ކިޔުމެއް އަޔަސް އަޅުގަނޑު މިހިރީ ހަމަ ފެށުނީއްސުރެ އަޅުގަނޑުގެ ބައްޕަ އަރިހުގަ، އަލުގަނޑު އާއިލާ އާއެކު"

ދުންޔާގެ ވާހަކައަށް ތާއީދު ކުރައްވާ ރައީސް މައުމޫން ވަނީ ޓުވީޓު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ދުންޔާ އާއިލާ އަށް ދިމާވި ހިތާމަވެރި ދުވަސްތަކުގައި ވެސް އަދި އޭގެ ކުރިންވެސް ދުންޔާ އާއިލާ ދޫކޮށެއް ނުލައްވައެވެ. ވަރަށް އުނދަގޫ ޙާލަތުގައިވެސް އެމަނިކުފާނަށާއި އާއިލާއަށް އެހީތެރިވުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިތްވަރާ އެކު މަސައްކަތްޕުޅު ކުރެއްވިކަމަށް ރައީސް މައުމޫން ވިދާލުވެފައިވެއެވެ.   

ދުންޔާ އަކީ މަޝްވަރާގެ އުޞޫލުން ކަންކަމުގެ ޙައްލު ހޯއްދަވަން އަބަދުވެސް ވަރަށް ބޮޑަށް ބާރު އަޅުއްވާ ބޭފުޅެކެވެ. ސަރުކާރުގެ ވަޒީފާގައި ހުންނަވައިގެންވެސް ތަކުރާރުކޮށް އެވާހަކަ ވިދާޅުވަމުން ގެނެދިވއެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި ފޮރިން މިނިސްޓަރުގެ މާޤާމު އަދާ ކުރައްވަން ޖެހިވަޑަގެންނެވީ ޚާރިޖީ ދާއިރާއަށް އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި ދުވަސްވަރުއެވެ. ސިޔާސީ ގިނަ ފަރާތްތަކަކަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ހިންގި ދުވަސްވަރެއްގައެވެ. އެހެންކަމުން ބޭރުގެ ދުނިޔޭގަ ސަރުކާރު ދިފާޢު ކުރައްވައި ސަރުކާރުގެ ތެރެއިން ޙައްލު ހޯއްދަވަން ގިނަ މަސައްކަތަކެއްވެސް ކުރެެއްވިއެވެ. ސަރުކާރުގައި ހުންނަވައިގެން ސަރުކާރަށް ފާޑު ކިއުމަކީ އެކަމަނާ ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.    

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.