ވިއްސާރަވެ ވައިގަދަވާނެތީ ރާއްޖޭގެ ދެސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ. ވައިޓް އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް އަދި ގދ. އަތޮޅުން ފެށިގެން ސ. އަތޮޅަށެވެ.
މެޓު އޮފީހުން މި ސަރަހައްދު ތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު އިރުއޮއްސި 18:30 އިން މިރޭ 23:30 އާ ހަމައަށެވެ. މެޓު އޮފީހުން ވިދާޅުވެފައިވަނީ އެވަގުތުގައި ގަދަ ވިއްސާރައާއެކު އެސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
މެޓު އޮފީހުން ވިދާޅުވެފައިވަނީ މިރޭ 8:00 އިން މާދަމާރޭ 8:00 އަށް ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް ލަފާ ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅނގު ދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށް މެޓު އޮފީހުން ވަނީ ވިދާޅުވެފައެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށް މެޓު އޮފީހުންވަނީ ލަފާކުރައްވައިފައެވެ.