ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެގިނައިން ވާރޭ ވެހުނީ ތޮއްޑުއަށް

ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެގިނައިން ވާރޭ ވެހުނީ އއ. ތޮއްޑުއަށް ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާ އިން ބުނީ އެރަށަށް 147 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. އަދި ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ހުޅުލެއަށް ކަމަށާއި ހުޅުލެއަށް 139 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ކ. ގުރައިދޫއަށް 74 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަަމަށް ރެކޯޑުތަކުން ދައްކާ ކަަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ ވޭތުވެދިޔަ އަހަރުތަކުގެ ރެކޯޑުތަކަށް ބަލާއިރު، 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވާ ކަމަށް ރިކޯޑު ކުރެވިފައިވަނީ ސ. ގަމަށެވެ. އެއީ ނޮވެމްބަރު 24، 2015ގައި 228 މިލިމީޓަރުގެ ވާރޭ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް އެލަރޓުތައް ނެރެމުން އަންނައިރު، މިއަދުވެސް ވަނީ ވައިޓް އެލަރޓް ނެރެފައެވެ.

މޫސުމާއިބެހޭ އިދާރާއިން ބުނީ ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން ބައެއް ދުވަސް ދުވަހު އުދައަރާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.