މަލާލާ ޔޫސުފްޒާއީ ގެ ޕޯޓްރެއިޓެއް ލަންޑަންގެ ނެޝެނަލް ޕޯޓްރެއިޓް ގެލެރީގައި ބަހައްޓައިފިއެވެ. މިއީ މަލާލާގެ ޕޯޓްރެއިޓެއް ނެޝެނަލް ޕޯޓްރެއިޓް ގެލެރީގައި ބެހެއްޓުނު ދެވަނަ ފަހަރެވެ. މަލާލާ އަކީ ނޯބަލް އިނާމް ލިބިފައިވާ އެންމެ ހަނގު މީހާއެވެ. އޭނާ އަކީ އަންހެން ކުދީންނަށް ތައުލީމު ފޯރުކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ އެކްޓިވިސްޓެކެވެ.
މަލާލާގެ ޕޯޓްރެއިޓެއް ލަންޑަންގެ ނެޝެނަލް ޕޯޓްރެއިޓް ގެލެރީގައި ފުރަތަމަ ބެހެއްޓީ 2013ވަނަ އަހަރުގެ މާޗް މަހުއެވެ. ދެވަނަ ޕޯޓްރެއިޓް ބެހެއްޓީ މިދިޔަ އަންގާރަ ދުވަހުއެވެ. މި ފޮޓޯ އަކީ އިރާނަށް އުފަން މަޝްހޫރު ފިލްމު މޭކަރ ޝީރީން ނިޝަތު އާއި މަލާލާ އާއި މިއަހަރުގެ މާޗް މަހު ބައްދަލުވެ ނަގާފައިވާ ފޮޓޯ އެކެވެ.
ގެލެރީ އާއި ހަވާލާދީ ޕާކިސްތާނުގެ ޑޯން ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޝީރީން ވަނީ މަލާލާގެ ދެ ފޮޓޯ އެއް ނަގާފައެވެ. އޭގެ ތެރެއިން އެއް ފޮޓޯގައި ޕަކްތޫންގެ ޅެންވެރިއެއް ކަމުގައިވާ ރަޙްމަތު ޝާހް ސާޔެލްގެ 'މަލާލާ 2'، ވަނީ ނަގަޝްކޮށްފައެވެ. 'މަލާލާ 2' މި ޅެމަކީ ރަޙްމަތު 2011ވަނަ އަހަރު ލިޔެފައިވާ ޅެމެކެވެ. ޅެން ލިޔުނު އިރުވެސް މަލާލާ ވަނީ އެޑިއުކޭޝަން އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރުވެފައެވެ. މިޅެމުގައި ރަހްމަތު ވަނީ މައިވަންދުގެ މަލާލާ އަށް އެޑްރެސް ކޮށް މަލާލާ ޔޫސްފްޒާއީ އަށް ތައުރީފުކޮށްފައިވާ ޅެމެއް ކަމަށް ގެލެރީ އާ ހަވާލާދީ ޑޯންގައި ރިޕޯޓު ކޮށްފައިވެއެވެ.
ނިޝްރީން ނަގާފައިވާ ދެވަނަ ފޮޓޯ ގައި މަލާލާ އިންނަނީ ސްކޫލެއްގެ ޑެސްކޮ ދޮށުގައި ފޮތެއް ހުޅުވައިގެން ކަމަށާއި އެ ފޮޓޯ 2020ވަނަ އަހަރު ބާމިންގހަމް ގެ މިއުޒިއަމްގައި ބަހައްޓާނެއެވެ.
ނީޝްރީން ނަގާފައިވާ ފޮޓޯތަކަށް ފަންޑްކޮށްފައިވަނީ ނެޝެނަލް ޕޯޓްރެއިޓް ގެލެރީންނެވެ. ފޮޓޯ ބެހެއްޓުމާ ގުޅިގެން މަލާލާ ބުނެފައިވަނީ އިނގިރޭސި ވިލާތުގެ ނުފޫޒުގަދަ އަދި މަޝްހޫރު ފަންނާނުންނާއި، ޅެންވެރީންނާއި، އަދި ލީޑަރުންގެ ފޮޓޯ ތަކާއެކު އޭނާގެ ފޮޓޯ ގެލެރީގައި ބެހެއްޓުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމުގައެވެ. އަދި ގެލެރީ އަށް ޒިޔާރަތް ކުރާ މީހުންނަށް އެފޮޓޯ ފެނުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެން ކުދީން ބަދަލަކަށް އެދި ކުރަމުންދާ މަސައްކަތް އެނގޭނެ ކަމަށް އޭނާ އުއްމީދުކުރާ ކަމަށްވެސް މަލާލާ ބުންޏެވެ.
ލަންޑަން ގެލެރީގައި ޕާކިސްތާނުގެ މަޝްހޫރު ޝަކްޞިއްޔަތުންގެ ފޮޓޯތައް ބަހައްޓާފައި ވެއެވެ. އެ ބޭފުޅުންނަކީ ބޮޑު ވަޒީރު އިމްރާން ޚާން އާއި ކުރީގެ ބޮޑު ވަޒީރު ލަޔާޤަތް ޢަލީ ޚާން އާއި ޖެނެރަލް ޔަޙްޔާ ޚާން އާއި ޒުލްފިޤާރު ޢަލީ ބުއްޓޫ އާއި ޑިޕްލޮމެޓެއް ކަމުގައިވާ އަގާ ހިލާލީ އާއި އެކްޓަރު ޒިޔާ މުޙްޔިއްދީން އެވެ.