ކާނަލް ނާޒިމްގެ މައްސަލަ ސުޕްރީމްކޯޓަށް ހުށަހަޅައިފި

images

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއިދުކޮށް ހައިކޯޓުން އިއްވި ހުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

މިއަދު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ނާޒިމުގެ ގާނޫނީވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ ނާޒިމްގެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ މިއަދު ކަމަށެވެ.

ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ހަތިޔާރު ވެއްދި މީހަކު މިހާރު ހޯދިފައިވާ ކަމަށާ، އެމީހާ ހެއްކެއްގެ ގޮތުގައި ސްޕްރީމް ކޯޓަށް ހާޒިރުކުރުމަށް އެދިފައިވާނެ ކަމަށް ވެސް ސުއޫދު މިއަދު ވިދާޅުވިއެވެ. ނާޒިމް ދިރިއުޅުއްވާ އެޕާޓުމަންޓުން ހަތިޔާރުފެނުނުކަމަށްބުނާ މައްސަލައަކީ ވަކި ބަޔަކު ރާވައިގެން ހިންގާފައިވާ ކަމެއްކަން މިހާރު އެނގޭ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

ގ. އެނިފްގޭގެ އަށްވަނަ ފްލޯގައި ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓްގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާގައި އޭނާ އެގާރަ އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ މިދިޔަ އަހަރުގެ މާރޗް މަހުގެ 27 ވަނަ ދުވަހުއެވެ. ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމްގައި ބުނެފައިވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރަކީ އޭނާގެ އެއްޗެއް ނޫންކަން ޝަރީއަތުގައި ސާބިތުކޮށް ދެއްވިފައި ނުވާ ކަމަށް.. އެމައްސަލަ ނާޒިމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ދަށު ކޯޓުގެ ޙުކުމަށް ހައިކޯޓުން ތާއިދު ކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ 6 ވަނަ ދުވަހުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.