ދިވެހި އަންހެނުންނަކީ ދުނިޔޭގެ ނިސްބަތުންވެސް ޤާބިލު އަދި ތޫނުފިލި ބައެއް: ނާޒިމް

ފޮޓޯ: އެމްއެންޕީ

ދިވެހި އަންހެނުންނަކީ ދުނިޔޭގެ ނިސްބަތުންވެސް ޤާބިލު އަދި ތޫނުފިލި ބައެއްކަން ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާގެ ވަނަތައް އިޢުލާނުކުރާ ސްޓޭޖްތަކުން ދަނީ ހަމަކޮންމެ ދުވަހަކުވެސް ފެންނަމުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނުގައި ވިދާޅުވީ ކަންމިހެން އޮތް ނަމަވެސް މިއަދުވެސް، ސިޔާސަތު ކަނޑައަޅާ ފެންވަރުގައި، އެކަށީގެންވާ ވަރަށްވުރެ ބޮޑުތަނުން އަންހެނުން މަދުވުމަކީ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

މީގެ އިތުރުން ޢާއިލީ ޒިންމާތަކާއި ދަރިންގެ މަސްއޫލިއްޔަތުތައް އަދާކުރަމުން މަސައްކަތުގެ މައިދާނަށް ނިކުންނަ އަންހެނުންނަށް އެކަނބަލުންގެ ޤާބިލުކަމުގެ އެންމެ މަތީ މިންގަނޑަށް ވާޞިލުވުމުގައި ހުރި ހުރަސްތައް ނައްތާލުމަށް މިހާރުވެސް ކުރަން ހުރި މަސައްކަތްތައް ގިނަކަން ވެސް ފާހަގަ ކޮށްފައި ވެއެވެ.

އެ ޕާޓީން ބުނީ ދުނިޔޭގެ ފެންވަރުގައި ހެދިފައިހުރި ދިރާސާތަކުން ސިޔާސަތު ނިންމާ ހިސާބުގައި އަންހެނުން ގިނަވުމަކީ، އިޖްތިމާޢީ މައްސަލަތަކަށް ލުޔެއްލިބި، ހަމަޖެހުމަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާ ކަމެއްކަން ފާހަގަކޮށް، ރާއްޖޭގައި ތިއްބެވި ޤާބިލު އަންހެން ބޭފުޅުންގެ ކުރިއެރުމަށް ހުރި މިފަދަ ހުރަސްތައް ނައްތައިލުމަކީ އެމްއެންޕީގެ ސިޔާސަތުކަމުގައެވެ.

އަންހެނުންގެ ތަރައްޤީ އާއި ކުރިއެރުމުގެ މައްސަލަތަކަކީ އެކަހެރި ކުރެވި، ވަކި ބަޔަކު ނޫނީ އަޅާނުލާ ސިޔާސަތެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކޮށް، central policy makingގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި ހަމަޖެއްސުމަކީ ވެސް އެ ޕާޓީގެ ސިޔާސަތެއްކަން ވެސް ފާހަގަކޮށްފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.