ލީބިޔާގެ ވެރިރަށް ޓްރިޕޮލީ (ޠަރާބުލުސް) ގައި ވާދަވެރި ހަނގުރާމަވެރި ޖަމާއަތްތަކުގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ބައި މިލިއަން ކުޑަކުދިން ނުރައްކަލަށް ހުށަހެޅިފައިވާ ކަމުގައި ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް) އިން ބުނެފިއެެވެ.
ޔުނިސެފްގެ މެދެއިރުމައްޗަށާއި އުތުރު އެފްރިކާގެ ރީޖަނަލް ޑިރެކްޓަރު ގީރްޓް ކެޕަލެޔާ ވިދާޅުވިގޮތުގައި ޓްރީޕޮލީގައި ނުރައްކަލަށް ހުށަހެޅިފައިވާ ބައި މިލިއަން ކުޑަކުދިންގެ އިތުރަށް ލީބިޔާގެ އެހެން ހިސާބުތަކުގައި އެހީއަށް ބޭނުންޖެހިފައިވާ 2.6 މިލިއަން ކުޑަކުދިން އެބަތިއްބެވެ.
ލީބިޔާގެ ސިއްހަތާ ބެހޭ ވުޒާރާއާ ހަވާލާދީ ލީބިޔާގެ ޚަބަރުފަތުރާ ވަސީލަތްތަކުން އިއްޔެ ބުނި ގޮތުގަައި ޓްރިޕޮލީގައި ހިނގާ ހަނގުރާމައިގައި މިހާތަނަށް 115 މީހުން މަރުވެ 560 މީހުން ޒަޚަމްވެފައި ވެއެެވެ.
"ދެކުނު ޓްރިޕޮލީގައި ބަދަލުކުރެވޭ ހަމަލާތައް ވަރުގަދަވަމުން ދާއިރު ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 1200 އާއިލާ ވަނީ ގެދޮރު ދޫކޮށް ދާން ޖެހި، ގެދޮރު ނެތިފައިވާ މީހުންގެ އަދަދު ވަނީ ހާހަށް އަރާފައެވެ. ޔުނިސެފެން އަންދާޒާކުރާ ގޮތުގައި އޭގެތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. ޓްރިޕޮލީގައި ބައި މިލިއަން ކުޑަކުދިން ވަނީ ސީދާ ނުރައްކަލުގެ ތެރޭގައެވެ. ގައުމުގެ އެކި ހިސާބުތަކުގައި އެހީއަށް ބޭނުންވެފައިވާ ކުދިންގެ އަދަދު 2.6 މިލިއަނަށް އަަރައެވެ." ކެޕަލެޔާ ނެރުއްވި ބަޔާނުގައި ވެއެވެ.
"މިހާރު މިހިނގާ ހަމަލާތައް ބަދަލުކުރުމާއި، ލީބިޔާއަށް ދިމާވެފައިވާ މުސީބާތުން ސަލާމަތްވުމުގެ މަގަކީ ހަނގުުރާމަކުރުމެއް ނޫނެވެ. ޑިޕްލޮމަސީއާއީ ސިޔާސީގޮތުން ކަންކަމަށް އެއްބަސްވުމެވެ. މިކަން ކުރެވެންވާނީ ކުޑަކުދިންގެ މަސްލަހަތަށް އެންމެ އިސްކަން ދީގެންނެވެ." އޭނާގެ ބަޔާނުގައި އިތުރަށް ވެއެވެ.
ކެޕަލެޔާ އިތުރަށް ބަޔާންކުރެއްވި ގޮތުގައި ހަނގުރާއިގައި ބައިވެރިކުރާ ކުޑަކުދިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މިކަމުގެ ސަބަބުންވެސް އެކުދިންނަށް ކުރިމަތިވާ ނުރައްކާ ވަނީ އިތުރުވެފައެވެ.
2011 ވަނަ އަހަރު ކާނަލް މުއައްމަރު އަލްގައްޒާފީގެ ވެރިކަން ބަދަލުކޮށްލިފަހުން ލީބިޔާގައި އަންނަނީ ވާދަވެރި ސަރުކާރުތަކުން ވެރިކަން ކުރަމުންނެވެ. ލީބިޔާގެ އުތުރުގައި ގާނޫނު ހަދާ މަޖިލީހުން، ލީބިޔާގެ ގައުމީ ސިފައިންގެ އެހީއާއެކު އިރުމަތީ ރަށެއް ކަމުގައިވާ ޠުބްރުޤްގައި ސަރުކާރެއް ޤާއިމުކޮށްފައިވާއިރު، އދ. އިން ބަލައިގަންނަ ސަރުކާރު އޮތީ ލިބިޔާގެ ހުޅަނގުގައެވެ. އެއީ ފާއިޒު އައްސައްރާޖުގެ ވެރިކަމުގައި، ޓްރިޕޮލީގައި އޮތް ގައުމީ އެެއްބައިވަންތަ ކަމުގެ ސަރުކާރެވެ.