ލީބިޔާގެ ވާދަވެރި ފަރާތްތަކުން ޑިސެންބަރު 10 ގައި އިންތިޚާބު ބާއްވަން އެއްބަސްވެއްޖެ

ލީބިޔާގެ އިސް ވެރިން ޕެރިހުގެ ބައްދަލުވުމުގައި: (ވާތުން ކަނާތަށް) ޚަލީފާ ޚަފްތަރު، ޢަޤީލާ ޞާލިޙު ޢީސާ، ފާއިޒުއް ސައްރާޖު

ލީބިޔާގައި އަންނަ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ރިޔާސީ އިންތިޚާބާއި، އާއްމު އިންތިޚާބު ބޭއެްވުމަށް، ޕެރިހުގައި ކުރިއަށް ދިޔަ ބައްދަލުވުންތަކަކަށް ފަހު އެގައުމުގެ ވާދަވެރި ފަރާތްތަކުން އެއްެބަސްވެއްޖެއެވެ.

ލީބިޔާގެ އަވަށްްޓެރި ގައުމުތަކާއި، ސަރަހައްދުގެ އަދި ޔޫރަޕްގެ ބޮޑެތި ބާރުތަކާއި، އެމެރިކާ ހިމެނޭހެން 20 ގައުމެއްގެ މަންދޫބުންނާއި، ބައިނަލް އަގްވާމީ ޖަމާއަތްތަކާއި، އެކު ލީބިޔާގެ ވާދަވެރި ފަރާތްތަކުން އިއްޔެ ބައްދަލުކޮށްފައި ވަނީ ފަރަންސޭސި ރިޔާސީ ގަނޑުވަރު ޝޯންސް އެލީޒޭ ގައެވެ.

"ހުރިހާ ފަރާތަކުން ވަނީ އިންތިޚާބު ބޭއްވުމުގެ ގާނޫނީ ހަމަަތަކަށް އަމަލުކުރުމަށާއި، ކޮންމެހެން ހަދަންޖެހޭ އިންތިޚާބީ ގާނޫނުތައް  16 ސެޕްޓެންބަރު 2018 ގެ ކުރިން އެކުލަވާލުމަށާއި، ޑިސެންބަރު 10 ގައި ރިޔާސީ، އަދި މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އެެއްބަސްވެފައެވެ." ބައްދަލުވުމަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ވެއެވެ.

ލީބިޔާގެ ބޮޑުވަޒީރު ފާއިޒުއް ސައްރާޖު ވިދާޅުވީ ބައްދަލުވުމުގެ ނަތީޖާއާމެދު އޭނާ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމުގައެވެ. އަދި ހުރިހާ ފަރާތަކުންވެސް އެއްބަސްވުން ތަސްދީގުކުރާނެކަމަށް އުއްމީދުކުރައްވާ ކަމުގައެވެ.

2011 ވަނަ އަަހަރު ނޭޓޯގެ އެހީތެރިކަމާއެކު ކާނަލް މުއައްމަރުލް ޤައްޒާފީގެ ވެރިކަން ނިމުމަކަށް ގެނައި ފަހުން ލީބިޔާގައި ހަމަޖެހުން ގާއިމުވެފައި ނުވެއެވެ. އެއް ސަރުކާރަކަށް އެއްބަސްނުވެވި، ވާދަވެރި ސަރުކާރުތައް ވަނީ އުފެދިފައެވެ.

2014 ވަނަ އަހަރުން ފެށިގެން ވާދަވެެރި ދެ ސަރުކާރެއް ލީބިޔާގައި އޮތް އިރު ޕެރިހުގައި ބޭއްވި ބައްދަލުވުމަށް އިރުމަތީ ލީބިޔާގެ ޠުބްރުޤްގައި އޮތް ސަރުކާރުގެ ކޮމާންޑަރު ޚަލީފާ ޚަފްތަރާއި، ޠަލާބުލުސް (ޓްރިޕޮލީ) ގައި އޮތް ސަރުުކާރުގެ ބޮޑުވަޒީރު ފާއިޒުއް ސައްރާޖުވެސް ވަޑައިގެންފައި ވެއެވެ. އަދި ޚަފްތަރަށް ތާއީދުކުރާ ރަޝިޔާ، މިސްރު، އަދި ޔޫއޭއީގެ މަންދޫބުން ވެސް ވަޑައިގަތެެވެ.

"ޕެރިހުގެ ބަައްދަލުވުމުގައި ބައިވެެރިވި ހުރިހާ ފަަރާތަކުންވެސް ކަނޑައެޅޭ ވަަކި މުއްދަތެއްގައި ކަންކަން ނިންމަން އެެއްބަސްވުމަކީ ވަރަށް އީޖާބީ ނަތީޖާއެއް" މޯލްޓާގެ ބޮޑުވަޒީރު ޖޯޒެފް މަސްކަޓް ވިދާޅުވިއެވެ.

ފްރާންސުން ވަނީ ލީބިޔާގައި ސުލްހަގާއިމުކުރާ ފަރާތެއްގެ ދައުރު އަދާކުރަން މަސައްކަތްކޮށްފައެވެ. ފަރަންސޭސި ރައީސު އިމާނުއެެލް މެކްރޯން ވަނީ ފާއިތުވި އަހަރުގެ ޖުލައި މަހު ލީބިޔާގެ ވާދަވެރި ދެ ލީޑަރުން ކަމުގައިވާ ޚަފްތަރާއި، ސައްރާޖާއި ޕެރިހުގައި ބައްެދަލުކުރައްވައި، ރިޔާސީ އަދި މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ދެފަރާތުގެ އެއްބަސްވުން ހޯއްދަވާފައެވެ.

ޕެރިހުގައި ބޭއްވުނު ބައްދަލުވުމަކީ އެކަމާގުޅޭ ކަންކަން ނިންމުމަށް ބޭއްވުނު ބައްދަލުވުމެކެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.