ލީބިޔާއިން ގެއްލުނު ޔުރޭނިއަމް ފެނިއްޖެ

ލީބިޔާގެ މައި ސަރުކާރުގެ ބާރު ނުހިނގާ ސަރަހައްދެއްގައި ގުދަންކޮށްފައި ހުރި 2.3 ޓަނުގެ ޔުރޭނިއަމް ގެއްލިފައިވާކަމަށް އދ. ގެ ނިއުކުލިޔާ ހަކަތަޔާ ބެހޭ ޖަމްއިއްޔާ، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ބުނެފައި ވަނިކޮށް އެ ޔުރޭނިއަމް ފެނިއްޖެކަން އިރުމަތީ ލީބިޔާގައި ހަނގުރާމުކުރާ ހަނގުރާމަވެރިންގެ ލީޑަރަކު ހާމަކޮށްފިއެވެ.

އައިއޭއީއޭގެ މެންބަރު ގައުމުތަކާ މައުލޫމާތު ހިއްސާކުރައްވަމުން އެޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ރަފާއެލް ގްރޮސީ ފާއިތު ހަފުތާގައި ވިދާޅުވިގޮތުގައި ސާފުކޮށްފައިވާ ޔުރޭނިއަމް މައުދަނުގެ 10 ފީފާ ވަނީ އެތަކެތި ރައްކާކޮށްފައި ހުރި ކަމަށް ކުރިން ބުނެފައިވާ ތަނުން ގެއްލިފައެވެ.

ފާއިތުވި ހަފުތާގެ ބުދަ ދުވަހު އައިއޭއީއޭއިން ނެރުނު ބަޔާނެއްގެ ބުނެފައިވަނީ އެ ޔުރޭނިއަމް ހުންނަންޖެހޭ ތަންނުން އެހެން ތަނަކަށް ގެންދިޔައީ ކިހިނެއްތޯ ބަލަން ތަހުގީގެއް ހިންގާނެ ކަމުގައެވެ. އެޖަމްއިއްޔާއިން ބުނާގޮތުގައި ނިއުކުލިޔާ މައްދާއެއް މިގޮތަށް ގެއްލުމަކީ ސަލާމަތީގޮތުން ކަންބޮޑުވުން އުފެދޭ ކަމެކެވެ.

އިރުމަތީ ލީބިޔާގެ ބޮޑުބައެއް ކޮންޓްރޯލް ކުރާ ޖެނެރަލް ޚަލީފާ ޙަފްތަރު ލަޝްކަރުގެ ކޮމިއުނިކޭޝަންސް ޑިވިޝަންގެ ވެރިޔާ ޖެނެރަލް ޚާލިދު އަލްބަޙްޖޫބު އިއްޔެ ބުނިގޮތުގައި އެ ޔުރޭނިއަމް ފީފާތައް ވަނީ ދެކުނު ލިބިޔާގައި އެތަކެތި ހުރިތަނާ 5  ވަރަކަށް ކިލޯމީޓަރު ދުރު ހިސާބަކުން ފެނިފައެވެ.

ޔުރޭނިއަމް ގެއްލުނީ ކޮން ހިސާބަކުން ކަން އައިއޭއީއޭއިން ހާމަކޮށްފައި ނުވެއެވެ. އެހެންނަމަވެސް، ލީބިޔާގެ އަމިއްލަ އިދާރާއެއް ކަމުގައިވާ ޞާދިޤް އިންސްޓިޓިއުޓްގެ ޑިރެކްޓަރ އަނަސް އަލްޤުމާޠީ ވިދާޅުވިގޮތުގައި އެ ޔުރޭނިމް ހުރީ ދެކުނުއި އޮންނަ ސަބްހާ އާއި 7 ކިލޯމީޓަރު ދުރުކުގައި ހުރި ތަނެއްގައި ކަން އެ އިދާރާއަށް ގާތްގަނޑަކަށް ޔަގީންކުރެވެއެވެ.

ލީބިޔާގެ ކުރީގެ ލީޑަރު ކާނަލް މުޢައްމަރު އަލްޤައްޒާފީގެ ވެރިކަމުގައި ލީބިޔާއިން ނިއުކުލިޔާ، ކެމިކަލް އަދި ބައިލޮޖިކަލް ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދިޔަ ނަމަވެސް، 2003 ވަނަ އަހަރެ އެމެރިކާއާ އިނގިރޭސިވިލާތާއެކު ބޭއްވި ސިއްރު މަޝްވަރާތަކަކަށް ފަހު ވަނީ އެ ޕްރޮގްރާމްތައް ހުއްޓާލާފައެވެ.

2011 ވަނަ އަހަރު ޤައްޒާފީގެ ވެރިކަން ވައްޓާލިފަހުން ލީބިޔާގައި މަރުކަޒީ ސަރުކާރެއް ނެތެވެ. އިރާއި ހުޅަނގުގައި  ވާދަވެރި ސަރުކާރުތައް އުފެދި ހަނގުރާމަ ހިނގުން ވަނީ އާއްމުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.