އެނބުރޭ ވަހުތާން (24)

(17 ސެޕްޓެމްބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފަރުޒާނާ ކުއްލިއަކަށް އިސް އުފުލައިލިއެވެ. އެ ތިން މީހުންވެސް ތިބީ އޭނާއާ ދިމާއަށް ބަލާށެވެ. ހީވަނީ އެ މީހުންގެ ނިންމުމަށް އޭނާ ތާއީދު ހޯދަން ބޭނުން ވެފައި ތިބީ ހެންނެވެ. "ނޫން- އެއީ ބޭނުން ކަމެއް ނޫން- ކާވެނި ފަސް ކުރުމުގެ ބޭނުމެއް ނެތް-"  އޭނާ މަންމައާއި، ހަތަރު ކަޅި ހަމަ ކޮށްގެން ހުރެ ވާހަކަ ދެއްކިއެވެ.

ނަޖުމާ މަލިކު ދެއަތް ދެއަތާ މޮޑެން ފަށައިފިއެވެ. "އަހަރެން ހީކުރީ..."

"ނަޞީރަށް މިކަން އެނގޭބާ-؟" ފަރުޒާނާ އަހައިލިއެވެ.

"ނޭނގޭނެ- އަހަރެން އެންމެ ފުރަތަމަ މިއައީ މިގެއަށް-" އިޤްބާލު ޖަވާބު ދިނެވެ. "އަހަރެން ވިސްނީ ފުރަތަމަ ފަރުޒާނާއަށް..."

"މިހާރު އަހަރެމެންނަށް އެނގިއްޖެ- އެހެންވީމާ ކާވެނި ފަސް..." ޔޫސުފު މަލިކު އޭނާގެ ޚިޔާލު ފާޅުކުރެވޭތޯ މަސައްކަތް ކުރިއެވެ.

"ކާވެނި ފަސް ކުރުމުގެ ފައިދާއެއް އެބައެޮތްތޯ-؟" ފަރުޒާނާ ބައްޕަގެ ވާހަކަ މެދު ކަނޑައިލިއެވެ. "އޭނާ ދިރި ހުރި ނަމަ... ޒަޚަމްވެފައި ގޭގައި ނުވަތަ ހަސްފަތާލުގައި އޮތް ނަމަ ފަސް ކޮށްލުން ރަނގަޅު- އޭނާ އިޤްބާލާ ދިމާއަށް އެނބުރިލިއެވެ. "އިޤްބާލު- ނަޞީރުގެ ގެއަށް ދޭ- ބުނޭ ރޫފީ ބަލިވީއޭ- މިއަދު އޭނާއަށް އާދެވޭ ވަރެއް ނުވާނެއޭ- އަދި ބުނަންތަ އިޤްބާލު- ރޫފީ ނެތް ތަން ފުރިހަމަ ކުރަން ނަޞީރުގެ ކައިރީގައި ހުރެލަދީ- އަހަންނަށްޓަކައި-"

އިޤްބާލު ވިސްނަން ފަށައިފިއެވެ. "ފަރުޒާނާ އެ އެދެނީ ކިހާ ބޮޑު ކަމަކަށްކަން އޭނާއަށް އިޙްސާސް ކުރެވޭބާވައެވެ؟"

"ދޭ- އިޤްބާލު- އޭނާގެ ކައިރިއަށް ދޭ- މިއަދު މިއިީ އަހަރެންގެ ކާވެނިވާ ދުވަސް- ހެޔޮ ނުވާނެ- ދޭ-" ފަރުޒާނާ އާދޭސް ކުރިއެވެ.

"މަތީގައި ތިބި އަންހެނުން ގާތު ބުނާނީ ކީކޭ-؟" ޔޫސުފު މަލިކު އަހައިލިއެވެ.

ފަރުޒާނާއަށް ނަވީންގެ ޚިޔާލު ކުރެވިއްޖެއެވެ. ރޫފީއާ ނަވީންގެ ގާތްކަން ހިތަށް އަރާފައި ހާސްވާގޮތް ވިއެވެ. އެއްވެސް ކަމަކުން މާ ބޮޑު އަސަރެއް ކޮށްފާނެ ކަމަކަށް ނަވީން ޤަބޫލެއް ނުކުރެއެވެ. "އަޅުގަނޑު ފަހުން އެމީހުންނަށް އަންގަފާނަން-" މިހެން ބުނެފައި އޭނާ އިޤްބާލާ މުޚާޠަބު ކުރިއެވެ. "އިޤްބާލް- އަވަހަށް ދޭ- ވަގުތު ވަރަށް ކުޑަތަން ވެއްޖެ-"

"ދަރިފުޅާ- ފަރުޒާނާ-" ޔޫސުފު މަލިކު ގޮވައިލިއެވެ. "މިކަހަލަ އުދަނގޫ މައްސަލައެއް ވަކި ގޮތަކަށް ތިޔަ ނިންމަނީ މާ އަވަހަށް-"

"އެހެން އެއްވެސް ގޮތެއް ނެތް ބައްޕާ- މިއީ އަޅުގަނޑުގެ ޙަޔާތުގައި އަންނާނެ އެންމެ ފާހަގަ ކުރެވޭ ދުވަސް- އެންމެ އުފާވެރި ދުވަސް-" ފަރުޒާނާ އިޤްބާލަށްވެސް އަދި ޔޫސުފު މަލިކަށްވެސް އިތުރު ވާހަކައެއް ދައްކާނެ ފުރުޞަތެއް ނުދިނެވެ.

   

* * *

   

މިއުޒިކް ގްރޫޕްގެ ހުރިހާ އެންމެން އަތުވެއްޖެއެވެ. އަދި އޭގެ އިތުރުން ގާތް ތިމާގެ މީހުންވެސް އައިސް ހަމަ ވެއްޖެއެވެ. އެކަމަކު ރޫފީއެއް އަދިވެސް ނާދެއެވެ. ކްރިސްޓަލް ހޯލަށް ދާން ނުކުންނަ ގަޑި ޖެހިއްޖެއެވެ. އޭނާގެ ޚަބަރެއް އަދިވެސް ނުވެއެވެ.

ދޮރުގައި ޓަކި ޖަހައިލީ އަޑު އިވިއްޖެއެވެ. ދޮރު ހުޅުވަން ދިޔައީ ޚުދު ނަޞީރެވެ. ރޫފީ އައީކަން ޔަޤީނެވެ. އޭނާ ދިޔައީ ރޫފީއާ ދިމާއަށް އަމުނައިގަންނަން ތައްޔާރު ވެގެންނެވެ. އެކަމަކު ދޮރު ހުޅުވައިލުމާއެކު އޭނާ ޙައިރާން ވެއްޖެއެވެ. ދޮރުމަތީގައި ހުރީ އިޤްބާލެވެ.

"ފިލްމު ތަކުގައި ވާހެން ކަލޭ ތިޔަ އައީ ނަޖުމާ މަލިކު ފޮނުވައިގެން ފައިސާ ދީފައި އަހަރެން ގަންނަން ކަން ނޭނގޭ- ގޮސް ބުނޭ އަހަންނަކީ ވިއްކާ މުދާ ގަނޑެއްނޫނޭ-" ނަޞީރު ބުނެލިއެވެ.

އިޤްބާލު ތުންފަތުގައި ދޫ ކާއްތައިލިއެވެ. "އަހަރެން އެތެރެއަކަށް ނުވައްދާނަންތަ-؟"

ނަޞީރު އޭނާގެ އަދަބު ކުޑަ ކަމުގެ މައްޗަށް ލަދު ގެންފިއެވެ. މިއީ އޭނާގެ ރަޤީބެވެ. ބަލިވެފައިވާ ރަޤީބެވެ. އޭނާ ކަންތައް ކުރީ މި ކަހަލަ ދަނޑިވަޅެއްގައި ކަންތައް ކުރަންވާ ގޮތަކަށް ނޫނެވެ. "ވަދޭ-" އޭނާ އެއް ފަރާތަށް ޖެހިލިއެވެ. އިޤްބާލު އައި ސަބަބު އޮޅުން ފިލުވާ ހިތުން ހުރެވެނީއެއް ނޫނެވެ. އިޤްބާލު އޭނާއާއި ދިމާއަށް ބަލައިލިއެވެ. ކަލޭގެ ރަޙުމަތްތެރިޔާ "ރޫފީގެ ޙާލު ރަގަޅެއްނޫން- ޔޫސުފު މަލިކުގެ ދެކަނބަލުންގެ އެދިލެއްވުމުގެ މަތީން އަހަރެން މިއައީ ރޫފީގެ ބަދަލުގައި ކަލޭގެ ކާވެނީގައި ބައިވެރިވާން-"

"ކީކޭ-؟ ރޫފީއަށް ކިހިނެއްވީ-؟" ނަޞީރު ހާސް ވެއްޖެއެވެ.

"މާ ބޮޑު ކަމެއްނުވޭ- އޭނާއަކީ ބޯ މީހެއްނޫން- އެކަމަކު މިރޭ މާގިނައިން ބޮވުނީ-"

"ހޫނ... އޭނާ ހުރީ ބޮއިގެން- އެކަމަކު ނާދެވޭ ވަރު..." ނަޞީރު ވިސްނަން ފަށައިފިއެވެ.

ކައިރީގައި ހުރެފައި އޭނާގެ މަންމަ ހީނގެންފިއެވެ. "އަހަރެން ކުރިންވެސް ބުނިން އޭނާ އެހެރީ އަމަލު ވެފައޭ-"

"މަންމަ ހިމޭނުން ހުރެބަލަ-" އޭނާ ވަރަށް ހަރުކަށި ކަމާއެކު ބުނެލިއެވެ. ދެން އިޤްބާލާ މުޚާޠަބު ކުރިއެވެ. "އޭނާ ހުރީ ޢަމަލުވެފައި- އެކަމަކު ހޭވަރިކަން ނެތޭ ވަރަކަށް ނޫން-"

"އަހަންނަށް ފެނުނު އިރު ހުރީ ހަމައިން ނައްޓާލާފައި-" އިޤްބާލުގެ އަޑުގައި ޖެހިލުން ވުމުގެ އަސަރު އެކުލެވިފައި ވެއެވެ. "ޤަބޫލުކުރޭ- އޭނާއަށް ކާވެނީގައި ބައިވެރިވާކަށް ނާދެވޭނެ-" މިއަށް ވުރެ ވަކީން ބޮޑު ތެދު ވާހަކައެއް ދެއްކޭނެ ހެއްޔެވެ؟

"އަހަންނަށް ޤަބޫލު ކުރަން ދަތި-" ނަޞީރު ނިތްކުރި ކަހައިލިއެވެ. "އަހަންނަށް ޤަބޫލުކުރަން ދަތި- ހޫނ... ކޮންމެވެސް ކަމެއް ވެއްޖެކަން ކަށަވަރު- ތިޔަ ބުނާހެން އަމަލުވުން ހަމައެކަނި ސަބަބަކަށް ނުވާނެ... ކަލެއަށް އެނގުނީ ކިހިނެއް-؟ ކަލޭ އޭނާއަށް ބޯން ދިނީ ކަމަށް ވާނީ-"

"އަހަރެން އޭނާ ދަންނަން- ރައްޓެހި ނޫނަސް ފެނުނީމާ އެނގޭ- އަހަރެން އޮފީހުން އައީ އޭނާގެ ގޭ ދޮށުން ލާފައި- އޭރު އޭނާ ކާރު އިސްޓާޓު ކުރެވޭތޯ މަސައްކަތް ކުރަނީ- އޭރު އުޅެނީ ތަޅުދަނޑި ވަޅަށް ތަޅުދަނޑި ދިމާ ނުވެގެން-"

ނަޞީރަށް މިހާރު ކުޑަކޮށް ޤަބޫލު ކުރެވިއްޖެއެވެ. "އެންމެ ރަނގަޅު އިޤްބާލް- މިއީވެސް ތަޖުރިބާއެއް- ރަލަށް ނަފުރަތު ކުރާ މީހާ ރާގައި ޖެހި މަގު އޮޅުނީ- އޭނާގެ ޙާލު އަނެއްކާ ރަނގަޅުތަ-؟ އެއްވެސް އެހީއެއް ބޭނުމެއް ނުވާނެތަ-؟"

މިއީ އިޤްބާލު އެންމެ ބޮޑަށް ޖެހިލުން ވޭވޭ ހުރި މަރުޙަލާއެވެ. އޭނާ ނަޞީރުގެ މޫނަށް ބަލަން މަސައްކަތް ކުރިއެވެ. "އޭނާގެ ޙާލު މުޅިން ރަނގަޅު- އެއްވެސް އެހީއެއް ބޭނުމެއް ނުވާނެ-" އެއް ޖަވާބު ނުބައެވެ. އަނެއް ޖަވާބު ރަނގަޅެވެ.

"އޭނާ މިހާރު ބޭނުން ވާނީ ފުންކޮށް ނިދާލަން-" ނަޞީރު ބުނެލިއެވެ. "ނިދާފައި ހޭލެވޭ އިރު ހުންނާނީ ރަނގަޅު ވެފައި-"

ޤުދުރަތުގެ މިއަޖާއިބު ވަނިވި ކުޅިވަރު ފެނިފައި އިޤްބާލް ޙައިރާންވެ އަންތަރީސް ވިއެވެ. ރޫފީ ނިދަނީއެވެ. ދުވަހަކުވެސް މިދުނިޔެ މައްޗަށް ހޭނުލެވޭ ފަދަ ނިންޖަކުންނެވެ.

ކުއްލިއަކަށް ނަޞީރަށް އަނގޮޓީގެ މަތިން ހަނދާން ވެއްޖެއެވެ. "އަސްތާ- އަނގޮޓި އޮތީ ރޫފީގެ އަތުގައި-"

އިޤްބާލު ފަޓުލޫނު ޖީބުން އަނގޮޓިއެއް ނަގައި ނަޞީރަށް ދިއްކޮށްލިއެވެ. "މިއީ ނަޖުމާ މަލިކު ދެއްވި އަނގޮޓިއެއް- މި ވަގުތު މީގެ ބޭނުން ކޮށްލާ- މިއީ އޭނާގެ އަމިއްލަ އެއްޗެއް-"

ނަޞީރު ރޫފީ ދެކެ ރުޅި އަތުވެއްޖެއެވެ. ފަރުވާ ކުޑަ ކަމުގެވެސް ޙައްދެއް އޮންނަން ވާނެއެވެ. އޭނާ އަބަދުވެސް އެހެން މީހުންނަށް ހެޔޮ ނަޞޭޙަތް ދެއެވެ. މީހުން ފޫހިވާ ވަރަށްވެސް ނަޞޭޙަތް ދެއެވެ. އެކަމަކު އަމިއްލަ ކަމަކާ ދިމާވީ ވަގުތު ބޮނޑި ދިނީއެވެ. ރަޙުމަތްތެރިޔާ އެކަނި ދޫކޮށްލީއެވެ.

ކުޑަ އިރުކޮޅެއް ފަހުން ނަޞީރުގެ ޤާފިލާ ކްރިސްޓަލް ހޯލާ ދިމާއަށް ނަގައިގެންފިއެވެ.

   

* * *

   

ދެމަފިރިންނަށްޓަކައި ތައްޔާރުކޮށްފައި އޮތް ކާރު ކްރިސްޓަލް ހޯލުން ސީދާ މިޞްރާބު ޖެހީ ރޯޔަލް ހޮޓަލަށެވެ. އެ ހޮޓަލުން ޔޫސުފު މަލިކު އޮތީ ކޮޓަރި ހަމަ ޖައްސާފައެވެ. ކާރަކީވެސް އޭނާގެ ކާރެވެ. ދުއްވަން އިނީ އޭނާގެ ޑްރައިވަރެވެ.

"މިއީ ހާދަ މަޑުމައިތިރި ޙަފުލާއެކޭ-" ނަޞީރު ބުންޏެވެ. "ކާވެނީގެ ޙަފުލާއެއް ހެންނެއް ހިޔެއް ނުވޭ- ހީވަނީ މީހަކު މަރުވެގެން އުޅޭހެން-"

ފަރުޒާނާ ދިޔައީ ސިއްސައިގެންނެވެ. "ތިޔަ ކަހަލަ ވާހަކަ ނުދައްކާ-"

ނަޞީރު ފަރުޒާނާއާއި ދިމާއަށް ބަލައިލިއެވެ. އަދި އުފާވެރިކަމާއެކު ހީނގަތެވެ. "އަމިއްލަ މޫނު ނިކަން ލޯގަނޑަކުން ބަލާލަބަލަ- ވަރަށް ރީތި... އެކަމަކު މުޅިން ހުދު ވެފައި- މި ޙަފުލާގައި ބައިވެރިވި އެންމެންވެސް ތިބީ އެކަހަލަ ޙާލެއްގައި- ހީވަނީ ބަލި މީހުންހެން- އޭތް- ހީނ- އުފާކުރޭ- މިއަދަކީ އަހަރެމެންގެ ކާވެނީގެ ދުވަސް- މިރެއަކީ..."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.