ދިވެހިންގެ އަޣުލަބިއްޔަތު ހިއްސާ އޮތް ދިރާގުގެ ހިއްސާ އޭރުގެ ސަރުކާރުން ވިއްކާލި ގޮތް ރައީސް ޔާމީން ވިދާޅުވެ ދެއްވައިފިއެވެ. ޕީޕީއެމްގެ ފަރާތުން ރޭ ބޢްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި އޭރު ދިރާގުގެ އަޣުލަބިއްޔަތު ހިއްސާ އޮތީ ދިވެހިންގެ އަތްމަތީގައެވެ. އެއީ ކުންފުނީގެ 55 އިންސައްތައެވެ.
އެ ދުވަސްވަރަކަި ދިރާގުގެ 45 އިންސައްތަ ހިއްސާ އޮންނަ އިނގިރޭސި ކުންފުންޏެއް ކަމުގައިވާ ކޭބަލް އެންޑް ވަޔަރލެސް މާލީ ދަތިތަކެއްގެ ސަބަބުން ވިއްކާލަން އުޅުނު ދުވަސްވަރެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެ ދުވަސްވަރު އެ ކުންފުނީގެ ހިއްސާ ދިޔައީ ވިއްކަމުންނެވެ. އެކަމަކު ދިރާގުގައި އެ ކުންފުނީގެ އަޣުލަބިއްޔަތު ހިއްސާ ނެތުމުގެ ސަބަބުން ހިއްސާ ވިއްކާލަން ދަތވީއެވެ. އިނގިރޭސި ޕްރިންސް އެންޑްރޫ ރާއްޖެ ވަޑައިގަތީ އެ ދުވަސްވަރުއެވެ. ރައީސް ވިދާޅުވި ގޮތުގައި ހިއްސާ ވިއްކައިލުމުގެ ކަންތައް ހަމަޖެހިގެން ދިޔައީ ޕްރިންސް އެންޑްރޫއާ ސަރުކާރާ ދެމެދު ދެކެވުނު ވާހަކަތަކެއްގެ ތެރެއިންނެވެ.
ދިރާގުގެ 7 އިންސައްތަ ހިއްސާ ރާއްޖެއިން ވިއްކައިލީ 44 މިލިއަން ޑޮލަރަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ ދިރާގުން ސަރުކާރަށް ދޮޅު އަހަރުގެ ތެރޭގައި ދައްކާ ޑިވިޑެންޑާ އެއްވަރުގެ އަދަދެކެވެ.
ރައީސް ވިދާލުވި ގޮތުގައި ދިވެހި ހިއްސާ ވިއްކާލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޭބަލް އެންޑް ވަޔަރލެސްއިން ދިރާގުގައި އޮންނަ އެ ކުންފުނީގެ ހިއްސާ ވިއްކައިލިއެވެ.
މިހާރު ދިރާގުގައި އޮންނަނީ ދިވެހިންގެ 48 އިންސައްތަ ހިއްސާއެވެ.