ފަރުޒާނާ މޭޒުމަތީގައި އޮތް ދަޢުވަތު ކާޑާ ދިމާއަށް އަނެއްކާވެސް ބަލައިލިއެވެ. އޭގެ ބޭރުގައި ލިޔެފައި އޮތެވެ.
"އަލްފާޟިލް ނަޞީރު އަރުޝަދުގެ ދެކަނބަލުން"
އެއީ، ކާވެނި ޕާޓީއެއްގެ ދަޢުވަތު ކާޑެކެވެ. ދުނިޔޭގައި އެހައި ގިނަ ކާވެނި ކުރެވެނީ ކީއްވެގެން ބާވައެވެ؟ އޭނާ ވިސްނައިލިއެވެ. މި ކާވެނިވެސް ކުރެވެނީ އޭނާއާއި، ނަޞީރާ ދެމީހުންގެ ކާވެނި ކުރެވުނު ތަނުގައެވެ. އޭގެ ފަހުން މިހާރު އެތައް ޤަރުނެއް ވެއްޖެ ކަހަލައެވެ. އެއީ މާކުރިން ކުރެވުނު ކަމެއް ކަހަލައެވެ. ނިދާ ބޭސް ކައިގެން ނޫން ގޮތަކަށް އޭނާއަށް ނުނިދެން ފެށުމުގެ ކުރިންނެވެ. މަގު ހިނގާ މީހުން އޭނާއާ ދިމާއަށް ލޯއަޅަން ފެށުމުގެ ކުރިންނެވެ. އޭނާގެ ރީތި ދެލޮލުގެ ވިދުވަރު ފަނޑުވުމުގެ ވެސް ކުރިންނެވެ.
އެކާޑާ ދިމާއަށް ބަލަން އިނދެ އޭނާ ވިސްނަމުން ގެންދަނީ ކާވެނީގެ ނިމުމެއްނެތް ސިލްސިލާއާ މެދުގައެވެ. މަންމަ ދެކޭ ގޮތުގައި ކާވެންޏަކީ ޢިއްޒަތުގެ ސަނަދެކެވެ. ގަދަރުވެރިންގެ ތެރެއަށް ވަންނަން ކޮންމެހެން ބޭނުންވާ ޕާސްޕޯޓެކެވެ. މަންމަ އަބަދުވެސް މަސައްކަތް ކުރަނީ އޭނާގެ ސިކުނޑިއަށް މި ޚިޔާލު ވައްދާށެވެ.
ކާވެނީގެ ޚިޔާލު މަޑުމަޑުން ގޮސް ދަޢުވަތު ކާޑާ ދިމާއަށް އެނބުރިއްޖެއެވެ. މިކާޑު ފޮނުވި މީހުންނަށް ވިސްނައިދޭނެ ބަޔަކު ވާނެ ނަމައެވެ. މީހުން މަރާ ފިރިންނަށާއި، އެމީހުންގެ އަނބިންނަށް، ކާވެނި ޕާޓީތަކަށް ދަޢުވަތު ދިނުމަކީ ރަނގަޅު ކަމެއްނޫނެވެ. އެ ކާޑުގައި "ވަޑައިގެންނެވެން ނެތް ނަމަ އެންގެވުން އެދެމެވެ." މިހެން އޮތް ޖުމްލައިގެ ޖަވާބުގައި އޭނާ އަންގާނީ ކީކޭ ހެއްޔެވެ؟ ދަޢުވަތު ދިނީތީ ޝުކުރު އަދާ ކޮށްފައި، ފިރިމީހާ ވީ މީހަކު މަރައިލުމުގެ ކުށުގައި ޖަލަށް ލައިފައޭ، އަނބިމީހާގެ ކިބައިގައި ދާނެ ހިތްވަރެއް ނެތޭ އަންގަންވީ ހެއްޔެވެ؟
އެ މީހުން އޭނާ އަށް ދަޢުވަތު ދިނީ ކީއްވެގެން ހެއްޔެވެ؟ ނަޞީރުގެ ވާހަކަ އެ މީހުންގެ ހިތުން ފޮހެވުނީ ހެއްޔެވެ؟ ނުވަތަ ގަސްތުގައި އެނގި ތިބެ ކުރި ކަމެއް ހެއްޔެވެ؟ އެހެން މީހުންގެ ފާރުތަކުގައި ތޫނު ބޭސް އެޅުމަކީ ބައެއް މީހުންނަށް ލިބޭ އުފަލެކެވެ. ނަޞީރުގެ މައްސަލަ ފެށުނު ދުވަހުން ފެށިގެން އޭނާ ވަނީ ރައްޔިތު މުދަލަކަށް ވެފައެވެ. އޭނާއާ ދިމާއަށް ގައު ގަނޑެއް އެއްލައި ނުލާ މީހަކު، ތުން އަނބުރައި ނުލާ މީހަކު މަދެވެ. މި ހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ ނަޞީރަށެވެ.
މިހާރު އޭނާއަށް ލިބެމުންދާ އަދަބަކީ އޭނާ އަށް ޙައްޤު އަދަބެއް ނޫނޭ އަބަދުވެސް ފަރުޒާނާގެ ހިތަށް އަރައެވެ. އޭނާ އަކީ ޤަދަރުވެރި، މުދާވެރިއެއްގެ ދަރިއެކެވެ. އޭނާއާ ދޭތެރޭ މި ގޮތަށް ކަންތައް ވާން ވީ ކީއްވެގެން ހެއްޔެވެ؟ އޭނާ އަށް ލިބޭ ވޭނާއި، ކުރާ އަސަރެއްގެ ބޮޑު ކަމުން ނާރުތައް ބުރިބުރި ވެގެންދާ ކަމުގައިވެސް ބައެއް ފަހަރަށް އިޙްޞާސް ކުރެވެއެވެ. އެހެންނަމަވެސް ގިނަ ދުވަސް ވާ ވަރަކަށް އޭނާގެ ހިތްވަރުވެސް ދިޔައީ ގަދަ ވަމުންނެވެ. މޫނު މައްޗަށް އަރާ އެތި ފަހަރު ތަކަށް ކެތްކޮށް، އެއް ފަހަރާ ރޯށާއި، ހޭން އޭނާ ދަސް ކޮށްފިއެވެ.
އޭނާގެ ތުންފަތް ތުރުތުރު އެޅުން ހުއްޓިއްޖެއެވެ. ހަށިގަނޑުގެ އެތެރޭގައި ހިނގަމުން ދިޔަ ހައިޖާނު މައިތިރި ވެއްޖެއެވެ. އޭރު އަތުގައި އޮތް ކާޑު ވަނީ ބޮނޑި ވެފައެވެ. އޭނާ ކާޑު ވީދާލައިފައި އެއްލައިލިއެވެ. އަދި އިނގިލިން ކަށި ގޮއްވަން ފަށައިފިއެވެ. އެއީ ހާސްވުމުގެ ޢަލާމާތެވެ. ހައެއްކަ ގަޑިއިރު ފަހުން ހުރިހާ ހާސް ކަމެއް ފިލައި ދާނެކަން އޭނާ އަށް އެނގެއެވެ. ނިދާ ބޭހުގެ އެހީގައި، ހުވަފެނެއް ވެސް ނުފެންނަވަރަށް އޭނާ ނިދާނެއެވެ. އެއީ ވެސް ދެރަ ކަމެކެވެ. ނިދާފައިމެ ހުވަފެން ނުފެނުން އެއީ ކިހައި ބޮޑު އަނިޔާއެއް ހެއްޔެވެ؟ އެހެން ނަމަވެސް ދިރިއުޅުން، ބިރުވެރި ހުވަފެނަކަށް ވެފައިވާ މީހަކަށް، ނިދީގައި ފެންނަ ހުވަފެނާ މެދު ޝަވްޤު ވެރިވެވޭނީ ކިހިނެއް ހެއްޔެވެ؟
އޭނާއަށް އެނގެއެވެ. އިރުކޮޅަކުން ފޯނެއް އަންނާނެއެވެ. މަންމަ ބުނާނެއެވެ. "ތިޔަ ގޭގައި އެކަނި މާއެކަނި ކީއް ކުރަނީ؟ މި ގެއަށް އާދޭ- ބައްޕަވެސް އެބަ އުޅޭ-" ދެން އޭނާއަށް ޖެހޭނީ ދާށެވެ. ނުގޮސް ކުރާނީ ކީއް ހެއްޔެވެ؟ މި ގޭގެ ހަތަރު ފާރާއި، ފަރުނީޗަރާއި، ހިފައި ގެންގުޅޭ ތަކެއްޗަށް ދާންދެން ތިބެނީ ތަން މިނަށް އަނގަ ހުޅުވައިގެން އޭނާ ކާލަން ތައްޔާރަށެވެ. މި އެކަނިވެރި ކަމަށް އޭނާ ކެތްކުރަންވީ ކީއްކުރަން ހެއްޔެވެ؟ ކާކަށްޓަކައި ހެއްޔެވެ؟ ބޭވަފާތެރި އަކަށްޓަކައި ހެއްޔެވެ؟
"ފަރުޒާނާ- ނިކަން ވިސްނާލަބަލަ- ކަލެއަކީ ރީތި ކުއްޖެއް- ފައިސާވެރިއެއް- ބޭނުން ހުރިހާ އެއްޗެއް ލިބިފައި އެބަހުރި- ވޭތުވެދިޔަ ތަން ހަނދާން ނައްތާލާފައި، ރަނގަޅު ދިރިއުޅުމެއް ފެށުމަކީ އެންމެ ރަނގަޅު ގޮތް- ކަލެއަށް ވެގެން ތިޔައުޅެނީ ކީއް-؟" މިއީ މަންމަ އަބަދުވެސް ދައްކާ ވާހަކަ އެކެވެ. ނަޞީރަކީ ދަނބިދަރިއެއް ކަމަށް މަންމަ ފަހަރެއްގައިވެސް ޤަބޫލެއް ނުކުރެއެވެ. މަންމަ އަބަދުވެސް ގަޔާވަނީ އިޤްބާލާއެވެ. މިހާރު ނަޞީރަކީ މާޒީގެ ވާހަކަ އަކަށްވެސް ވީއެވެ. ފެނަށް އަޅާލި ތެލެކޭ އެއްފަދަ އިންނެވެ. ތެލާއި ފެން އެކުވާނީ ކޮންފަދައަކުން ހެއްޔެވެ؟
އެހެންނަމަވެސް ބައްޕަ ތަފާތެވެ. އޭނާ ފެނުމުން ބައްޕަގެ މޫނުމައްޗަށް ހިތާމައިގެ އަސަރު ވެރިވެގެން ދެއެވެ. އެއްފަހަރަކު އޭނާ އެކަނި ވީވަގުތު ބަލާފައި އޭނާއަށް ވިސްނައި ދޭންވެސް ބައްޕަ މަސައްކަތް ކުރިއެވެ. "ފަރުޒާނާ ދަރިފުޅާ- އޭނާ ދަރިފުޅު ދެކެ ލޯބިވޭ- ކޯޓުގައި އޭނާ ދަރިފުޅާއި ދިމާއަށް ބަލަންހުރި ގޮތުން އެކަން އެނގޭ-"
"އެ ވާހަކަ ދެއްކުމަކީ އެހައި މުހިއްމު ކަމެއްތޯ-؟" އޭނާއަކަށް ކެތެއް ނުކުރެވުނެވެ.
"ދަރިފުޅާ- ފިރިހެނުންނަކީ ތަފާތު ބައެއް- އޭނާގެ މައްސަލާތައް ބައްޕައަށް އެގޭ- ބައްޕަ ދަރިފުޅުގެ މަންމައާއި އިނދެގެން އިހައް އުޅެން ޖެހުނީ ދަތި ހާލުގައި- ދަރިފުޅުގެ މަންމައަކީ މިޒަމާނުގެ މިކިޔާ މޮޑަން ބާވަތުގެ އަންހެނެއް- ބައްޕައަކީ... އާނ... ގޭތެރޭގައި އެއްވެސް ކަހަލަ ހަމަޖެހުމެއް ނޯވޭ- މަންމަ ހޯދަން ވެއްޖެއްޔާ ބައްޕަ ދުއްވައި ގަންނަން ޖެހެނީ ގެއިން ބޭރަށް- މަންމައަށްޓަކައި، ބައްޕަ އެހެން އަންހެނަކު ދޫކޮށްލިން- ޙާލަތު މިހެން މެދުވެރިވީމާ ބައްޕަ އޭނާއާ ބައްދަލު ކުރަން ފެށީ- ދުވަސްކޮޅެއް ފަހުން އޭނާވެސް މީހަކާ އިނދެފި- ބައްޕަ ދަރިފުޅަށް މިވާހަކަތައް މިކިޔައިދެނީ..."
"ތިޔައީ ހައްތަހާވެސް އަމިއްލަ އެދުމުގެ ވާހަކަ- ހުތުރު މުޑުދާރު ކަންތައްތައް- ހުރިހާ ފިރިހެނުންގެ ވެސް ގޮތް- އެހެންނަމަވެސް ބައްޕަ އަމިއްލަ ނަފްސަށް ބާރު ފޯރުއްވީމެއް ނޫންތޯ-؟"
"އަހަރެންގެ ދަރިފުޅާ- ތިޔައީ ބުނާ ހިތްވާ ގޮތް ކަމަށް ވިޔަސް ޙަޤީޤަތެއް ނޫން- ޙަޤީޤަތުގައި ބައްޕައަށް އެއްވެސް ކަހަލަ ފުރުޞަތެއް ނުލިބެނީ- މަންމަގެ ބާރު ބައްޕަގެ މައްޗަށް ހިންގާފައި އޮތީ މާބޮޑަށް- އޭނާ ބައްޕައަކަށް އެއްވެސް ކަހަލަ ދަނޑިވަޅެއް ނުދޭ-"
"ތިޔައިގެ މާނައަކީ ފިރިހެނުން ވަފާތެރިކަންމަތީ ދެމެހެއްޓުމަށްޓަކައި އަންހެނުންނަށް ރެޔާއި، ދުވާލު ފާރައަށް ތިބެންޖެހުންތޯ-؟ ފަހަތުން ބޯކޮޅުބަލަމުން ދުވުންތޯ-؟" ފަރުޒާނާ ހިސާބަކަށް ހަރުކަށި ވެލިއެވެ.
"ދުނިޔޭގެ ކޮންމެ ޢިލްމުވެރިޔަކާ ސުވާލު ކުރިޔަސް، ކޮންމެ ފޮތެއް ބެލިޔަސް ފެންނަނީ އެއް ޙަޤީޤަތެއް- ލޯބީގެ ކަންތަކުގައި ފިރިހެނުން ތެދުވެރިއެއް ނުވާނެ- އަބަދުވެސް މަދުވެގެން ދެއަތަކަށް ހޭރިޔާ ކުރާނެ-" ބައްޕަގެ ވާހަކަތަކުގެ ސަބަބުން ފަރުޒާނާ ޙައިރާން ވިއެވެ. ބަފަޔަކާއި ދަރިޔަކާ ދެމެދު މިހައި މިނިވަން ގޮތަކަށް ދުވަހަކުވެސް ވާހަކައެއް ދެކެވިފައިވާނެ ބާވައޭ އޭނާގެ ހިތަށް އެރިއެވެ. "ބައްޕަ މި ދެއްކި ވާހަކަތައް ދަރިފުޅު ހަނދާން ނައްތައިލާ-" ބައްޕަ ކުއްލިއަކަށް ރާގު ބަދަލު ކޮށްލައިފައި ބުންޏެވެ.
"އެކަމާ ފިކުރު ނުކުރައްވާ- ބައްޕަ ނުބުނުއްވަނީސް އަޅުގަނޑު ހަނދާން ނައްތައިލައިފިން-" ފަރުޒާނާ ބުންޏެވެ. އެހެން ނަމަވެސް މަންމަ އޭނާއަށް އުނދަގޫ ކުރާ ކޮންމެ ފަހަރަކު، މަންމަ ކުރިމަތިލާން ޖެހުނު ދަތިތައް އޭނާ އަށް އިޙްސާސް ކުރެވޭނެއެވެ. އޭނާއަށް އެއްވެސް ކަމެއް ނުފެންނަ ޙާލުގައެވެ.
* * *
ނަޖްމާ މަލިކު ކާރު ދުއްވަމުން ދިޔައީ މަޑުމަޑުންނެވެ. އޭނާގެ ލޮލުގައި ވަނީ ކަރުނައެވެ. އެއީ ތިމާގެ އެއްވެސް ބާރެއް ނެތް ކަމުގެ އިޙްސާސް ކުރެވުމުން ފައިބާ ކަރުނައެވެ. އޭނާގެ ހިތަށް އަރައެވެ. "އަހަންނަށް މި ލިބެމުންދާ އަދަބަކީ ކޮންފަދަ ކުށެއް ކުރެވުނީތީ ލިބޭ އަދަބެއްބާވައެވެ؟ އަހަރެން އަބަދުވެސް ވިސްނަނީ ފަރުޒާނާއާއި ޔޫސުފްގެ ހެވަށެވެ. ވޭތު ކޮށްފައި ވަނީ ތާހިރު، ރަނގަޅު އުޅުމެކެވެ. އެކަމަކުވެސް... ކީއްވެގެންހެއްޔެވެ..؟ ކީއްވެގެންހެއްޔެވެ؟
ފަރުޒާނާ ދެއްކި ވާހަކަ އޭނާ ހަނދާން ވާން ފަށައިފިއެވެ. މިހާރު އޭނާ ރުޅިއަންނަނީ އެ ތަނަށް ދެވުނީތީއެވެ. އޭނާ ދިޔައީ ހިތާމައިން ހަލާކު ވަމުންދާ އޭނާގެ ދަރިފުޅަށްޓަކައެވެ. އޭނާ ބޭނުންވީ ފަރުޒާނާ ކްލަބަށް ގެންދާށެވެ.
"އަޅުގަނޑު ކްލަބަށް ދާންވީ ކީއްކުރަންތޯ-؟" ފަރުޒާނާ ހިސާބަކަށް ނުރުހުން ވެފައި އަހައިލިއެވެ.
"ނިކަން ވިސްނާލަބަލަ- ބޭރުގެ މަންޒަރުތައް ބަލައިލާން ނުކުމޭ- އިޤްބާލް އަޙުމަދު އެހެރީ ކަލޭގެ އެންމެ އިޝާރާތެއްގެ އިންތިޒާރުގައި-"
"މަންމާ- އަޅުގަނޑު ޙައިރާންވެއްޖައިން- އަމިއްލަކަމަކާއި ދިމާވުމުން ރިވެތި އަޚްލާޤާއި، އަބުރުވެރި ހަމަތައް އެއްވެސް އެއްޗަކަށް ނުވަނީތޯ-؟ ނަޞީރުގެ ގޮތެއް ފޮތެއް ނެތްވާހަކަ ވެސް ދެއްކެވީ މަންމަ- އެހެންނަމަވެސް މިހާރު..."
"ފަރުޒާނާ ތިޔަގޮތަށް އަހަންނާ ވާހަކަ ނުދައްކާ- އަހަރެން މިދައްކަނީ ޙަޤީޤަތައް ފުރަގަސް ނުދިނުމުގެ ވާހަކަ- ކޮތަރުގެ އުޞޫލަކީ އަހަރެން ރުހޭ އުޞޫލެއް ނޫން- ބުޅާފެނުމާއި އެކު ލޯ މަރާލުމަކީ ފިނޑިންގެ ގޮތް-"
ފަރުޒާނާ ހިނިތުން ވެލައިފައި ބުންޏެވެ. "މަންމާ- ވާހަކައެއް ނަންގަންނަންތޯ-؟ އަޅުގަނޑު ނަޞީރާއި ބައްދަލު ކުރަން ހުއްދަ ހޯދައިފިން- އަޅުގަނޑު މިއުޅެނީ އޭނާއާއި ބައްދަލު ކުރަން ދާން-"
ނަޖްމާ ދިޔައީ ސިއްސައިގެންނެވެ. ބަލަން އިންގޮތުން އޭނާއަށް ދަރިފުޅުގެ ވާހަކަ ޤަބޫލު ނުކުރެވޭކަން އެނގެއެވެ. "މޮޔަވީތަ-؟ އޭނާގެ ގޮތްކުޑަ..."
(ނުނިމޭ)
mives dhen meehun kiyaa vahtharuge vaahaka tha haadha varakashey haasaru dhamaafa bas koshaaru dhen too much over vefa dhoa mihiry bas koshaaru furihama kuraashoa kiyaafa...a very lame story
Gaimu mashas varah reethi.nudhannatha emmen ge taste eggoiy noonkan.basdhanna meehaku mikahala liyumakah thikahala faadeh nukiyaane