ދީން ހިމާޔަތް ކުރުމުގެ އަޒުމް އާކުރުމަށް ރައީސް އިލްތިމާސް ކުރައްވައިފި

މި ފެށޭ ހިޖުރީ އާ އަހަރާއެކީ، މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކޮށް ކުރިއެރުވުމަށް އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާގެ މަތިން ހަނދާންކޮށް، އެ ޒިންމާ ފުރިހަމައަށް އަދާކުރުމުގެ ޢަޒުމް އާ ކުރެއްވުމަށް ރައީސް ޔާމީން އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިތާބުގައެވެ.

އެ ޚިތާބުގައި ރައީސް ވިދާޅުވެފައިވަނީ ހިޖުރައިގެ މަތިވެރި ހާދިސާއަކީ، މި އުންމަތުގެ މާތް ނަބިއްޔާ ކީރިތި ރަސޫލާ މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި  އަދި ތާރީޚީ ހިޖުރައިގެ ޙާދިސާ، މުސްލިމުންގެ ހިތްތަކުގައި އާވެ އާލާވަމުންދާ މުނާސަބަތު ކަމަށެވެ. އަދި، ހިޖުރައިގެ ޙާދިސާއަކީ، އިސްލާމީ މަތިވެރި ޖިހާދެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ  ޚިތާބުގައި، ދިވެހިންގެ ތެރޭގައި ޚިޔާލާއި ފިކުރުގެ ގޮތުން ތަފާތުވީ ނަމަވެސް، ދިވެހިންގެ މެދުގައި އޮންނަ އެއްބަނޑުއެއްބަފާކަމާއި އުޚުއްވަތްތެރިކަމުގެ ގުޅުންތަކަށް އެއްވެސް ހީނަރުކަމެއް އައުމުގެ ފުރުޞަތު ދީގެން ނުވާނެކަމުގައި ވިދާޅުވެފައިވެއެވެ.

ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި  ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި،  އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އުޚުތުންނަށާއި އަޚުންނަށްވެސް  ރައީސުލްޖުމްހޫރިއްޔާ ވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.