"ގައުމުގެ މިހާރުގެ ވެރިޔަކީ މައުމޫނެއް ނޫން." – ޙާލާ ޙަމީދު

ގައުމުގެ މިހާރުގެ ވެރިޔަކީ އެމަނިކުފާނު ނޫން ކަމަށް ގަބޫލު ކުރައްވައި ޔާމީނަށް ވެރިކަން ކުރެއްވިޔަ ދެއްވުމަކީ ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމް ކުރައްވާން ޖެހޭ ކަމެއް ކަމަށް ޖެނީވާގައި ހުންނަވާ ދިވެހި ދައުލަތުގެ ސަފީރު ޑޮކްޓަރ ޙާލާ ޙަމީދު ވިދާޅު ވެއްޖެއެވެ. ޑޮކްޓަރ ޙާލާ އަކީ ރައީސް މައުމޫނާއި ރައީސުލްޖުމްހޫރިއްޔާ ޔާމީނަށް ބޮޑު ބޭބެ ވިދާޅުވާ ބޭފުޅެކެވެ. ހެންވޭރު މީނާޒް ޢަބްދުﷲ ޙަމީދުގެ ދަރިކަނބަލެކެވެ.

ފޭސްބުކްގައި ލިޔުއްވި ކުރު ލިޔުންކޮޅެއްގައި ޙާލާ ވިދާޅު ވެފައި ވަނީ ޒުވާން ބޭފުޅުންނަށް ފުރުސަތު ދެއްވުމަށް ކަމަށް ވިދާޅުވެ އެ ކަމަނާގެ ބައްޕާފުޅު ޢަބްދުﷲ ޙަމީދު ވަޒީރުކަމުން ވަކި ކުރެއްވި ގޮތަށް ޒުވާން ރައީސްކަށް ފުރުސަތު ދެއްވާފައި މައުމޫނު އެއްފަރާތްވެ ވަޑައިގަތުމަކީ މިހާރު ކުރައްވާން ޖެހިވަޑައިގެންފައިވާ ކަމެއް ކަމުގައެވެ.  ޙާލާ ލިޔުއްވާފައިވާ ގޮތުގައި 2005 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޢަބްދުﷲ ޙަމީދު ވަކި ކުރެއްވީމާ އެ މަނިކުފާނު އެކަމާ ނުރުހުންވެ ވަޑައިގެން ބަސްފުޅަކުންވެސް އަދި ޢަމަލުފުޅަކުންވެސް ރައްދެއް ނުދެއްވައެވެ. މަޑުމައިތިރިކަމާއެކު އެކަން ގަބޫލުފުޅު ކުރެއްވީއެވެ.

ޙާލާ ވިދާޅުވާ ގޮތުގައި މިހާރު ރައީސް މައުމޫނު ކުރައްވާ މަސައްކަތްޕުޅަކީ އެއްގޮތަކަށްވެސް ރައްޔިތުންގެ ހައްގުގައި ކުރައްވާ މަސައްކަތްޕުޅެއް ނޫނެވެ. އެއީ އެ މަނިކުފާނުގެ ބޭފުޅުންނަށްޓަކައްޔާއި، ޚުދު އެމަނިކުފާނު ބޭނުންފުޅުވާ ބާރު ހޯއްދެވުމަށްޓަކައި ކުރައްވާ މަސައްކަތް ޕުޅެކެވެ. ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންނަށްވެސް ރައީސް ޔާމީން ސަރުކާރުގެ މަތީ މަގާމުތައް ދެއްވި ކަމަށާއި، ފުރުސަތުގެ ބޭނުންފުޅު ނުކުރެއްވުނީ އެފަދަ ވިސްނުންފުޅެއް އެ ބޭފުޅުން ނުގެންގުޅުއްވާތީ ކަމަށް ޙާލާ ވަނީ ތުހުމަތު ކުރައްވައިފައެވެ.

ހާލާގެ މި ވާހަކަފުޅަށް އެ ކަމަނާގެ ކޮއްކޯފުޅު މައުމޫން ޙަމީދު ވަނީ ރައްދު ދެއްވައިފައެވެ. މައުމޫނު ޓްވިޓަރ ގައި ދެއްވި ރައްދުގައި ވިދާޅުވެފައި ވަނީ ޙާލާ ހައްދަވައިފައި ވަނީ އިތުރުފުޅެއް ކަމުގައެވެ. އަދި ބައްޕާފުޅެކޭ އެއްފަދައިން އަބަދުވެސް ރައީސް މައުމޫނުގެ ފަހަތްޕުޅުގައި ސާބިތުވެވަޑައިގެން ހުންނަވާނޭ ކަމުގައެވެ.

މައުމޫނު ޙަމީދަކީ ރައީސް ޔާމީންގެ ފަރާތްޕުޅުން ޕްރޮސެކިއުޓަރ ޖެނެރަލަކަށް ޢައްޔަން ކުރައްވާން ރައްޔިތުންގެ މަޖިލީހަށް ނަންފުޅު ފޮނުއްވައިފައި ފަހުން އެ ނަންފުޅު އަނބުރައި ގެންނެވި ބޭފުޅެކެވެ. އޭގެ ފަހުން މައުމޫން ގެންދަވަނީ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅު ވަމުންނެވެ.

ޢަބްދުﷲ ޙަމީދުގެ ދޮށީ ދަރިކަލުން ޙަމްދޫން ޙަމީދަކީ ރައީސް މައުމޫނު ޕީޕީއެމް އިސްލާހު ކުރައްވާން ނެންގެވި މަޝްވަރާ ކޮމިޓީގައި ހިމެނުއްވި ބޭފުޅެކެވެ. އެކަމަކު އެންމެ ފުރަތަމަ ބައްދަލު ވުމަށް ފަހު ޙަމްދޫން އެއްވެސް ކަމެއްގައި ނުވަތަ މަޝްވަރާއެއްގައި ބައިވެރިވެ ވަޑައިގަތް ތަނެއް ނުފެނެެއެވެ. ޙަމްދޫނަކީ މިހާރު ސިންގަޕޫރަށް ސަރުކާރުން ކަނޑައަޅުއްވައިފައިވާ ނޮން ރެސިޑެންޓެ ރެޕްރެޒެންޓެޓިވެވެ.

ޢަބްދުﷲ ޙަމީދުގެ އެހެން ބޭފުޅެއް ކަމުގައިވާ ޝަމްޢޫން ޙަމީދަކީ ހިއުމަން ރައިޓްސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލެވެ. އޭނާ މަގާމުން ވަކު ކުރާން އެ ކޮމިޝަނުން މިހާރު ވަނީ ނޯޓިސް އަރުވައިފައެވެ. އެއީ އެ ކޮމިޝަންގެ ގަވާޢިދަށް ގެނެވުނު ބަދަލަކާ ގުޅުގެން ކުރާ ކަމެއް ކަމަށް ވަނީ ޚަބަރު ފެތުރިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.