ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ބައްދަލުވުމަށް ހުރަސްއަޅާފައެއް ނުވާނެ: ކޮމިޝަނަރ އޮފް ޕްރިޒަންސް

ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޤާނޫނީ ވަކީލުންގެ ބައްދަލުވުމަށް ހުރަސްއަޅާފައި ނުވާނެކަމަށް  ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އަޙްމަދު ވިދާޅުވެއްޖެއެވެ.

ޓވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އަޙްމަދު ވިދާޅުވީ އެންމެ ފަހުން ބޭއްވި ރައީސް ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުމުގައި ނިންމައިފައވާ ގޮތަށް، ރައީސް ޔާމީންގެ ވަކީލުންގެ ބައްދަލުވުން ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ހަމަޖެހޭނެ ކަމަށް ކަރެކްޝަނަލް ސާރވިސްގެ އިސްނެންގެވުމުގެ މަތީން ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ވަކީލުންނަށް ވެސް ސިޓީއަކުން އަންގަވައިފައި ވާނެކަމަށެވެ. ނަމަވެސް ވަކީލުން މަސައްކަތް ކުރައްވައިފައި ވަނީ ކަނޑައެޅިފައިވާ އުޞޫލުތަކުން ނޫން ކަމަށް ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ. އުޞޫލާ އެއް ގޮތަށް ޢަމަލު ނުކުރައްވައި ވަކީލުންނާ ބައްދަލުކުރުމަށް ކަރެކްޝަނަލް ސާރވިސް ހުރަސް އަޅާކަމަށް ބުނެ ރައީސް ޔާމީންގެ ޤާނޫނީ ވަކީލުން ނެރުއްވި ބަޔާން، ޕްރިޒަންސް ކޮމިޝަނަރ ވަނީ ކުށްވެރި ކުރައްވައިފައެވެ. ވަކީލުންގެ ބައްދަލުވުމަށް މިޙާލަތުގައި އެދެން ޖެހެނީ އީމެއިލްގެ ޒަރީއާއިންކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެކި ފަހަރު ކުރެވިފައިވާ މުޢާމަލާތުތަކުން އެކަމަށް އެދެންވީގޮތް ވަރަށް ސާފުކޮށް ދަންނަވައިފައިވާނެކަމަށް ވެސް ވިދާޅުވިއެވެ. ވަކީލުންގެ ބައްދަލުވުމަށް އެދޭ ފޯމު މާލޭ ޖަލަށް ހުށަހަޅަން ވަޑައިގެންނެވި ވަކީލުންނަށްވެސް އެވާހަކަ ދަންނަވައިފައިވާނެކަމަށް މުޙައްމަދު އަޙްމަދު ވިދާޅުވިއެވެ.  

"މާލެޖަލަށް ވަޑައިގެން ފޯމް ހަވާލު ކުރަން އުޅުއްވީމާވެސް މިކަމުގައި ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު ދެވިފައިވާނެ، އެހެންނަމަވެސް އެގޮތާ ޚިލާފަށް އެކަން ނުކުރައްވަވައި އެނުރުއްވު ބަޔާން އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރި ވެސްކުރަން. އަޅުގަނޑުމެވެސް އެއްވެސް ޙާލަތެއްގައި އެމަނިކުފާނާ ލޯޔަރު ބައްދަލުވުމަށް ހުރަސް އެޅުމަށް ނުވަތަ އެކަން ހަނިކުރާކަށް އެއްވެސް އިރެއްގައި އުޅެފައެއް ނޯންނާނެ."  މުޙައްމަދު އަޙްމަދު ވިދާޅުވިއެވެ.  

ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ނޫސްބަޔާނުގައި ބުނެފައިވަނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުޞަތު ލިބޭނެކަމަށް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވެފައި ވީނަމަވެސް ވަކީލު ބައްދަލުވުމަށް އެދޭ ފޯމު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާލޭ ޖަލަށް ހުށަހަޅަން ދިއުމުން ރައީސް ޔާމީންއާ ސީދާކޮށް ގާތުން ބައްދަލުކުރުމުގެ ފުރުޞަތެއް ނުލިބޭނެ ކަމަށް އަންގައި ވަކީލު ބައްދަލުވުން ހަމަޖައްސައިދީފައި ނުވާކަމަށެވެ. އަދި ވަކީލު ބައްދަލުވުން ހަމަޖައްސައިދިނުމަށް އިންކާރުކޮށް ފޯމު ވެސް ބަލައިގަނެފައި ނުވާކަމަށެވެ. އެހެންކަމުން ހައިކޯޓުގެ އެންގުމާ އެއްގޮތަށް ރައީސް ޔާމީނާ ސީދާކޮށް ގާތުން ބައްދަލުކުރެވޭނޭ އިންތިޒާމް ހަމަޖައްސައި ނުދެއްވައި، ޤާނޫނުއަސާސީން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤަށް ހުރަސް ނުއެޅުއްވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އިލްތިމާސްކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.