އަޅުގަނޑުގެ ވެރިކަމުގައި މެންޓަލް ހެލްތު ސެންޓަރެއް ގާއިމް ކުރާނަން: އިބޫ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގެ ވެރިކަމުގައި ރާއްޖޭގައި މެންޓަލް ހެލްތު ސެންޓަރެއް ގާއިމް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެއެވެ.

އިބޫ ވިދާޅުވީ އެފަދަ ސެންޓަރެއް އުފައްދައި އެތަނުންދޭ ޚިދުމަތް އާސަންދައިގެ ތެރެއިން ހަމަޖައްސަވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގައި މެޑިކަލް ނެގްލިޖެންސް (މެޑިކަލް ދާއިރާގެ އިހުމާލު) އަދި މެންޓަލް ހެލްތު ފްރޭމްވޯކެއް އެކުލަވައިލައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރަށް ރާއްޖޭގެ 4 ސަރަހައްދެއްގައި ފެންވަރު ރަނގަޅު ޚިދުމަތް ލިބިވަޑައިގަންވާނެ 4 ހޮސްޕިޓަލް އަޅުއްވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެ ސަރަހައްދުތަކަކީ ކޮބައިކަމެއް އެމަނިކުފާނު މިރޭ ވިދާޅެއް ނުވެއެވެ.

އިބޫ ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން ހެލްތުވޯކަރުންނަކީ ވަރަށް މުހިންމު މަސައްކަތް ކުރައްވާ ބައެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެން ކަމުން އެމަނިކުފާނުގެ ވެރިކަމުގައި ހެލްތު ވޯކަރުންނާއި ނަރުހުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރަށް ނެޝަނަލް އެމްބިޔުލާންސް ޚިދުމަތް ތަޢާރަފްކޮށް ޕެރަމެޑިކް އަވަސް ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިފަދަ އެތައް ކަމެއް ތައާރަފްކޮށް ސިއްހީ ދާއިރާއަށް ގެންނަންޖެހޭ ހެޔޮބަދަލުތައް ގެންވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.