އެންމެންގެ ގައުމެއް ކަމުގެ އިހުސާސް ކުރެވޭ ރާއްޖެއެއް ހޯދައިދޭނަން: އިބޫ

އާދީއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެރިކަމަށް އިންތިޚާބު ކުރައްވައިފިނަމަ އެންމެންގެ ގައުމެއްގެ ގޮތުގައި އިހުސާސް ކުރެވޭ ރާއްޖެއެއް އެންމެހާ ދިވެހި ރައްޔިތުންނަށް ހޯއްދަވައި ދެއްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އިންތިޒާމް ކޮށްގެން އައްޑޫސިޓީ ހިތަދޫ ބަނދަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިބޫ ވިދާޅުވީ ރާއްޖޭ ރައްޔިތުން އެދެނީ ބަދަލަކަށް ކަމަށާއި ރައްޔިތުންތިބީ އެބަދަލު ގެންނަން ތައްޔާރަށް ކަމަށެވެ. މިއަންނަ އާދީއްތަ ދުވަހަކީ އެދުވަސް ކަމަށްވެސް ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ މުޅިރާއްޖޭގެ ރައްޔިތުންގެ ތާއީދާއި މިއަތޮޅު ތައީދާއި އެކު ރައްޔިތުން ބޭނުންވާ ބަދަލު ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން އެދުވަހު ފަށާނަން. އައްޑޫ ރައްޔިތުންނަކީ އައްޑުއާއި މުޅިރާއްޖޭގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރާބައެއް. އައްޑޫ ރައްޔިތުންގެ ކާބަފައިންވެސް ވަނީ އެ މަސައްކަތް ކޮށްފައި. އެކަންކަމުގައި މިއަދު ބައިވެރި ވެވޭތީ އުފާކުރަން،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ރާއްޖޭގައި މީހުންދިރިއުޅޭ ހުރިހާ ރަށަކަށް އެމަނިކުފާނާއި ރަނިންމޭޓް ފައިސަލް ނަސީމް މިހާރު ދަތުރު ކުރައްވައިފި ކަމަށެވެ. އެމަނިކުފާނަށް އެކަނިވެސް 153 ރަށަށް ދަޔުރު ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެރަށްރަށުގެ ރައްޔިތުންގެ ވެސް ކަންބޮޑުވުމަކީ އެއްކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ރައްޔިތުން ކަންބޮޑުވާ ކަމަކީ އަދުލާއި އިންސާފު މިރާއްޖޭގައި ނެތުމުން. އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ނުލިބޭ ވާހަކަ. ވަޒީފާގެ ބިރުވެރިކަން އޮތްވާހަކަ. އެއް ވަޒީގައި އުޅެމުން ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ނުޖެއްސޭކަމުގެ ވާހަކަ. މިއީ މިއަދު ގަބޫލުކޮށްގެން ތިބެވޭނެ ކަންކަމެއް ނޫން. އެންމެން އެކުގައި ނުކުތީ މިކަންކަމަށް ހައްލު ހޯދައިދޭން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަކުވެސް ބާކީއެއް ނުކުރާނަން. އެންމެންގެ ގައުމެއްގެ ގޮތުގައި އިހުސާސް ކުރެވޭ ރާއްޖެއެއް ތިޔަ ބޭފުޅުންނަށް ހޯދައިދޭނަން،" އިބޫ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ ކޮންމެ އާއިލާއެއްގެ ކޮންމެ ޖިންސެއްގެ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ހަމަހަމަކޮށް ހިތާނެ މުޖުތަމައެއް ބިނާކުރައްވާނެ ކަމަށެވެ.

އެބޭފުޅުން ކުރައްވަމުން ގެންދެވި ކެމްޕޭން ދަތުރުތައް އައްޑުއަށް ނިންމާލަނީ ވަރަށް ފޮނި އުންމީދުތަކާއެކުގައި ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. އޭގެ ތެރޭގައި ރާއްޖެއަށް ކުރިމަތިވެފައިވާ ބިރުވެރިކަމާއި ނާމާންކަމުން މިންޖު ކުރުމުގެ އުންމީދާއި، ފަންޑުފޮށި ބަހައްޓައިގެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ސަލާން ޖެހުންނައްތާލުމުގެ އުންމީދާއި، ދަރިފުޅުގެ ޒުވާން އުމުރު ޖަލުގައި ހޭދަނުކުރާނެ ދުވަހެއްގެ އުންމީދާއި، ހިތްފަސޭހަ ދިރިއުޅުމެއް ލިބޭނެ ކަމުގެ އުންމީދާއި ފަޚުރުވެރި އާއިލާއެއް ބިނާކުރެވޭނެ ކަމުގެ އުންމީދާއި، ހިންދެމިލެވޭނެ ދުވަހެއްގެވެސް އުންމީދު ހިމޭނެ ކަމަށެވެ.

"އަޅުގަނޑުގެ ވެރިކަމުގައި ޕާޓީއަށް ސޮއިނުކުރިޔަސް ވަޒީފާ ވިޔަސް ލޯނު ވިޔަސް ކޮންޓްރެކްޓް ވިޔަސް ކޮންމެ ބޭފުޅަކަށް ވެސް ހަމަހަމަކޮށް ލިބޭނެ. ރީތިވާ ކުލައެއްގެ ސަބަބުން އެކަކުވެސް ބާކީއެއް ނުވާނެ. ތާއިދުކުރާ ފިކުރެއްގެ ސަބަބުން ދޮގު އިލްޒާމް އަޅުވައި ނަހަމަ ޝަރީއަތެއް މެދުވެރިކޮށް ޖަލަށް ނުލެވޭނެ. ރަޖިސްޓްރީވެފައިވާ ޕާޓީއެއްގެ ސަބަބުން އާސަންދަ ނުލިބިގެން ނުވަތަ ފުލެޓް ނުލިބިގެން އާދޭހުގެ ސިޓީ ހިފައިގެން އެކަކު ގާތުން އަނެކަކުގެ ގާތަށް ހިނގާކަށް ނުޖެހޭނެ. އަޅުގަނޑުމެންގެ ނޯންނާނެ މިނިސްޓަރު ލިސްޓެއް،" އިބޫ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ޖަވާބު ނުލިބޭ އެތައްކަމެއް މިއަދުވެސް ރާއްޖޭގައި އެބަހުރި ކަމަށެވެ. އޭގެތެރޭގައި ރިޟްވާން ގެއްލި ޔާމީން ރަޝީދު މަރާލި މައްސަލަ ހިމެނޭކަމަށް ވިދާޅުވިއެވެ. އިބޫ ވިދާޅުވީ ރާއްޖެވަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

"ފިތްކަނޑައިގެންދާހާ ވައްކަމާއި ޚިޔާނާތް ފަތުރައިފި. ރައްޔިތުންގެ މަޖިލީސް އިސާރުކޮށްފި. ސްޕްރީމްކޯޓުގެ ފުރާޅުން ޓިނުނަގައި ފަނޑިޔާރުން ޖަލަށްލައިފި. ރަށްރަށާއި ފަޅުތަކާއި ފިނޮޅުތައް ވިއްކައި ހުސްކޮށްފި. އެމްއެމްއޭއަށް އެނގިތިބެ ކަޅުފައިސާ ދޮވެފި. ދަރިންގެ ދަރިންނަށް ނުދެއްކޭ ވަރަށް ގައުމު ދަރަނިވެރިކޮށްފި. ސިޔާސީ ވެރިންނާއި ޚިޔާލުތަފާތުވާ އެންމެން ޖަލަށް ލައިފި. ކަނޑުފަޅުން ހަތިޔާރުތައް ފެންނަން ފަށައިފި. ވިޔާނުދާ ސަރުކާރެއްގެ ސަބަބުން ދިވެހި ސަލާމާތީ ޚިދުމަތުގެ ހައިބަތާއި ގަދަރާއި އިތުބާރު މިވަނީ ލޮޅުން އަރައިފި،" އިބޫ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިރާދަކުރެއްވިއްޔާ ވޯޓުލާ ދުވަހުގެ ރޭގެ ހަނދު ރައްޔިތުންނާ ބައްދަލު ކުރާނީ އުފާވެރި ހިނިތުންވުމަކާއެކީ ކަމަށެވެ. އެއީ މުހައްރަމް 14 ވަނަދުވަހުގެ ރޭ ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން އެންމެންވެސް ހެނދުނު ހެނދުނާ ނުކުމެ ވޯޓު ދެއްވުމަށް އިބޫ ވިދާޅުވިއެވެ. މިހާރުވެސް އެމަނިކުފާނަށް އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެ ކަމަށާއި، އެއްލައްކަ ހަތްދިހަ ހާސް މީހުން އެމަނިކުފާނަށް ވޯޓު ކަށަވަރު ކޮށްދެއްވައިފައިވާ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.