ެއްކެވި ވާހަކައަކީ ފިތުނަޝައިޚް އިލްޔާސް ހުސައިން ހާމަކުރެއްވި މައުލޫމާތަކީ ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގުގައި އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވާ މައުލޫމާތެއް ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވީ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝައިޚް އިލްޔާސް ވިދާޅުވެފައިވަނީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައަށް ގިނަދުވަސް ވެގެން ދިޔައިރު ތަހުގީގު ނުކުރެވުނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައި ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ރަހުމެއްނެތް ގޮތުގައި 9 ޒުވާނަކު މަރާލުމުން އެމައްސަލަ ވެސް ތަހުގީގު ނުކުރެވި ވާކަމަށް އިލްޔާސް ވިދާޅުވި ކަމަށެވެ.
ޝިފާން ވިދާޅުވީ އަފްރާޝީމްގެ މަރުގެ މައްސަލައަކީ އެމެރިކާގެ ފެޑެރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަންގެ އެހީތެރިކަމާއި އޭރު ދިވެހިފުލުހުންގެ އިދާރާއިން ލިބެންހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ތަހުގީގުކޮށް ނިމިފައިވާ މައްސަލައެއް ކަމަށެވެ. އަދި އެމައްސަލަ ޕީޖީއަށް ވެސް ފޮނުވައި ކޯޓަށް ހުށަހަޅައި އެކި މީހުންނަށް ހުކުމްވެސް އިއްވާފައިވާ މައްސަލައެއް ކަމަށެވެ.
"ޝައިޚް އިލްޔާސް ހުސައިން މި ހާމަކުރެއްވި މައުލޫމާތަކީ ހަމަ ގައިމުވެސް މި މައްސަލައިގެ ތަހުގީގަށް އެއްވެސް ފަރާތަކުން ހިއްސާކޮށްފައިވާ މައުލޫމާތެއް ނޫން. އަދި މިހާތަނަށް ފުލުހުންގެ އިދާރާއާ ވެސް އެއްވެސް ފަރާތަކުން ހިއްސާ ކޮށްފައިވާ މައުލޫމާތެއް ނޫން. އަޅުގަނޑުމެންނަށް ސުވާލު އުފެދޭ މިހާގިނަ ދުވަސްވެގެންދިޔައިރު މިފަދަ ނުރައްކާތެރި ވާހަކައެއް ފުލުހުންނާއި ދައުލަތާ ކަމާގުޅޭ ހުރިހާ ފަރާތްތައް ފަޟީހަތްވެ ފިތުނަ އުފެއްދުމުގެ ނިޔަތުގައި މިވާހަކަ ދެއްކެވިއިރު މިހާ ގިނަދުވަސްވީއިރު ރަސްމީ ސިފައެއްގައި ނުވަތަ ނުރަސްމީ ސިފައެއްގައި ވިޔަސް ފުލުހުންނާ ހަމައަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަނޭޅުއްވީ ކީއްވެގެންތޯ،؟" ޝިފާން ވިދާޅުވިއެވެ.
މިފަދަ ދޮގު ވާހަކަތަކެއް ދެއްކުމުގެ ބޭނުމަކީ ފުލުހުންނާއި ދައުލަތާއި ރައްޔިތުންގެ މެދުގައި ފިތުނައާއި ބިރުވެރިކަން އުފައްދައި ރައްޔިތުންގެ ހިތުގައި ފުލުހުންނާމެދު އޮންނަ އިތުބާރު ނަގާލުން ކަމަށް ފުލުހުން ދެކޭ ކަމަށް ޝިފާން ވިދާޅުވިއެވެ.
"ކުރިއަށްއޮތީ ރިޔާސީ އިންތިޚާބު ދުވަސްވަރުކަމުން މިފަދަ ދުވަސްވަރެއްގައި ޝައިޚް އިލްޔާސް ހުސައިން އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލް ކުރުމުގެ ނިޔަތުގައި އަދި ކުރިއަށް މިއޮތް އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކުރެއްވި އަމަލެއް ނުވަތަ ދެއްކެވި ވާހަކައެއް ކަމަށް ފުލުހުން ގަބޫލުކުރަން،" ޝިފާން ވިދާޅުވިއެވެ.