މިއަހަރުގެ ޢީދު ބަންދާދިމާކޮށް އަތޮޅުތަކަށް ގިނަ ޢަދަދެއްގެ ބަޔަކު ދަތުރުކުރާނެތީ މާލެއިން ފުރާ ކަނޑުއުޅަނދު ފަހަރު ބަލައިފާސްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފުލުހުންގެ މެރިން ޕޮލިސް ޑިޕާޓްމަންޓުން އޮޕަރޭޝަނެއް ފަށައިފިއެވެ.
މި ސެޕްޓެމްބަރު މަހުގެ 4 ން 10 އަށް ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި މީރު ބަހުރު ބަނދަރުން ފުރާ ބޯޓު ފަހަރާއި ބަނދަރުގައި އަޅާފައިވާ ބޯޓުތަކުގެ އިތުރުން މާލެ އަދި ހުޅުމާލެ ފެރީ ޓާމިނަލް ސަރަޙައްދުން ފުރާ ފެރީތަކާއި ޓީޖެތީ ސަރަޙައްދުގައިވާ ކަނޑު އުޅަނދުފަހަރުތަކުގައި ސަލާމަތީގޮތުން ރައްކާތެރި އަދި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތީ ބަލަމުންދާނެއެވެ.
އެގޮތުން ބަރުމަރުކާ އާއި ޕަސެންޖަރުންގެ އަދަދާއި، ބޯޓުގައި ސަލާމަތީގޮތުން ހުންނަންޖެހޭ ހުރިހާ ވަސީލަތްތަކެއް ހަމައަށްހުރިތޯ އާއި އެއްވެސް އާލާތެއް ހަލާކުވެފައިވޭތޯ ބަލަމުންދާނެއެވެ.
އިއްޔެ ފުލުހުން ފެށި މި އޮޕަރޭޝަނުގައި ފާހަގަކުރެވޭ ކަންކަން ރަނގަޅުކުރުމަށް ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުންނަށް ނަސޭހަތްދީފައިވާއިރު މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވުމާއެކު ދަތުރު ކުރެއްވުމުގައި މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ރައްޔިތުންނާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމާއި ގުޅޭގޮތުން މަޢުލޫމާތުވެސް ދީފައިވެއެވެ.