މާލެއާއި ހުޅުލެއާ ދެމެދު އަޅައިފައިވާ ބްރިޖަކީ ދިވެހިންގެ މިލްކެއް އަދި ތަރިކައެއް ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއޮތޮޅާއި ނިލަންދެ އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އަރިއަތޮޅު އުތުރުބުރީ ތޮއްޑުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހިންނަށް އެކި ގޮތްތޮތުން ޚިދުމަތްކޮށްދެއްވުމަށް ކަމަށެވެ. އެގޮތުން ތައުލީމީ ދާއިރާއަށް މި ސަރުކާރުންދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވެރިކަންކުރި މުއްދަތާއި އަޅާބަލާއިރު ނިސްބަތުން މި ސަރުކާރަށްވުރެ ބޮޑަށް ތައުލީމީ ދާއިރާއަށް ޚިދުމަތްކުރެއްވި ސަރުކާރެއް ނޯންނާނެކަމަށެވެ. އަދި މި ސަރުކާރުގެ ހަރުދަނާ ސިޔާސަތުގެ ދަށުން އަތޮޅުތެރެއިން މާލެއަށް ކިޔަވަން އަންނަ ކުދިންގެ 95 އިންސައްތަ ކުދިން ކިޔަވަމުންދަނީ ސަރުކާރުގެ ދީލަތި އެހީގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ސަރުކާރުން ޒުވާނުންގެ ބޭނުންތައް ފުއްދައިދިނުމަށް ބަހައްޓަވާ އަހަންމިއްޔަތު ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ދިވެހި ޒުވާނުންނަކީ އެމީހުން ކުރާ ދާއިރާތަކުން އަބަދުވެސް މެދު އުޑުގައި ފިޔަޖަހާ ބަޔަކަށްވުމަށް ކަމުގައެވެ. އަދި ޒުވާނުންނަކީ ޤައުމުގެ ކުރިމަގު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ސަރުކާރުގައި ރައްޔިތުންނަށް ޚިދުމަތްކުރަންތިބި އެއްވެސް ވަޒީރެއްގެ ކޮރަޕްޝަންގެ މައްސަލައެއް ނޯންނާނެކަންވެސް ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުވަނީ އދ. ދަނގެއްޗަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި އެރަށުގެ ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. އަދި އެމަނިކުފާނުވަނީ އދ. މަހިބަދޫއަށް ވަޑައިގެން އެރަށުގެ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަކޮށްދެއްވާފައެވެ. މީގެއިތުރުން މިއަދު ރައީސުލްޖުމްހޫރިއްޔާ ވަނީ އއ. މަތިވެރިއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވައިފައެވެ.