ރ. ދުވާފަރަކީ ޕީޕީއެމްގެ މޭގަ ކަމަށާއި، އެރަށަކީ ޕީޕީއެމްގެ ތާހިރު ލޭ އެންމެ ރަނގަޅަށް ހިނގާ އެއްރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ އެރަށިގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދުވާފަރަކީ ޕީޕީއެމަށް ތާއިދު ކުރުމުގައި އެންމެ ކުރީގައި އުޅޭ އެއްރަށް ކަމަށެވެ.
ދުވާފަރަކީ ގައުމު ސަލާމަތް ކުރަން ކުރިން ވެސް ދަންޑަހެލުން އުފެއްދި ގޮތަށް މިހާރުވެސް ދަންޑަހެލުން އުފައްދާ ނަމޫނާ ރަށެއް ކަމަށް ވިދާޅުވެ އެރަށު ޕީޕީއެމްގެ ސަޕޯޓަރުންނަށް އެމަނިކުފާނު ވަރަށް ބޮޑަށް ތައުރީފް ކުރެއްވިއެވެ.
"ގައުމު ސަލާމަތްކުރާނެ ދަންޑަހެލުން ދުވާފަރުން އޭރުވެސް އުފެއްދި ފަދައިން މިހާރުވެސް މިއުފައްދަނީ އަޅުގަނޑުމެންގެ ޕާޓީގެ ދަންޑަހެލުން. އެހެންވީމާ ދުވާފަރުގައި މިހިރަ ފޯރިއާއި ޖޯޝަކީ ދެވަނަ ރަށަކުން އަޅުގަނޑުމެންނަށް ފެނިގެންދާނެ ފޯރިއާއި ޖޯޝެއްނޫން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް މިހާ ފާޅުކަންބޮޑު ގޮތެއްގައި ސާބިތުވެފައިއޮތް ދެވަނަ ރަށެއް އޮވެދާނެ ކަމަށް ހިތްޕުޅަށް ވެސް އަރައިވަޑައިނުގަންނަވާ ކަމަށެވެ. ޕީޕީއެމް އުފެއްދުމަށްޓަކައި އެންމެގިނަ ވަގުތު ޕާޓީގެ ފަރާތުން ހޭދަކޮށްފައިވަނީ ވެސް ދުވާފަރުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވީމާ ދުވާފަރަކީ އަބަދުވެސް ޕީޕީއެމަށް ވަރަށް ޚާއްސަ ރަށަކަށް ވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ދުވާފަރުގެ މަސްރަހު ބަދަލުވެއްޖެ ކަމަށް ދޭތެރޭދޭތެރެއިން އަޑުއިވޭ ކަމަށާއި އެއީ ވަރަށް ހިތަށް ތަދުވާކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެރަށަކީ އެހެން ރަށްރަށަށް ޕީޕީއެމްގެ ކުލަ ފާއްދައިދޭ ރަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް އުފެއްދީ އޭރުއޮތް އަނިޔާވެރި ސަރުކާރުގެ ކިބައިން ރައްޔިތުން ސަލާމަތް ކުރަން ކަމަށެވެ. އެހެންނަމަވެސް އެކަމުގައި އޭރު އެންމެ ބޮޑަށް ލަފައާއި އިރުޝާދު ދެއްވި ރައީސް މައުމޫން މިހާރު އެފަދަ ބައެއްގެ ފަހަތަށް އެރުއްވީ ކީއްވެތޯ ރައީސް ވަނީ ސުވާލު އުފައްދަވައިފައެވެ.
އޭރުއޮތް ރައީސް ނަޝީދު ސަރުކާރަކީ ރާއްޖޭގައި ފައްޅި އެޅިދާނެތޯ އިސްލާމިކް މިނިސްޓަރަށް ސިޓީ ފޮނުވި ސަރުކާރެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.