ސިނަމާލެ ބުރިޖާއެކު އާ ފަތިހަކަށް ވަނީ އަލިވިލިފައި: ރައީސް

ސިނަމާލެ ބުރިޖު ހުޅުވިގެން ދިޔުމަކީ ދިވެހިންގެ ހުވަފެންތައް ހަޤީގަތަކަށް ހެދުމުގެ އުންމީދު އާލާވެ، ދިވެހިންގެ ކުރިމަގަށް ހުޅުވިގެންދިޔަ އަލި މަގެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބްރިޖު ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބުރިޖު ހުޅުވަން ރޭ ފާހަގަކުރި މުނާސަބަތަކީ ދިވެހިންނަށް އާ ފަތިހަކަށް އަލިވިލިފައިވާކަމުގެ ހެއްކެއްކަމަށެވެ. ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުޅުމާލެއަކީ 432 ހެކްޓަރުގެ ބިން ހިމެނޭ، 240 ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ޒަމާނާއެއްގޮތަށް ތަރައްޤީކުރަމުންދާ ސިޓީއެއްކަމަށެވެ. ސިނަމާލެ ބުރިޖު ހުޅުވިގެން ދިއުމަކީ ދިވެހިންގެ ހިތްތައް އުފަލުން ފުރިގެންދިޔަ ކަމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ދިވެހިން މިހާރު ވަނީ ބުރިޖު ހުރަސްކޮށް އުންމީދުގެ ޝަހަރަށް ދަތުރުކުރުމަށް ކެތް މަދުވެފައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފަދަ މަޝްރޫޢެއް ހިންގެވުމަށް އެމަނިކުފާނުގެ ސަރުކާރަށް ހިތްވަރު ލިބިވަޑައިގެންނެވީ އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު 1 ކިލޯމީޓަރުގެ ކަނޑުދަތުރެއް، އެތައް ފަހަރަކު ކުރަންޖެހުންކަމުގައެވެ. އެހެންނަމަވެސް މީގެ ކުރިން ބުރިޖު އެޅުމަކީ އިޤްތިޞާދީގޮތުންނާއި، ތަނަވަސްކަމުގެގޮތުން އަދި އަމަލީ ގޮތުން ކުރެވޭނެކަމެއްކަމަށް ގިނަ ބަޔަކަށް ޤަބޫލުކުރެވިފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކަށްވެއިފައިވަނީ ރާއްޖޭގެ ތަރައްޤީއަށް މުހިންމުވެފައިވާ މިފަދަކަންކަން ހާސިލްކުރެއްވުންކަމަށް ވިދާޅުވިއެވެ. ރޭ ހުޅުވިގެންދިޔަ ބުރިޖަކީ ދިވެހިން ޔޫތު ސިޓީ އަދި ދިވެހި ޒުވާނުންގެ އާ މަދީނާކަމުގައިވާ ހުޅުމާލެއަށް ދަތުރުކުރުމަށް ލިބޭ ވަރަށް ބޮޑު އުއްމީދެއްކަމަށާއި، އެމަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވީ ޒަމާނީ ދިރިއުޅުމެއްގެ އުފާވެރިކަން ދިވެހިންނަށް ހޯއްދަވައި ދެއްވައި، ވަޞީލަތްތައް ޤާއިމުކުރެއްވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސިނަމާލެ ބުރިޖު ހުޅުވުމަށް ރޭ ބޭއްވެވި ރަސްމިއްޔާތުގައި، ޗައިނާ ސަރުކާރުގެ މަންދޫބު އަދި ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ހިޒް އެކްސެލެންސީ ވަންގ ޝިއާއޮތައޮއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދާއި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރާއްޖެއާއި ޗައިނާ ސަރުކާރުގެ އިސްބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.