ކޮންމެ ދެ ދިވެއްސެއްގެ މެދުގައި އިހުތިރާމް ކުރުމުގެ "ބްރިޖު" ބިނާކުރަން އިލްތިމާސް ކުރަން: ޑރ. މުއިއްޒު

ހުޅުލެއާއި މާލެއާ ދެމެދު އެޅިގެން ދިޔަ ބްރިޖުގެ އިތުރަށް ކޮންމެ ދެ ދިއްވެއްސެއްގެ ދެމެދުގައި އަދަބާއި އިހުތިރާމް ކުރުމުގެ "ބްރިޖު" ބިނާ ކުރުމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ސިނަމާގެ ބުރިޖު ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އަދުގެ މުޖުތަމައަށް ބަލާއިރު ފަރުދީ ފެންވަރުގައި ގާއިމްކުރަންޖެހޭ ބުރިޖުތައް މި ނޫނަސް ވަރަށް ގިނަ ކަމަށެވެ.

"ވަރަށް މުހިންމު ބުރިޖުތައް އަޅަންޖެހިފައި އެބަހުރި. އެއީ އަޅުގަނޑުމެންގެ ދޭދޭ ގުޅުން ބަދަހިކުރުމުގެ ބްރިޖު، އެއްމުސްލިމް އަޚަކާއި އަނެއް މުސްލިމް އަޚުގެ ދެމެދުގައި އޮންނަންޖެހޭ އަޚުވަންތަކަމުގެ ބްރިޖު،" މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިންނާއި ރައްޔިތުންނާއި އަދި ކޮންމެ ދެމީހެއްގެ ދެމެދުގައި އޮންނަންވީ އިންސާނީ ވަންތަކަމާއި އޯގާވެރިކަމުގެ ބްރިޖު ވެސް ގާއިމް ކުރައްޖެހޭ ކަމަށެވެ. އިހުތިރާމް ކުރުމާއި ކަމޭހިތުމުގެ ރީތި ސިފަ ހިމެނޭ ބުރިޖަކީ ވެސް ގާއިމް ކުރަންޖެހޭ ބުރިޖެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ ކޮންމެ މީހަކު ވެސް ފަރުދީ ފެންވަރުގައި އެމީހަކު އަމިއްލައަށް ގާއިމްކުރަންވީ ވަރަށް މުހިންމު ބްރިޖުތަކެއް. ވީމާ ދިވެހިންގެ އަދަބު އިހުތިރާމް ކުރުމުގެ ބްރިޖު ކޮންމެ ދެ ދިވެއްސެއްގެ މެދުގައި ބިނާ ކުރުމަށް އިލްތިމާސް ކުރަން،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސިނަމާލެ "ބްރިޖަކީ ދެގައުމެއްގެ ރަހުމަތެރި ކަމުގެ ބްރިޖު. މިއީ ވިޔަފާރިއާއި އިގްތިސާދުގެ ބްރިޖް. މިއީ ދޭދޭ ރަހުމްތެރިކަން ބަދަހި ވުމުގެ ބްރިޖު،" ކަމަށެވެ. އެއީ އާއިލީ ގުޅުން ބަދަހިކުރުމުގެ ބުރިޖު ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.