ސުއި ދާގަ ގައި ވަރުން ދަވަން ކުޅެފައިވަނީ އިންޑިއާގެ ފެހުންތެރިއެއް ކަމުގައިވާ މައުޖީ ގެ ރޯލެވެ. ފިލްމުގައި މައުޖީގެ ފުރިހަމައަށް ކުޅުމަށް ފެހުމުގެ ތަމްރީނުތަކުގައި ވަރުން ވަނީ 3 މަސް ހޭދަ ކޮށްފައެވެ. މި ތަމްރީން ތައް ފުރިހަމަކޮށްފަައިވަނީ ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިންނެވެ.
މީޑިއާއަށް ދިން އިންޓަރވިއު އެއްގައި ވަރުން ބުނީ ފިލްމުގައި މައުޖީގެ ރޯލު ހަގީގަތާ އެއްގޮތަށް ވީހައިވެސް މޮޅަށް ކުޅެވޭނީ ފެހުމުގެ ހުނަރު ހުރެގެން ކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ. ވަރުން ފަހަން ދަސްކޮށްދިނީ ފިލްމު ސެޓުގައި މަސައްކަތް ކުރި އިންހައުސް ޓެއިލަރ ނޫރް އާއި ކޮސްޓިއުމް ޑިޒައިނަރ ދަރްޝަން އެވެ. ސްކްރީނުން އޭނާ ބޭނުންވީ މައުޖީގެ މޮޅު ހުނަރު ދައްކާށެވެ.
ވަރުން ބުނި ގޮތުގައި އޭނާ ފަހަން ދަސްކުރަން ފަށައިގަތް އިރު ވަރަށް ބޮަޑަށް މާޔޫސްވިއެވެ. ތިނޯހަސް ރޮދި ލައްވަން އެހައި އުނދަގުލެވެ. އެތައް ފަހަރަކު އަތަށް ތިނޯސް ހެރުނެވެ. ނަމަވެސް ތަމްރީން ފުރިހަމަ ކުރެވުމުން އޭނާއަށް ވަރަށް ބޮޑު ހިތް ހަމަޖެހުމެއް ލިބުނެވެ. އަދި ހަޔާތުގައި އޭނާ އަށް މުޅީން އާ ހުނަރެއް ދަސްވެއްޖެއެވެ. ކޮންމެ ތަމްރީން ކުލާހެއްގައި އޭނާ ދުވާލަކު 4 ގަޑއިރު ހޭދަ ކުރިއެވެ. އޭނާ އަށް ކެމެރާ ކުރިމަތީގައި މައުޖީގެ ހުނަރު ދައްކާލެވުނީ ތަމްރީން ގެ ސަބަބުންނެވެ.
ވަރުން ބުނީ މިހާރު އޭނާ ފަހާ ފޮށްޓަށް ވަރަށް ފަރިތަ އެވެ. ގަމީސް، ފަޓްލޫނު، ބާލީހު އުރަ ފަދަ ތަކެތި ފަހަން އެނގެއެވެ.
ސުއި ދާގަ އަކީ ގައުމި އިނާމް ހާސިލްކޮސްފައިވާ ޕްރޮޑިއުސަރ-ޑައިރެކްޓަރ މަނީޝް ޝަރްމާ އާއި ޝާރާތް ކަޓާރިޔާ 'ދަމް ލަގާ ކޭ ހައިޝާ' އަށް ފަހު އެކުގަިއ މަސައްކަތް ކުރާ ދެވަނަ ޕްރޮޖެކްޓެވެ. ފިލްމް ސިނަމާތަކަށް އަންނާނީ ސެޕްޓެންބަރު މަހުގެ 28ވަނަ ދުވަހުއެވެ.