(11 އޮކްޓޯބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
“ނޫން- އެހެންނެއް ނޫން- ޠޫފާން އަޔަސް ނަޔަސް އޭނާ މަރުވާން އޮތީ އަހަރެންގެ އަތުން- އޭނާ ތިންމަސް ދުވަސް ވާންދެން އަހަރެންގެ ދިރިއުޅުމާ ކުޅުނު- އޭނާ ފިޔަވައި އެހެން މީހެއްގެ ޚިޔާލެއް އަހަންނަކަށް ނުކުރެވޭ- އޭނާ ދިޔައީ ބަދުނާމާއި، ލަދުވެތިކަމުގެ ތެރެއަށް އަހަރެން ދަމަމުން- ހީވަނީ އަހަރެންގެ އަތްފައިގައި ކަސްތޮޅު އެޅިފައި ހުރީހެން- އެނބުރި ގެޔަށް އަޔަސް ހަމަޖެހުމެއް ނުލިބޭ- އަނދިރިކަމާއި، ގެއްލުމުގެ އިޙްސާސް ކުރެވުމުން ކުޑަކުއްޖެއްހެން ބާރަށް ރޮވޭ- އަޑަށް ލެވުނުހާ ބާރެއް ލާފައި ފަރުޒާނާ އަށް ގޮވަން- އަހަރެން އެ ނަރަކައިން ސަލާމަތްކޮށް ދިނުން އެދި އާދޭސް ކުރަން- އެކަމަކު ފަރުޒާނާގެ އެއްވެސް ޚަބަރެއް ނުވޭ- ފޯނެއް ނުކުރޭ- ސިޓީއެއް ނުލިޔޭ- އޭނާގެ ބައްޕަ އެއްދުވަހަކު އައި- އަހަރެން އޭނާޔާ ވާހަކަ ދައްކަން އިންކާރުކުރީ- ދުވަސްތައް ފާއިތުވަމުންގޮސް އެއް ދުވަހަކު ފަރުޒާނާގެ ސިޓީއެއް ލިބިއްޖެ- އޭނާގެ ބަނޑު ބޮޑު ވާހަކަ ލިޔެފައި އޮތް- އަދި އަހަރެންގެ ވާހަކަ ޤަބޫލު ނުކޮށް ނަވީންގެ ވާހަކަ ޤަބޫލު ކުރެވުނީތީ މަޢާފަށް އެދިފައި އޮތް- ގެއަށް އެނބުރި އައިސް އައު ދިރިއުޅުމެއް ފަށަން ބޭނުން ވާހަކަވެސް ލިޔެފައި އޮތް- އަހަރެން އެސިޓީ ކިޔަމުން ގޮސް ހިތުދަސް ކުރިން- ނަވީންއަށް ވެސް އެސިޓީ ކިޔައިދިނިން- އޭނާހީނގެންފައި ތިމަންގެ ބަނޑުގައި އޮތް ދަރިޔަށްހަދާނީ ކިހިނެއްހޭ އެހި-”
“ކަލޭގެ ދަރިފުޅު މިހާރު ކޮބާ-؟” ޞާބިރު އަހައިލިއެވެ.
“އަހަރެންގެ ޝަރީޢަތް ހިނގަމުން ދިޔަ ދުވަސްވަރު ބައިގެން ދިޔައީ-”
“ނަވީން ޙަޤީޤަތުގައިވެސް ބަނޑު ބޮޑުވީތަ-؟”
“އެއީ ހުސް ދޮގު- އޭނާގެ ބަނޑު ބޮޑުވިޔަސް އަހަންނަކާ ގުޅުމެއް ނެތް- އެއީވެސް އަހަރެން މަޅިއަކަށް ފައްތަން ވެގެން ދެއްކި ވާހަކައެއް- ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އަހަރެން ޙާޞިލު ކުރާނަމޭ، ފަރުޒާނާޔާ އަހަންނާ ގުޅުނަ ނުދޭނަމޭ އޭނާ ބުނި- ބަލިވެ އިން ވާހަކަ މީހުންނަށް ޤަބޫލު ކުރެވޭ ވަރަށް ދައްކާނަމޭ ބުނި- އަދި ފަރުޒާނާޔާ ބެހޭ ގޮތުން ވަރަށް ހުތުރު ވާހަކަ ދައްކަން ފެށި- އަހަރެންގެ ގާތަށް ރުޅި އަތުވެއްޖެ- އޭނާ ހިމޭން ކުރެވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރިން- އެކަމަކު އޭނާގެ ހުތުރު ވާހަކަތައް ދިޔައީ ކުރިއަށް- އަހަރެންގެ އަތް އޭނާގެ ކަރާ ހަމައަށް ދިޔައިރެއްވެސް ނޭނގޭ- އޭނާ ހިނިތުންވަމުން ހުތުރު އެއްޗެހި ކިޔަމުން ދިޔައީ- އަހަރެން ދިޔައީ އޭނާގެ ކަރަށް ބާރު ކުރަމުން- އޭނާ ދިޔައީ ހިނިތުން ވަމުން- ހީވަނީ އަހަރެންގެ އަތުން މަރުވުމަކީ ލިބޭ އުފަލެއް ހެން- ހިމޭން ކަމާއެކު އެއްވެސް ގަދައެއް ނުދައްކާ އޭނާ މަރުވެއްޖެ- އޭނާ ބޭނުންވީ އަހަރެންގެ އަތުން މަރުވާންކަން ޔަޤީން-” ނަޞީރު ހިމޭން ވެއްޖެއެވެ.
“ހާސް ނުވޭ- ޖަލުން މިންޖުވީމާ މުޅިން އާ ދިރިއުޅުމެއް ފެށިދާނެ-” ޞާބިރު އޭނާއަށް ހިތްވަރު ދިނެވެ.
“އާނ- އަހަންނަށް އެނގޭ- އަހަރެންގެ ނިތްކުރީގައި އޮންނާނީ މީހުން މަރާ މީހެއް ކަމަށް ލިޔެވިފައި- މީހުން އަހަރެން ދެކެ ބިރުގަންނާނެ- އަހަންނަކަށް ވަޒީފާއެއް ނުލިބޭނެ- އެއީ މުޅިން އާ ދިރިއުޅުމެއްނު ދޯ-؟
“މަޑުމަޑުން ގޮސް ހުރިހާ ކަމެއް ރަނގަޅު ވެދާނެ-”
“އަހަންނަކަށް ފަރުޒާނާޔާ ރަނގަޅަށް ވާހަކަވެސް ނުދެއްކުނު-” ނަޞީރު ވަރަށް ދެރަވެފައި ބުންޏެވެ.
“ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިންތަ-؟”
“އޭނާގެ ވިސްނުން ހުރި ނެތް ގޮތެއް އަހަންނަކަށް ނޭނގޭ-”
“ދުނިޔޭގައި އެންމެ ބޮޑެތި ހިތާމަތައް އުފުލަނީ އަމިއްލަ ނަފުސުގެ މައްޗަށް ބާރު ފޯރުވަން ދަންނަ މީހުން-” ޞާބިރު ބުންޏެވެ. “އެމީހުން ހިތާމަ ފާޅު ކުރެވޭކަށްވެސް ނޯވޭ-”
ނަޞީރު ޞާބިރާ ދިމާއަށް ފުންކޮށް ބަލައިލިއެވެ. “ކަލެއަށް ފަރުޒާނާގެ ގޮތް ނޭނގެނީ-”
“ތިޔައީ ތެދެއް- ކަލެއަށް ހީވަނީ ކަލެއަށް އޭނާގެ ގޮތް އެނގޭ ކަމަށްތަ-؟”
“އިޤަބާލު އަޙްމަދު އޭނާގެ މައްޗަށް ގަދަވެ ގަންނާނެ-” ނަޞީރު އޭނާގެ ވާހަކަ އަޑު ނީވޭ ކަމަށް ހަދައިލައިފައި ބުނެލިއެވެ.
* * *
ފަރުޒާނާ ކްލަބްގައި އިނދެގެން ވިސްނަނީއެވެ. މިތަނަށް އައީ ކީއްކުރަންހޭ މީހަކު އަހައި ފިއްޔާ ބުނާނީ ކީކޭހެއްޔެވެ؟ އޭނާގެ އެކަނިވެރިކަމާއި، މިރީތި ރެއަށް ފިލަން އައީއޭ ބުނާނީއެވެ. އޭނާ އިޤްބާލަށް ފޯނު ކޮށްފައި ކްލަބަށް އަންނާށޭ ބުނެފިއެވެ. އެ ދެމީހުން ވަރަށް ގިނައިރު ވާންދެން ވާހަކަ ދެއްކިއެވެ. ރޭ ދެބައިވެ މީހުން ގެއަށް ދާން ފެށީމާ އިޤްބާލު ބުނެލިއެވެ. “ހިނގާ- ގެއަށް ގެންގޮސް ދޭނަން-”
ފަރުޒާނާ ދިޔައީ ސިއްސައިގެންނެވެ. “އަހަރެން އެކަނި ކޮށްފައި ނުދާނަންތަ-؟” އޭނާގެ އަޑުގައި ވަނީ ބިރުވެރި ކަމެވެ.
“ގައިމެއްނު-”
ފްލެޓަށް ގޮސް އޭނާ އެނދުގައި އޮށޯވެއްޖެއެވެ. “ދެން އަހަންނަކަށް ކެތެއް ނުކުރެވޭނެ-”
އިޤްބާލުގެ ހިތް ނަށަން ފަށައިފިއެވެ. “ކެތް ކުރާނެވެސް ކަމެއް ނެތް- ފުރާނަޔާ-”
ފުރާނަޔާ- އޭނާއަށް މި ލަފުޒު ވަރަށް ކަމުދެއެވެ. ނަޞީރު އޭނާއަށް ގޮވަނީ އެހެންނެވެ. “އިޤްބާލު- އަހަރެން ބޭުނުންވަނީ ރޯން- ކަރުނައިގެ ނިޢުމަތުން މަޙުރޫމުވެފައި އިންނަތާ ލައްކަ ދުވަސް ވެއްޖެ-” ބަލަބަލައި ހުއްޓާ ފަރުޒާނާގެ ލޮލުން ކަރުނަ އޮހިގެންފިއެވެ. ހީވަނީ ވާރޭ ނުވެހޭތާ އެތައް އަހަރެއް ވެފައި ކުއްލިއަކަށް ވާރޭ ވެހިގަތީ ހެންނެވެ. އެކަރުނައިގެ ތެރޭގައި އޭނާ ބެހިގެން ހިނގައިދާނެއޭ ވެސް ހީވިއެވެ.
އިޤްބާލު އޭނާގެ އަތުގައި ހިފަހައްޓައިލިއެވެ.
“ހުރިހާ ކަމެއްވެސް ހަމަ އިހެކޭ އެއްގޮތް-” ފަރުޒާނާ މާޔޫސީއާއެކު ބުނެލިއެވެ. މިހާރުވެސް އިޤްބާލުގެ ބީހުމަކުން އޭނާއަށް އެއްވެސް އަސަރެއް ނުކުރެއެވެ.
“އާނ- އަހަރެންވެސް ހަމަ އިހެކޭ އެއްގޮތް-”
“ނޫން- އިޤްބާލަކަށް އަހަރެން މިބުނި އެއްޗެއް ނުވިސްނުނު- ނުވެސް ވިސްނޭނެ- އަޅާނުލާ-” މިހެން ބުނެފައި ކުއްލިއަކަށް އަހައިލިއެވެ. “އިޤްބާލު- ރޫފީ މަރުވީ އަހަންނާ ހެދިތަ-؟ އަހަންނަށް އޭނާ ސަލާމަތް ކުރެވުނީސްތަ-؟”
“ނޫން- ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް މަރަކަށް ހުރަހެއް ނޭޅޭނެ-”
“އެކަމަކު ނަޞީރު ރޫފީގެ މަރުގެ ޒިންމާ އަޅުވަނީ އަހަރެންގެ ބޮލުގައި- އެއީ ޢާއްމު މީހުންހެން ދެރަވާން އަހަންނަށް ނޭނގޭތީ- ނަވީންހެން އަހަންނަށް ޑްރާމާ...”
އިޤްބާލު އޭނާގެ އަނގަމަތީގައި އަތް އެޅިއެވެ. “ތިޔަ ކަހަލަ ވާހަކަ ނުދައްކާ-”
އޭނާ އިޤްބާލުގެ އަތް ފޮޅުވައިލިއެވެ. “އެހެން މީހުންހެން ރުޅިއާއި، ލޯތްބާއި، ނަފުރަތު ފާޅުކުރަން އަހަރެންވެސް ބޭނުން- އަހަރެން މަންމަ ދެކެ ރުޅި އަންނަން ބޭނުން- މަންމަޔާ ޒުވާބު ކުރަން ބޭނުން- މަންމަ އަބަދުވެސް ބުނޭ ހިތަށް އަރާހައި އެއްޗެއް ފާޅުކޮށްގެން ނުވާނެޔޭ- އެހެންވީމާ ޒުވާބުވެސް ކުރެވޭކަށް ނޯވޭ- އަހަރެންގެ އެހައި ހިތްވަރެއް ނުހުރޭ-” އޭނާ މަޑުމަޑުން ހިނިތުންވެލިއެވެ. “އަހަންނަށް ކުރިން ހީވެފައި އޮތީ އަހަރެން ނަޞީރާ އިނީ މަންމައަށް ކަމެއް ދައްކަން ވެގެން ކަމަށް- އެކަމަކު މިހާރު އަހަންނަށް ޙަޤީޤަތް އެނގިއްޖެ- އަހަރެން ނަޞީރު ދެކެ ލޯބިވޭ- އެއް ދުވަހަކުން އަހަރެމެންގެ ދަރިން ތިބޭނެ- އަހަރެން އެކުދިންނަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން- ލޯބިވާން ދަސްކޮށް ދޭނަން-”
އިޤްބާލުގެ ހިތުގައި ހުޅުރޯވީ ކަހަލައެވެ. ފަރުޒާނާ އެދައްކަނީ އޭނާގެ ދަރިންގެ ވާހަކައެއް ނޫނެވެ. ނަޞީރުގެ ދަރިންގެ ވާހަކައެވެ.
“އޭނާ ޖަލުން ސަލާމަތް ވާއިރު އަދި މުސްކުޅިއެއް ނުވާނެއެއްނު ދޯ-؟” ފަރުޒާނާ އަހައިލިއެވެ.
“އާނ- މުސްކުޅިއެއް ނުވާނެ- އެކަމަކު އޭނާގެ އަތް ފަރުޒާނާގެ ކަރަށް ފިތާކަމުގައި އިޙްސާސެއް ނުކުރެވޭނެތަ-؟”
“ނުކުރެވޭނެ- އެއްގޮތަކަށްވެސް ނުކުރެވޭނެ- އަހަރެން އޭނާ ދެކެ ލޯބިވޭ-”
އިޤްބާލުގެ އުއްމީދުގެ ހުޅުކޮޅު ނިވުނީއެވެ. “ދަރިން ގާތުގައި އެކުދިންގެ ބައްޕައަކީ މީހުން މަރާ މީހެކޭ ބުނަން ކެރޭނެތަ-؟”
“އާނ- އަހަރެން ދަރިންނަކަށް އެއްވެސް ކަމެއް ސިއްރެއް ނުކުރާނަން- ޤަތުލުވެސް އެތައް ގޮތަކަށް ކުރެވޭ ކަމާ، ޤާތިލުންވެސް އެތައް ގޮތަކަށް ތިބޭކަން އަހަރެން ކުދިންނަށް އަންގައި ދޭނަން- މިއަދު ނަޞީރު އަހަރެންގެ ކައިރީގައި ހުރިނަމަ ކިހާ ރަނގަޅު- އެހެންނަމަ އެއްވެސް ގޮތަކުން ނަވީނަށްވުރެ އަހަރެން ދެރަ ނޫންކަން އަންގައި ދިނީމުސް- ޖަޒުބާތު ފާޅު ނުކުރީމާ މީހާ މީހަކަށް ނުވަނީއެއް ނޫން- ހިލަގަނޑަކަށް ވީއެއް ނޫން- މި ކަންތައްތައް ސާބިތުކޮށް ދޭން އަހަރެން ޖެހޭނީ އިންތިޒާރު ކުރަން-”
“އެއީ ކިހާ ދިގު އިންތިޒާރެއްކަން އެނގޭތަ-؟”
“އެއް ގޮތަކަށްވެސް ދިގެއް ނޫން- އަހަރެން އޭނާ ދެކެ ލޯބިވޭ-” ފަރުޒާނާ ސާދާކަމާއެކު ބުނެލިއެވެ. “އަހަންނަށް ބުރައީ ހަމައެކަނި މިރޭ- އިޤްބާލު- ހެނދުނު ޝަބާނާއާއި، ދަރިފުޅުގެ ގާތަށް ގެއަށް ދޭ- އެކަމަކު މިރޭ އަހަރެން އެކަނި ކޮށް ނުލާތި-”
“އަހަރެންގެ އެހީ ފަރުޒާނާއަށް ބޭނުންވި ކޮންމެ ވަގުތަކު ލިބޭނެ-”
(ނުނިމޭ)