އިދިކޮޅުން އުޅެނީ ދިވެހިންނަށް ވެރިކަމެއް ކޮށްދެއްވާކަށް ނޫން: އަދުރޭ

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅުން ވާދަކުރައްވާ ބޭފުޅުން އުޅުއްވަނީ ދިވެހިންނަށް ވެރިކަމެއް ކޮށްދެއްވަން ނޫންކަމަށް ޕީޕީއެމެގެ ނާއިބު ލީޑަރު ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައީސް ޔާމީން ހދ. ނޮޅިވަރަންފަރަށް މިއަދު ވަޑައިގެން އެރަށުގެ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އަދުރޭ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް ޔާމީނަކީ ގައުމު ހިންގެވުމުގެ ތަޖުރިބާ ހުންނެވި، ގައުމަށާއި ރައްޔިތުންނަށް ވަފާތެރި ބޭފުޅެއް ކަމަށެވެ. އިދިކޮޅު ރިޔާސީ ކެންޑިޑޭޓަކީ ކައިރި މާޒީއެއްގައި މިގައުމުގެ ހަމަޖެހުމާއި މަސްލަހަތު ނަގާލައި ބޭރުގައުމެއްގެ އަޅުވެތި ކަމަށް ރާއްޖެ ގެންދިޔުމަށް މަސައްކަތްކުރި ޕާޓީއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ. އެހެންވީމާ ރައީސް ޔާމީން ފަދަ ބޭފުޅަކު ހުންނަވަނިކޮށް އިބޫފަދަ ބޭފުޅުކަށް ވޯޓު ދެއްވުމުގައި ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ވެރިކަމަށް ބޭފުޅަކު ގެންނަވާއިރު އެބޭފުޅެއްގެ ޝަޚުސިއްޔަތާއި، މިޒާޖާއި މާޒީގައި ކަންކަން ކުރައްވާފައިވާ ގޮތާއި އެބޭފުޅެއްގެ ފަސްބަޔަށް ބަލައި ރައްޔިތުން ދިރާސާ ކުރަންޖެހޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެބޭފުޅަކީ ކިހާ ގާބިލްކަމަކާއި ހިތްވަރަކާއި ފަންވަރެއް ހުރި ބޭފުޅެއްތޯ ވެސް ރައްޔިތުން ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަންކަމަށް ބަލާއިރު ސުވާލު އުފެދޭވަރަށްވުރެ ރައީސް ޔާމީންގެ ހިތްވަރާއި، ކެތްތެރިކަމާއި އިލްމީ ގާބިލްކަން މާމަތިވެރި ކަމަށް އަދުރޭ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ގައުމަކީ ކުރިއަރައިގެންދާ ގައުމެއްގެ ގޮތުގައި ދާން ބޭނުންކަމުގައި ވަނީ ވިއްޔާ މިއަންނަ މަހުގެ ތޭވީސް ވަނަދުވަހު ނުކުމެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތިޔަބޭފުޅުން ވޯޓު ދެއްވާށޭ،" އަދުރޭ ވިދާޅުވިއެވެ.

ރަނިންމޭޓުންނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައިދާކީ އިސްލާމީ ގައުމެއް ބިނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް އެއްބާރުލެއްވުން ރާއްޖެއިން ނުލިބޭނޭ ވަރުގެ ތަޖުރިބާއާއު ގާބިލްކަމާއި އިލްމު ހުރި ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ރަނިންމޭޓާއި ކެންޑިޑޭޓަކީ ދުވަހަކުވެސް ސަރުކާރެއް ހިންގެވުމުގެ ދާއިރާގައި އުޅުއްވައިފައިނުވާ ދެބޭފުޅުން ކަމަށް ވެސް ވިދާޅުވިއެވެ. ގައުމެއް ހިންގެވުމުގެ ތަޖުރިބާނެތް ބޭފުޅަކު ގައުމެއް ހިންގަން އުޅުއްވީމައި ވީގޮތް ކައިރި މާޒީއެއްގައި ދިވެހިންވަނީ ތަޖުރިބާކޮށްފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ ވެރިކަމުގައި ރައީސް ނަޝީދަށް ސަރުކާރު ހިންގަން ލިބިވަޑައިގެންނެވުމުން އެކަން ނުކުރެއްވުނީ މީގެ ކުރިން ދުވަހަކުވެސް ސަރުކާރެއްގެ ތެރޭގައި އެމަނިކުފާނު މަސައްކަތް ކުރައްވާފައިނެތުމުން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. "ހަމައެއާއެކީގައި އެބޭފުޅުންގެ ކަންކަން ހުރިމަގަށް ވިސްނާއިރު އެބޭފުޅުން އެ އުޅުއްވަނީ ދިވެހިންނަށް ވެރިކަން ކޮށްދެއްވާކަށްނޫން. އެކަން އަޅުގަނޑުމެންނަށް އެބޭފުޅުންގެ ވާހަކަތަކުން އެބަ ދޭހަވޭ،" އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ގައުމިއްޔަތު އިސްކުރަންޖެހޭ ވަގުތުކަމަށެވެ. ސިޔާސީ ފިކުރު އެއްފަރާތް ކޮށްފައި ގައުމަށްޓަކައި ކަންކަން ކޮށްދޭންޖެހޭނެ ވަގުތު އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިވަގުތު ސިޔާސީ ޕާޓީއަށްވުރެ ދީނާއި ގައުމު އިސްނުކޮށްފި ކަމަށްވާނަމަ ހިތާމަކޮށް ރޯންޖެހޭނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.