ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުން ދެއްވާ ވޯޓު ގެއްލިގެން ނުދާނެ ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ށ. ފޯކައިދުއަށް ވަޑައިގެން އެރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ދިވެހި ދައުލަތުގެ މައްޗަށް ބޭރުގެ ނުފޫޒު އިންތިހާއަށް އޮތްކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީން ވަނީ އެ ނުފޫޒުތައް ކުޑަކުރައްވައިފައި ކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރު އަލުން ޖީއެމްއާރު އަތުން ހޯއްދަވައި ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެއްސެވި ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރަށް ހޮސްޕިޓަލްތަކާއި އެއާޕޯޓުތައް އާންމުކޮށް އަޅުއްވަން ފެއްޓެވި ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
އެމަނިކުފާނު މިހިސާބަށް ގައުމު ގެނެސްދެއްވައި ނަސްރު ހޯއްދަވާފައިވަނީ ސިޔާސީ ގޮތުން ދިމާވެ ވަޑައިގެންނެވި ހުރަސްތަކަށް ގޮންޖައްސަވައި އެމަނިކުފާނު ގިނިކަންޏާ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ. ސިޔާސީ ގޮތުން ދިމާވެ ވަޑައިގެންނެވި އެއްވެސް ކަމެއްގެ ބުރަ އުފުއްލަވަން ރައްޔިތުންނަށް ނުޖައްސަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީނަކީ އިލްމީ ގޮތުން ވެސް ފުންނާބު އުސް ބޭފުޅެއް ކަމަށެވެ. އެމަނިކުފާނަކީ "ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް. ރައްޔިތުންގެ މަޖިލީހުގައި ވަރަށްގިނަ އަހަރުތަކެއް ވަންދެން މެންބަރުކަން ކުރައްވައިފައިވައި އަދި ދިވެހި ދައުލަތުގެ ވަޒީރުކަން ކުރައްވައި އިގްތިސާދީ އެތައް މުއައްސަސާއެއް އުފައްދަވައި އެތަންތަން ތަރައްގީ ކުރެއްވި ތަޖުރިބާކާރު އިލްމީ ބޭފުޅެއް،" ޝަހީމް ވިދާޅުވިއެވެ.
ދިވެހިގައުމުގެ ރިޔާސަތުގައި ހުންނަވަންވާނީ އިލްމީ ގޮތުން ފުންނާބު އުސް، ދުނިޔޭގައިޖެހޭ އޮޔާއި ވަޔާއި، ގަދަކަނޑުގައި މިނައު ދުއްވަންކެރޭފަދަ މީހެއް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. އެކަމަށް ރައީސް ޔާމީން ނޫން ދެވަނަ ޝަޚުސިއްޔަތެއް ދިވެރާއްޖޭގެ ސިޔާސީ މަސްރަހުން ފެނިވަޑައި މުގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމާ ތިޔަ ބޭފުޅުންގެ އަރިހުން އަޅުގަނޑު އެދެނީ ތޭވީސް ސެޕްޓެމްބަރުގައި މި ނަގާ ވޯޓު ތިޔަ އެންމެހާ ލޮބުވެތި ރައްޔިތުން، މިރަށުގެ ރައްޔިތުން، ހުރިހާ ޕާޓީއެއްގެ މެމްބަރުން، އެންމެހާ ބޭފުޅުން ފަސްޖެހި ވަޑައިގަތުމެއްނެތި ރައީސް ރައީސް ޔާމީނަށް ވޯޓު ދެއްވާށޭ. ތިޔަ ބޭފުޅުންގެ ވޯޓަކީ ގެއްލިގެންދާނެ އެއްޗެއް ނޫން. މާތްﷲ އިރާދަ ކުރެއްވިއްޔާ ތޭވީސް ސެޕްޓެމްބަރުގައި މިނަގާ ވޯޓުގައި ދިވެހިރާއްޖޭގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނެ،" ޝަހީމް ވިދާޅުވިއެވެ.