ފިޔާތޮށި ކުލަ އެހެން ބަޔަކު ބޭނުން ނުކުރުމަށް ޕީޕީއެމުން އެދެފި

ޕީޕީއެމްގެ ރަސްމީ ކުލަ، ފިޔާތޮށި (މެޖެންޓާ) އަކީ ޕީޕީއެމަށް ރަޖިސްޓްރީ ކޮށްފައި ވާ ކުލައެއް ކަމަށާއި އެޕާޓީން ފިޔަވާ ސިޔާސީ އެއްވެސް ފަރާތަކުން އެ ކުލަ ބޭނުން ނުކުރުމަށް ޕީޕީއެމުން އަންގައިފިއެވެ.

ޕީޕީއެމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެންޕޭނުގެ އެކި ހަރަކާތްތަކުގައި އެމްޑީޕީން އެކުލަ ބޭނުން ކުރަމުންދާ ކަމަށެވެ. "އެނގިވަޑައިގަންނަވާނެ ފަދައިން މެޖެންޓާ ނުވަތަ ފިޔާތޮށި ކުލައަކީ މިޕާޓީގެ މައްޗަށް ރަޖިސްޓްރީ ކުރެވިފައިވާ އަދި މިޕާޓީއަށް ނިސްނަތްވާ ކުލައެވެ. މިޕާޓީގެ މައްޗަށް މިކުލަ ރަޖިސްޓްރީ ވުމުގެ ނަތީޖާއެއްގެ ގޮތުން ސިޔާސީ މައިދާނުގައި މިކުލަ ބޭނުންކުރެވޭނީ ހަމައެކަނި މިޕާޓީއަށެވެ.،" ޕީޕީއެމުން ބުނެފައިވެއެވެ.

"މިޕާޓީން ދެކޭގޮތުގައި ރިޔާސީ އެހެން ކެންޑިޑޭޓެއްގެ ކެމްޕޭނުގައި މިޕާޓީގެ ކުލަ ބޭނުން ކުރުމަކީ އެއްވެސް ފަރާތަކަށް ގާނޫނީ ގޮތުން ލިބިފައިވާ ހައްގެއް ނޫނެވެ. އަދި އެއީ މިޕާޓީގެ ކެންޑިޑޭޓުގެ އިންތިޚާބީ ހައްގުތަކަށް އުނިކަން އަންނާނެ ކަމެކެވެ." އެބަޔާނުގައި ބުނެފައިވެއެވެ.

އެހެން ކަމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕޭން ފިޔަވައި އެހެން ކެމްޕޭނުތަކުގެ ކެމްޕޭނު ޕޯސްޓަރު ތަކުގައްޔާއި، ޖަލްސާތަކާއި ކެމްޕޭނުގެ އެހެން ހަރަކާތްތަކުގައި ފިޔާތޮށި ކުލަ "ބޭނުން ކުރެއްވުން ހުއްޓާލެއްވުމަށް" އެ ޕާޓީގެ ބަޔާނުގައި އެދިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.