އިންތިޚާބު ކާމިޔާބު ކުރަން މަސައްކަތް ކުރަނީ އަމިއްލަ ބޭނުމެއްގައި ކަމަށާއި، އެ ބޭނުމަކީ ގައުމަށް ޚިދުމަތް ކުރުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ވިދާޅު ވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ސިޔާސީ ޕާޓީ ތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކަށް ވާހަކަފުޅު ދައްކަވަމުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނުތައް ބަދަލު ކުރަނީ އިންތިޚާބު ކާމިޔާބު ކުރައްވަން ކަމަށާއި އެއީ ރައްޔިތުންގެ ހައްގުގައި ކުރާ ކަމެކެވެ. އެމްޑީޕީގެ ވެރިކަމުގައި ގާނޫނީ އިމުގެ ތެރެއިން، ގާނޫނަށް ބަދަލު ގެނެސްގެން ކަންތައް ކުރަން ނޭނގުމުގެ ސަބަބުން ގާނޫނާ ޚިލާފަށް ކަންތައްތަކެއް ކުރި ކަމަށް ވިދާޅުވެ، އެމްޑީޕީއަށް ފާޑު ވިދާޅުވިއެވެ.
"ގާނޫނު އަސާސީއާ ޚިލާފު އެއްވެސް ގާނޫނަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރާނަން." ޢަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ގާނޫނެއް، ގާނޫނު އަސާސީއާ ޚިލާފު ކަމަށް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޢަބްދުއްރަހީމްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ ޕީޕީއެމްގައި އެއްވެސް ބައިބައިވުމެއް ނެތް ކަމަށާއި ޕީޕީއެމް ކުރިއަށް ދަނީ ރަނގަޅަށް ކަމުގައެވެ. ޕީޕީއެމްގެ ނަމުގައި ވަކި މީހަކު ހިންގާ ކަމެއް ކުރިއަށް ދިއުމަކީ ޕާޓީ ބައިބައި ވުން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއަދު ބަހުސު ކުރަމުން ގެންދާ އިސްލާހަކީ ޕްރައިމަރީއެއްގައި ނާކާމިޔާބުވާ މީހަކަށް އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ނަމުގައި އެ އިންތިޚާބުގައި ކުރިމަތި ނުލެވޭނޭ ކަމަށް ބަޔާންކޮށް ގެންނަ އިސްލާހެކެވެ. މި އިސްލާހާ ދެކޮޅު ހައްދަވަނީ ސަރުކާރާ އިދިކޮޅަށް ވަކާލާތު ކުރައްވާ މެންބަރުންނެވެ. އޭގެ ތެރޭގައި ރައީސް މައުމޫނަށް ތާއީދު ކުރައްވާ ޕީޕީއެމްގެ މެންބަރުންވެސް ހިމެނެއެވެ. އިދިކޮޅަށް ވާހަކަފުޅު ދައްކަވާ ބޭފުޅުން ވިދާޅު ވަނީ އެއީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ ށަވިޔަންޏާ ޚިލާފު އިސްލާހެއް ކަމުގައެވެ. އެ އަކުރުގައި އޮންނަނީ އިންތިޚާބުތަކުގައި އެކި މަގާމުތަކަށް ކުރިމަތި ލުމުގެ ހައްގު ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަމުގައެވެ.
މި އިސްލާހަށް ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ މައުމޫން ފިރުގާގެ ބޭފުޅެއް ކަމަށްވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާ ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަ ކުރައްވާ ބޭފުޅަކަށް ޕްރައިމަރީ ކާމިޔާބު ނުކުރެއްވުނީމާ ނުކުމެވަޑައިގެން އަމިއްލަފުޅު ގޮތުން ކުރިމަތި ނުލެއްވޭނޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި، އެހެން ނަމަވެސް މި އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށެވެ.