މާފުށީގެ މުދާވެރިކަން ވަނީ 300 މިލިއަނަށް އަރާފައި: އިބޫ

މާލެއަތޮޅު މާފުށްޓަށް ރައީސް ނަޝީދު ގެސްޓް ހައުސް ވިޔާފާރި ތައާރަފް ކުރެއްވުމުން އެރަށުގެ މުދާވެރިކަން މިހާރުވަނީ 300 މިލިއަނަށް އަރައިފައި ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އެރަށުގައި "ޑޮލަރު ޖަގަހަ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެރަށު ބިމުގެ އަގު %800 މައްޗަށް ގޮސްފައިވާ ކަމަށާއި ވިޔަފާރި %500 ކުރިއަރާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުގެ ބޯހިޔާވަހިކަން ބޭނުންވާ ރައްޔިތުންވެސް އެބަ ތިބި ކަމަށާއި ނަމަވެސް ބިން ފުރިފައި ވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރަށް އެހެން ރަށުގެ މީހުންވެސް މާފުއްޓަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ކައުންސިލްތައް ބާރުވެރި ކުރުވާ، ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނޭ ކަމަށެވެ. އަދި ރަށްތައް ތަރައްގީ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވޯޓާ ސްޕޯޓްސް ސެންޓަރުތައް ކުރިއެރުވުމަށް ސަރުކާރުން ޒުވާނުން ތަމްރީނު ކުރާ ޕްރޮގަރާމުތައް ހިންގާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ލޯކަލް ޓޫރިޒަމުގެ ނަފާ ސީދާ ރައްޔިތުންނަށް ލިބޭ ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންގެ ޖީބަށް ޑޮނޮލަރު ވަންނަ ކަމަށްވެސް ވިދާޅުވިއެވެ. އިބޫ ވިދާޅުވީ ލޯކަލް ޓޫރިޒަމަށް ދައުލަތުގެ ބަޖެޓުން މިހާރު ކުރަމުންދާ ޚަރަދު ކުޑަކަމަށާއި އެބޭފުޅުންގެ ވެރިކަމެއްގައި މި ބަޖެޓު 3 ގުނަ ބޮޑުކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.