ޒުވާނުންގެ ޖީބު އެންމެ ތަނަވަސް ގައުމަކީ ރާއްޖެކަމަށް ހަދަން ބޭނުން: ރައީސް

ރާއްޖެ ހިމެނޭ ސަރައްހައްދުގެ ގައުމުތަކުގެ ތެރެއިން ޒުވާނުންގެ ޖީބު އެންމެ ތަނަވަސް ގައުމަކީ ދިވެހިރާއްޖޭގެ ޒުވާނުން ކަމަށް ހައްދަވަން ބޭނުންފުޅުވާ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވިލިމާލޭގައި ޕީޕީއެމުން މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

"މިސަރަހައްދުގައި އޮންނަ އެންމެ ފަޚުރުވެރި ގައުމަކީ، މިސަރަހައްދުގައި އޮންނަ އިގްތިސާދީގޮތުން އެންމެ ފުދުންތެރި ގައުމަކީ، މިސަރަހައްދުގެ ޒުވާނުންގެ ޖީބު އެންމެ ތަނަވަސް ގައުމަކީ ދިވެހިރާއްޖޭގައި އުޅޭ ޒުވާނުން ކަމަށް ހަދަން އަޅުގަނޑު ބޭނުންވޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖެއަކީ ދުނިޔެއަށް މޮޑެލްއެއްގެ ގޮތުގައި، މޮޑެލް ސިޓީއެއްގެ ގޮތުގައި ދައްކަވަން ބޭނުންފުޅުވާ ކަމަށެވެ. އަދި މޮޑެލް ދައުލަތެއްގެ ގޮތުގައި ހައްދަވަން ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ މޮޑެލް ދައުލަތަކަށް ހަދަން ބޭނުން ކަމަށްވަނަމަ އިސްތިގުލާލާއި، ސިޔާދަތާއި، މިނިވަންކަން ފުރިހަމަ ގައުމަކަށްވާން ޖެހޭ ކަމަށެވެ. "މޮޑެލް ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ހަދަން ބޭނުން ކަމަށްވަންޏާ ފުރިހަމަ އިސްތިގުލާލު، ފުރިހަމަ ސިޔާދަތު، ފުރިހަމަ މިނިވަންކަން އަޅުގަނޑުމެންގެ އަތުގައި އޮންނަން އެބަޖެހޭ،" ރައީސް ވިދާޅުވިއެވެ.

ސިޔާސީ ބޭފުޅުންނަށް އެމަނިކުފާނު ވިދާޅުވީ މަދުބައެއްގެ ހައްގުގައި އެންމެން ދެކެން ބޭނުންވާ ހުވަފެނަށް ހިޔަނި ނޭޅުއްވުމަށެވެ. އަދި މިނިވަންކަމާއި ސިޔާދަތަށް އެއްވެސް ކަހަލަ ބަނަކަމެއް އަތުވެދާނެ ކަމެއް ނުކުރެއްވުމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ސީޔާސީ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ މަދު ފަރުދުންކޮޅެއްގެ ހައްގުގައި އަޅުގަނޑުމެން އެންމެން ދެކެން ބޭނުންވާ ހުވަފެނަށް ހިޔަނި ނާޅުއްވާށޭ. އަޅުގަނޑުމެންގެ ސިޔާދަތަށް އަޅުގަނޑުމެންގެ މިނިވަންކަމަށް ބަނަވާ އެއްވެސް ކަމެއް ނުކުރައްވާށޭ. މިއަދު ވެސް ތިޔަ ބޭފުޅުންގެ ގޮވެލިފަތީގެ އަޑުމިހުރީ މި މިސްރާބަށޭ،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.