އިގްތިސާދީ ގޮތުން ކުރިއަރާނެ އެތައް ގޮތެއް ރާއްޖޭގައި އެބަހުރި

އިގްތިސާދީ ގޮތުން ރާއްޖެކުރިއަރާނެ އެތައް ގޮތެއް އެބަހުރި ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސީލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކ.މާފުށީ "ޑޮލަރު ޖަގަހަ" ހުޅުއްވައި ދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. އިބޫ ވިދާޅުވީ އިގްތިސާދީ ގޮތުން ރާއްޖެ ކުރިއަރައިގެންދާނެ ކަން މާފުށިން ވެސް ފެންނަމުންދާ ކަމަށެވެ.

ރާއްޖެ އަކީ ގުދުރަތީ ގޮތުން މުއްސަނދި ގައުމެއް ކަމަށާއި އާމްދަނީ ލިބޭނެ، އިގްތިސާދީ ގޮތުން ކުރި އަރާނޭ އެތައް ގޮތްތަކެއް ރާއްޖޭގައި އެބަހުރި ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މާފުށީގެ އާބާދީއަކީ 1900 މީހުން ކަމަށެވެ. އެހެން ނަމަވެސް އޭގެ ތިންގުނަ އެރަށުގައި އުޅެމުންދާ ކަމަށެވެ. އަދި ވަޒީފާގައި 1200 މީހުންނަށްވުރެ ގިނަ މީހުން އުޅެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އަދިވެސް އެރަށުގައި ވާޒީފާގެ ފުރުސަތު އެބަހުރި ކަމަށްވެސް އިބޫ ވިދާޅުވިއެވެ. އެފަދަ ދެވަނަ ރަށެއްރާއްޖޭގައި ނެތްކަމަށާއި އެގޮތަށް ދިމާވީ މުސްތަގުބަލަށް ވިސްނައިގެން ހިކުމަތްތެރިކަމާއެކު ކަންކަން ކުރެއްވުމުން ކަމަށް އިބޫ ވިދާޅުވިއެވެ.

މާފުށްޓަށް ގެސްޓްހައުސް ވިޔަފާރި ތައާރަފް ކުރެއްވީ އެމްޑީޕީގެ ވެރިކަމުގައި ރައީސް ނަޝީދެވެ. އޭގެ މަންފާ މިހާރު ރައްޔިތުންނަށް ކުރަމުންދާ ކަމަށް އިބޫ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް މައުމޫނުގެ ސަރުކާރުގައި ޕްލޭން ކޮށް ފެއްޓެވި ތަރައްގީގެ ބައިވަރު މަސައްކަތް ރައީސް ނަޝީދުގެ ސަރުކާރުގައި ހުއްޓުމެއް ނުގެނެސް ނިންމަވާފައިވާ ކަމަށެވެ.

މާފުށީގައި 52 ގެސްޓު ހައުސް އަދި 1200 އެނދު އެބަހުރި ކަމާއި 600 އެނދު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި 5 ޑައިވިން ސެންޓަރާއި، 3 ވޯޓަރ ސްޕޯޓްސް ސެންޓަރު އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.